އޭނާއަކީ މިޞުރު މީހެކެވެ. އުމުރަކީ އަދި އެންމެ 38 އަހަރެވެ. ކަންފަތުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނީ ކަންފަތުގެ އެތެރޭގައި ތަންކޮޅެއް ދުޅަވަމުން އަންނަ ކަމަށާއި ޖެހޭނީ އޮޕަރޭޝަނެއް ކުރަން ކަމަށެވެ.
އޮޕަރޭޝަން ކުރަން އޭނާ ބޭނުމެއް ނުވިއެވެ. ތަދު ކަނޑުވާ ބޭސް ކައިގެން ކެތް ކުރެވޭތޯ ބަލަމުން އައީއެވެ. އެއިގެ ހައެއްކަ މަސް ދުވަސްފަހުން ކެތް ނުކުރެވިގެން އަނެއްކާވެސް ޑޮކްޓަރަށް ދެއްކުމުން ބުނީ އޮޕަރޭޝަންކޮށްގެން ދުޅަ ނުނަގައި ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދަށް ދުޅަ ފެތުރިފައިވާ ކަމަށެވެ.
އޮޕަރޭޝަން ކުރުން ނޫން އެއްވެސް ގޮތެއް ނެތުމުން އޮޕަރޭޝަންކުރުމަށްފަހު ޓެސްޓްކުރިއިރު މުޅި ސަރަހައްދަށް ވަނީ ކެންސަރު ފެތުރިފައެވެ. ދިން ފަރުވާތަކަށްފަހު މާތް ﷲ ގެ ވާގިފުޅާއިއެކު އޭނާ މިހާރުވަނީ ކެންސަރުން ސަލާމަތްވެފައެވެ.
ބަލިން ގަދަވުމަށްފަހު އޭނާ އަމިއްލައަށް އެދިގެން ޓީވީއަކަށް ބަޔާނެއް ދިނެވެ. އެބަޔާނުގައި އޭނާ ބުނީ ބަލިވީ ކީއްވެގެންކަން ބުނަން ނުއެނގުނު ނަމަވެސް އޭނާ ބިރުގަތް ކަންތައްތަކެއް މެދުވެރިވެފައިވާ ކަމަށެވެ. އަދި އެކަންކަން އެންމެންނާއި ހިއްޞާކުރަން ބޭނުން ކަމަށެވެ.
އޭނާ ބުނީ ބަންގީގެ އަޑު އިވުމުން އޭނާއަށް އުނދަގޫވި ކަމަށެވެ. ހަމަ އެއީ ތާޅަފިލިތަކުން އެހައި ބާރަށް ގޮަންޖެހޭ އެއްޗެއް ކަމާއިމެދު ސުވާލުކުރެވުނު ކަމަށެވެ. އެހެން ކަމާއިއެކުވެސް އަބަދުވެސް ނަމާދުކުރާ ކަމަށެވެ.
އޭނާ ބުނެފައިވަނީ އޭނާގެ ކަންފަތަށް ކެންސަރު ޖެހުނީ އޭނާއަށް ކުރެވުނު ކުށުގެ ސަބަބުން ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި ސަލާމަތް ވެވުނީ ނަމާދުކޮށް އުޅެވުނީތީ ކަމަށް ވެސް އޭނާ ޤަބޫލުކުރާ ކަމަށެވެ. އަދި މިހާރު އޭނާ ބޭނުންވަނީ ވީހައި ގިނައިން ވިހާ ބާރަށް ބަންގީގެ އަޑު އަހަން ކަމަށެވެ.
އެއްވެސް ކަމެއް މެދުވެރިވުމުން އެކަމެއް މެދުވެރިވީ ކީއްވެގެން ކަމެއް ނުއެނގޭނެއެވެ. ޑޮކްޓަރުންނަށް ވެސް ބުނެވޭނީ ޞިއްޙީ ގޮތުން ފެންނަން ހުންނަ ސަބަބުތަކެވެ. ތިމާއަށް ކުރެވިފައި ހުންނަ އަމަލުތަކަށް ވިސްނައި ފިކުރުކުރުމަކީ އެމީހެއްގެ ކަމެކެވެ. ބުއްދިވެރިންނަކީ ތިމާގެ އަމަލުތަކަށް ވިސްނައި އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރާ މީހުންނެވެ.
- މިޞުރުގެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް