ޞަހާބީން ވެސް މަސައްކަތްޕުޅު ކުރެއްވެވީ ﷲ ތަޢާލާގެ ރުއްސެވުން ހޯއްދެވުމަށެވެ. ސުވަރުގެ ޙާޞިލު ކުރެއްވުމަށެވެ. ޞަހާބީން 20- 30 އަހަރުވަންދެން ބަންގީގެ ކުރިން މިސްކިތަށް ވަޑައިގެން ނަމާދަށް އިންތިޒާރުކުރެއްވެވިއެވެ. މިއަދު އަހަރެމެންގެ ހާލަކީ ކޮބައި ހެއްޔެވެ؟
މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާއި ވަކިވެ ދިއައީ ދާދި އިހަށް ދުވަހުއެވެ. އަދި މިއުޅެނީ ރަމަޟާން މަސް އަޅުގަނޑުމެންނާއި ވަކިވެގެން ދިއަތާ މަސް ދުވަސް ނުވެގެންނެވެ. ސުވާލަކީ އެންމެ ކުޑަމިނުން ރަމަޟާން މަހުގެ ދުވަސްތަކުގައި ﷲ ތަޢާލާއަށް ވީ ވައުދުތައް ހަނދާން ކުރަނީ ކިތައް މީހުން ހެއްޔެވެ؟
ރަމަޟާން މަހު އެތައް ފަހަރަކު ދެންނެވީމުއެވެ. "މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވައިދޭނވެ. ކުރިން މިއަޅާ އުޅުނު ގޮތަކަށް ދެނެއް ނުއުޅޭނަމުއެވެ. ދެން އުޅޭނީ އިނބަ ﷲ އެންގެވި ގޮތުގައެވެ." މިފަދަ އެތައް ގިނަ ވައުދުތަކެއް ވީމުއެވެ.
ރަމަޟާން މަހަށްފަހު މިސްކިތްތައް ބަލައިލުމުން މި އިން އެއްވެސް ވައުދެއް ވީކަމުގެ ނިޝާނެއްވެސް ނުފެނެއެވެ. މިސްކިތްތައް އެދަނީ ފަޅުވަމުންނެވެ. ނަމާދަށް ހަދާ ސަފުތައް އެދަނީ މަދުވަމުންނެވެ.
ރަމަޞާން މަހު ސުންނަތް ކަންތައްތައް ކުރިވަރަށް މިހާރު ނުކުރެވުނު ނަމަވެސް ފަރުޟުތައް ފުރިހަމައަށް އަދާކުރަމުން ގެންދަން ޖެހޭނެއެވެ.
ރަމަޟާން މަސް ނިމިގެންދިއުމަކުން އެކަންކަން ދޫކޮށްލައިގެން ފަރުޖެއްސޭނެ އެއްވެސް ގޮތެއް ނެތެވެ. ޚާއްޞަކޮށް ނަމާދުކުރުމުގައެވެ.
ވީމާ ނަމާދަށް ފުރިހަމައަށް ރައްކައުތެރިވާންޖެހޭނެއެވެ. ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރަން ޚާއްޞަ ސަމާލުކަމެއް ދޭން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެއްވެސް ޙާލެއްގައި ރަމަޟާން މަސް ދިއުމުން މިސްކިތްތައް ދޫކޮށްލައިގެން ނުވާނެއެވެ. މަސައްކަތްކުރަން ވާނީ ވީހައި ބޮޑަށް މިސްކިތްތަކާއި އަހުލުވެރިވުމަށެވެ.
- އިއްޔެގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް މުޙައްމަދު މަންޞޫރު ދެއްވެވި ދަރުސުން