ދަރުސް: ހަޤީޤަތުގަވެސް ސުވަރުގެ ބޭނުންވެގެން އުޅޭ މީހާ އާ މިއަދުގެ މީހުންގެ އަމަލުތައް އުޑާ ބިމާހައި ތަފާތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ދަރުސް: ހަޤީޤަތުގަވެސް ސުވަރުގެ ބޭނުންވެގެން އުޅޭ މީހާ އާ މިއަދުގެ މީހުންގެ އަމަލުތައް އުޑާ ބިމާހައި ތަފާތު!
ހަޤީޤަތުގައިވެސް ސުވަރުގެ ބޭނުންވެގެން އުޅޭ މީހާ އާއި މިއަދުގެ މީހުންގެ އަމަލުތައް އުޑާ ބިމާހައި ތަފާތުކަން އަންގައިދޭ ކަންތައްތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. ނަމަވެސް މިދަރުސްގައި ފާހަގަކޮށްލާނީ ހަމަ އެންމެ ކަމެކެވެ.

މިދަރުސްގައި މިފާހަގަކުރަނީ ރޭ އަޅުކަމުގެ ވާހަކައެވެ. ރޭ އަޅުކަމުގެ ވާހަކަ ދައްކަން ޖެހެނީ މިވެނި އެވެނި އިލްމުވެރިއަކު ވިދާޅުވެފައިވާތީއެއް ނޫނެވެ. ﷲ ތަޢަލާ ކީރިތި ޤްރްއާނުގައި އެކަން ބަޔާން ކުރައްވަވާފައިވާތީއެވެ.

ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހާގެ ސިފަތައް ބަޔާން ކުރައްވައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ އެއް ކަމަކީ ރޭގަނޑުގެ ކުޑަ ވަގުތުކޮޅެއްގައި އަރާމުކުރުމަށްފަހު ރޭއަޅުއަކަން ކުރާ މީހާ ކަމަށެވެ.

މިހާރުގެ ދިރިއުޅުމަށްބަލާއިރު މީހުން ނިދަން ވިސްނަން ފަށަނީ ވެސް މެންދަމުން އަލިވުމުންނެވެ. ހަފްލާތަކާއި ރަސްމިއްޔާތުތައްވެސް ރޭގަނޑު ނޫނީ ބޭއްވޭ ކަމަކަށް ނުވެއެވެ. ރޭގަނޑުގެ މެންދަމުން އަލިވުމުން، ،1 2 ޖެހުމުން ނިދާނަމަ ރޭ އަޅުކަމުގެ ބައި ހަދާނީ ކިހިނަކުން ހެއްޔެވެ؟

ރޭގަނޑުގެ ފަހުބައިގައި މިސްކިތްތަކުގައި މީހުން ތިބޭ ހެއްޔެވެ؟ ނޫނީ އެގަޑީގައި ގޭގައި ހޭލާ އިނދެގެން އަޅުކަން ކުރޭހެއްޔެވެ؟ ނިކަން ހިސާބުތައް ހަދައިލަބަލާށެވެ. މިސްކިތްތަކުގައި މީހުން ތިބޭ އަދަދު ގުނައިލަބަލާށެވެ.

ދިރިއުޅުމާއި ގުޅިފައިވާ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްގައި މެނުވީ ޢިޝާ ނަމާދަށްފަހު ހޭލައި ހުރުމެއް ނެތެވެ. އޮތީ އަވަހަށް ނިދުމެވެ. 2 ޖެހުމުން ހޭލައި ރޭ އަޅުކަން ކުރުމެވެ. 2 ޖަހާއިރު ނުހޭލެވޭ ތަނުގައި އެންމެ ކުޑަމިނުން ފަތިސް ނަމާދަށް ހޭލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ފަތިސް ނަމާދުގެ އިހު ސުންނަތުގެ އަގު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑު އިރު އިހު ސުންނަތް ކޮށްލާނެ ވަގުތު އޮއްވައި މިސްކިތަށް ދެވެނީ ކިތަށް މީހުންނަށް ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ސުވަރުގެ އެދިވަޑައިގެންނެވި ޞަހާބީން އުޅުއްވީ މިފަދައަކުން ނޫނެވެ. ރޭގަނޑާއި ދުވާލު އެންމެ ބޮޑަށް ސަމާލުކަން ދެއްވީ ދުނިޔަވީ ކަންކަން ކުރެއްވެވުމަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުއްސެސެވުން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްެވެވުމަށެވެ. ރޭގަނޑު އަވަހާރަފުޅު ލެއްޕެވީ ކުޑަ ވަގުތު ކޮޅެއްގައެވެ. ދެން ހުރި ހުރިހާ ވަގުތުތަކެއް ހޭދަކުރެއްެވެވީ ރޭ އަޅުކަން ކުރެއްވެވުމުގައެވެ.

އެބޭކަލުން ވެސް މަސައްކަތްޕުޅު ކުރެއްވެވީ ހަމަ ސުވަރުގެ އެދިވަޑައިގަންނަވައިގެންނެވެ. މިއަދު އަހަރެމެންވެސް މިބުނަނީ މިއުޅެނީ ހަމަ ސުވަރުގެ އެދިގެން ކަމަށެވެ. ނަމަވެސް އަމަލުކުރާ ގޮތުގައި އުޑާއި ބިމާހައި ބޮޑު ތަފާތެއް އެބަހުއްޓެވެ. އެތަފާތު ނައްތައިލެވިގެން ނޫނީ، ނުވަތަ ތަފާތު ކުޑަކުރެވިގެން ނޫނީ އެއް މިސްރާބަކަށް ދަތުރެއް ނުކުރެވޭނެއެވެ. އެއް މިސްރާބަކަށް ދަތުރުނުކޮށް އެއް މަންޒިލަކަށް ވާސިލެއް ނުވެވޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން