ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ އެންމެ އަގު ބޮޑު ހަދިޔާއަށް އިންތިހާއަށް ރައްކައުތެރިވެއެވެ. އެއަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. ގެންގުޅޭނީ ވެސް ވީހައި ރަނގަޅަކަށް ފޮރުވައިގެންނެވެ.
ލިބޭ ހަދިޔާ އާއި މެދު އެގޮތަށް އަމަލުކުރާއިރު އަނބިދަރިންނާއިމެދު ވިސްނަނީ ކިހިނަކުންހެއްޔެވެ؟ ޢާންމު ދިރިއުޅުމަށް ބަލާއިރު ގިނަ ބައަކު އެންމެ ބޮޑު ޤްރްބާނީއެއް ވަނީ، އަދި އެންމެ ބުރަ މަސައްކަތުން ކުރާ ކަމަކީ ތިމާ އެމީހަކު ދެކެ އެންމެ ލޯބިވާ މިހާއަކީ ތިމާގެ ޙަޔާތުގެ ބައިވެރިޔާ ކަމަށް ހެދުމެވެ. އެކަން ކުރަން އުޅޭއިރު ނުވާ ޤްރްބާނީއެއް ނުއޮންނަ ކަމަށް ބުނެވިދާނެއެވެ.
އެއަށްފަހު ދެން އެންމެ ބޮޑަށް ސަމާލުކަން ދެނީ ދަރިން ހޯދުމަށެވެ. ދަރިންނަށް ބަލިވެ އިނީންސުރެ ވިހަންދެން އަވަދި ނެތި އުޅެނީ ދަރިފުޅަށް މަރުހަބާ ކިޔަން ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. އެކަމަށްޓަކައި ނުވާ ޤްރްބާނީއެއް ނުވަތަ ނުކުރާ ހޭދައެއް ނުއޮވެއެވެ.
ނަމަވެސް ވަކި ހިސާބަކުން ކުއްލިއަކަށް ކަންކަން ބަދަލުވެގެންދަނީ ކީއްވެގެން ހެއްޔެވެ؟ ޢާއިލާގެ ތެރޭގައި އަނިޔާވެރިކަން ފެށެނީ ކީއްވެގެން ހެއްޔެވެ؟ ފިރިން އަނބިންނަށް ކުރާ އަނިޔާތަކާއި އަނބިން ފިރިންނަށް ކުރާ އަނިޔާތަކާއި އަދި ލިބިފައި ތިބި ދަރިންނަށް އަނިޔާކުރަން ފަށަނީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ ކުރިން ދައްކަމުން ގެންދިއަ ހިނިތުންވުންތައް ރުޅި މޫނަށް ބަދަލުވެގެންދަނީ ކީއްވެގެން ހެއްޔެވެ؟ ކުރިން އޮތް ލޯތްބާއި ކުލުނު ނަފްރަތަށް ބަދަލުވެގެންދަނީ ކީއްވެގެން ހެއްޔެވެ؟
ފިރިހެނަކަށް ނަމަ އަނބިދަރިން، އަންހެނަކަށް ނަމަ ފިރިމީހާ އާއި ދަރިންނަކީ ﷲ ތަޢާލާ ދެއްވަވާ އެންމެ އަގު ބޮޑު ހަދިޔާ ކަމުގައި ބަލައި ނުގަނެވިގެން ތިއަ އުޅެނީ ކީއްވެގެން ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ. ތަޤްވާވެރިކަމަށްފަހު މީހަކަށް ލިބޭނެ އެންމެ އަގު ބޮޑު ނިއުމަތަކީ ނުވަތަ އެންމެ ފައިދާ ކުރާނެ ކަމަކީ ހެޔޮ ލަފާ ތަޤްވާވެރި ބައިވެރިއެއްކަން ކައު އިތުރުު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ހަދީޘް ފުޅު ކުރައްވަވާފައެވެ.
ހަމަ އެއާއިއެކު ދިރިއުޅުމުގެ ކަންކަމުގައި އަނބިން ގެންގުޅެން ޖެހެނީ ފިރިމީހާ އާއި އެއް ފެންވަރެއްގައެވެ. އަނބިމީހާ ނުކައި ހުއްޓާ ކެއުމެއް ނެތެވެ. އަނބިހާ ގައިގައި ތަޅާ އަނިޔާ ކުރުމެެއް ވެސް ނެތެވެ. އެންމެ ކުޑަމިނުން ރުޅި އަންނަ ވަގުތު މޫނުގައިވެސް ޖަހައިގެން ނުވާނެއެވެ.
ވަރިކޮށް އިއްދަ ހަމަވުމުން މެނުވީ އެކަނބަލުން ގެއިންވެސް އަދި ކޮޓަރިންވެސް ނުނެރެވޭނެއެވެ. ނުކުންނަނަމަ ނުކުންނަން ޖެހޭނީ ފިރިމީހާއެވެ.
އަދިވެސް ވިސްނާށެވެ. ބައެއް މީހުން ޖިސްމާނީ އަނިޔާ ނުކޮށް ނަފްސާނީ އަނިޔާތައް ކުރެއެވެ. އެއީ ވެސް ހަމަ އަނިޔާވެރިކަމެވެ. ހަޤީޤަތުގައި ޖިސްމާނީ އަނިޔާއަށްވުރެ ނަފްސާނީ އަނިޔާތަކުން ލިބޭ ގެއްލުމާއި އަނިޔާ މާ ބޮޑެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ޙައްޖަތުލްވަދާއުގެ ޚުޠުބާއަށް ބަލައިފިނަމަ އެއީ އެންމެ 5 ޕެރގްރާފްގެ ޚުޠުބާއެކެވެ. އެވަރުންވެސް އެއް ޕެރެގްރާފް ޚާއްޞަ ކުރެއްވެވީ އަންހެނުން ނަށެވެ. އަނބިންނަށް އޯގާތެރިވުމަށާއި އަނިޔާވެރި ނުވުމަށް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އަނބިންނަށް އަނިޔާވެރިވެއްޖެނަމަ އެމީހަކު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުރެ ޖަވާބުދާރީ ވާންޖެހޭނެކަން ވަނީ ބަޔާން ކުރައްވަވައިފައެވެ. ދަރިންނާއިމެދުގައިވެސް މެއެވެ.
ރަނގަޅަށް ވިސްނާށެވެ. ކައިވެނިކުރަނީ ﷲ ތަޢާލާގެ ނަންފުޅުގައެވެ. ﷲ ތަޢާލާގެ ނަންފުޅުގައި ކުރާ ކަންކަން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ނިންމައިލުމަކީ ކިހިނަކުން ކޮށްގެންވާނެ ކަމެއް ހެއްޔެވެ؟ ބިރުވެތިވާށެވެ. ސަމާލުކަންދޭށެވެ! ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައެވެ.!
- ލަވް އިސްލާމްގެ ދަރުސަކުން -