ރަނގަޅަށް ވިސްނާށެވެ. މާތް ﷲ ތިބާ އާއިމެދު އިންޞާފުކުރައްވަވާނީ ތިބާގެ ހަށިގަނޑަށް ބައްލަވައިގެނެއް ނޫނެވެ. ހަށިގަނޑުން ތިބާ ދައްކައިގެން އުޅުނު ބައިތައް ވާނީ ތިބާއަށް ހުރި ބޮޑު ހަލާކަކަށެވެ. މާނައަކީ ދުނިޔޭގައި ތިބާ، ތިބާގެ ހަށިގަނޑުން ދައްކައިގެން އުޅުނު ބައިތައް ގިނަވުމަކީ ތިބާއަށް ޤިޔާމަތް ދުވަހުން ކުރިމަތިވާނެ މުޞީބާތަކަށް ނޫނީ ނުވާނެ ކަމެވެ.
ތިބާ އާއި މެދު އިންސާފުކުރައްވަވާނީ ﷲ ތަޢާލާގެ އެންެގެވުންތަކަށް ތިބާ ބޯލަނބައި ކިޔަމަންވި އަދި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަމަލުކުރި މިންވަރަށް ބައްލަވައިގެންނެވެ. ތިބާ އުފެއްދެވި ﷲ ތަޢާލާގެ އެންގެވުންތަކަށް ލޯބިކުރި މިންވަރަށް ބައްލަވައިގެންނެވެ.
ނިވާކަން ކުޑަކޮށް ހުއްޓައި ފެނުމުން ތިބާއަށް މަރުހަބާ ކިޔައި އޮޅުލާނެ މީހުން ކިތަންމެ ގިނަވުމަކީ ޤިޔާމަތް ދުވަހުން ތިބާއަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ފައިދާއެއް ނުކުރި ތަނުގައި ތިބާއަށް އެކަމުގެ ސަބަބުން ގަދަފަދަ އަޒާބު ލިބިގެންދާނެ ކަމެކެވެ. ވީމާ އާޚިރަތް ބޭނުންނަމަ ނިވާވާށެވެ. ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގެ ތެރޭގައި ހެދުންތައް ބަހައްޓާށެވެ!
ކާފަރުންވެސް އެމީހުންގެ އަނބިދަރިން ނިވާކުރިއެވެ. ޝާހީ ހެދުންތަކަކީ ނިވާކަން ބޮޑު ހެދުންތަކަކަށް ހެދިއެވެ. ޝާހީ ތޮތްޕާއިއެކު މޫނު މައްޗަށް ދައުގަނޑެއް ފަދަ ފޭރާމެއް ވައްޓާލައި މޫނުވެސް ނިވާކުރިއެވެ.
މިއީ މާ ކުރީގެ ވާހަކަތަކެއް ނޫނެވެ. މިހާރުވެސް އެހެރީ ފޮޓޯތައް ފެންނާށެވެ. އަދި ފިލްމުތަކުންވެސް ފެންނާށެވެ. މީގެ 50 ވަރަކަށް އަހަރު ކުރިއަށް ބަލާލައިފިނަމަ މިކަންކަން ވަރަށް ރަނގަޅަށް ފެންނާނެއެވެ.
އިސްލާމް ދީން ބާވައިލެއްވެވުމާއި ހަމައިން ގެއިން ބޭރަށް ނުކުންނަނަމަ އިތުރަށް ނިވާވާން އެންގެވިއެވެ. އެއީ އެއްވެސް ޙާލެއްގައި އެކަނބަލުންނަށް ދެރައެއް ދިނުމަކަށް ނޫނެވެ. އެކަނބަލުންގެ އިއްޒަތާއި ކަރާމާތް ރައްކައުތެރިކުރުމަށެވެ. ނުބައި ބެލުންތަކުން އެކަނބަލުންނަށް ލިބިދާނެ ގެއްލުންތަކުން އެކަނބަލުން ސަލާމަތްކުރުމަށެވެ.
ނިވާކަން ކުޑަ ގޮތަކަށް އެކަނބަލުން ފެނުމުން އެކަނބަލުންނާއިމެދު ފިރިހެނުންގެ ހިތްތަކުގައި އުފެދިދާނެ ނުބައި ޚިޔާލުތަކުން އެކަނބަލުން ސަލާމަތް ކުރުމަށެވެ. ހުރިހާ ގޮތަކުންވެސް އެކަނބަލުންނަށް ރައްކައުތެރިކަން ދިނުމަށެވެ. މިކަންކަން ޤަބޫލުކުރެވި ކާފަރުންވެސް އެގޮތްތައް އިޚްތިޔާރު ކުރިއެވެ.
ނަމަވެސް އެއިގެފަހުން އައި ތަރައްޤީގެ ނަމުގައި މިނިވަންކަމުގެ ނަމުގައި މިއަދު އެންމެ ކުރިއަރާފައިވާ އަންހެނަކީ އެންމެ ހާމަކަން ބޮޑު ގޮތަކަށް އުޅެން ކެރޭ އަންހެނަކަށް މިވަނީ ވެފައެވެ. ފިރިހެނުން އެމީހުންގެ ނިޔަތް ތަޣައްޔަރުކުރީއެވެ. އަންހެނުންނަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ހެދީއެވެ. އެމަޅީގައި އަންހެނުންތައް ޖެހުނީއެވެ. އެކަނބަލުންގެ ހަށިތަކަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް އަމިއްލައަށް ހަދައި ހަށިތައް ހާމަކޮށް ނީލަމަށްލާން ފެށީއެވެ.
ބޮޑެތި ޤައުމުތަކުން ކުދި، ފަޤީރު ޤައުމުތައް ހިފަމުން ދިއަ ދުވަސްވަރަށް ނިކަންބަލައިލަބަލާށެވެ. އެމީހުން އެފްރިކާގެ ޤައުމުތަކަށް އަރައިގަތުމަށްފަހު ކުރަން ފުރަތަމަ އެންގި އެއް ކަމަކީ ނިވާވުމެވެ. ނަމަވެސް މިއަދު ފެޝަނަކަށް ހަދައި ކަންކަން ބަދަލުކުރަމުން ގެންދާ ގޮތަށް ނިކަން ބަލައިލަބަލާށެވެ.
ލޮބުވެތި މުސްލިމުންނޭވެ! އިސްލާމް ދީނަކީ މިގޮތަށް ކަންކަން ބަދަލުކުރެވޭނެ ދީނެއް ނޫނެވެ. ޢައުރައަކީ ކޮބައިކަން ﷲ ތަޢާލާ ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ހެދުން އަޅައި ނިވާކުރަންޖެހޭ ހިސާބު ވަނީ އަންގަވައި ދެއްވަވައިފައެވެ. އެހެންކަމުން އެކަންކަމަކީ ވަކި ޒަމާނެއްގައި ވަކި ދުވަސްވަރެއްގައި ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ.
- މުފްތީ މެންކުގެ ދަރުސަކުން -