ދަރުސް: އުނިސިފަތައް އިޞްލާޙް ނުކުރެވޭނެ ކަމަށް ބުނާނަމަ އެއީ ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ދަރުސް: އުނިސިފަތައް އިޞްލާޙް ނުކުރެވޭނެ ކަމަށް ބުނާނަމަ އެއީ ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ މީހެއް!
ކޮންމެ މީހަކީ ވެސް ކޮންމެވެސް އުނި ސިފައެއް ނުވަތަ އުނިސިފަތަކެއް ހުންނާނެ މީހެކެވެ. ފަހަރެއްގައި އެމީހަކަށް އެކަން އިޙްޞާޞް ނުކުރެވިދާނެއެވެ، ނަމަވެސް އެހެން މީހުންނަށް އިޙްޞާޞްކުރެވޭނެއެވެ.

އުނިސިފައެއް ތިމާގެ ކިބައިގައި ހުރުމަކީވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ އެކަން އިޞްލާޙް ނުކުރާތީއެވެ. އެންމެ ނުރަނގަޅު މީހުންނަކީ ތިމާގެ ކިބައިގައި ހުންނަ އުނި ސިފަތައް އިޞްލާޙް ނުކުރެވޭނެ ކަމަށް ޤަބޫލުކޮށް އެގޮތުގައި އުޅެން މަސައްކަތްކުރާ މީހުންނެވެ.

އެފަދަ މީހުންނަށް ނީޞްބަތްކުރައްވައި ޢިލްމުވެރިއަކު ވިދާޅުވެފައެވެ. ގެންގުޅޭ ބުޅަލާއި ކުއްތާ އަދި ބޮޑެތި ޖަނަވާރުތައް އެމީހަކު ބޭނުން ގޮތަކަށް ހާނުވައިގެން ގެންގުޅެވޭއިރު އިންސާނާއަށް އެމީހާގެ އުނި ސިފަތައް އިޞްލާޙް ނުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކު ވާނީ ޖަނަވާރުންނަށްވުރެވެސް ދަށު ދަރަޖައިގެ މީހަކަށެވެ.

ޢިލްމުވެރިޔާގެ ބަސްފުޅު އެއީ އެކަން އޮތްގޮތްކަމަށް އަހަރެންވެސް ހިތުގެ އަޑިން ޤަބޫލުކުރަމެވެ. އަދި ތިއަބައިމީހުންވެސް ޤަބޫލުކުރާނެ ކަމަށް އުންމީދުކުރަމެވެ.

މިސާލަކަށް ބުނާނަމަ ރުޅި އިސްކުރުމަކީ ވަރަށް އުނި ސިފައެކެވެ. ހިލޭ އަންހެނުން ނުވަތަ ފިރިހެނުންނާއިއެކު ގުޅުން ހިންގުމަކީ ހަމަ އެހައިމެ އުނި ސިފައެކެވެ. ބޭކާރު ގޮތުގައި ވަގުތުތައް ހޭދަކުރުމަކީވެސް ހަމަ އުނި ސިފައެކެވެ. ތިމާއަށް ނުލިބޭ މިންވަރުން ޚަރަދުކުރުމަކީވެސް ހަމަ އުނި ސިފައެކެވެ. މިފަދަ އުނި ސިފަތައް ބައިވަރެވެ.

މިފަދަ ކޮންމެ ސިފައަކަށް ބެލި ނަމަވެސް މިފަދަ ކޮންމެ ސިފައަކީވެސް ތިމާއަށް އިސްލާޙް ކުރެވޭނެ ކަންކަމެވެ. މިފަދަ އުނި އެއްވެސް ސިފައަކީ ﷲ ތަޢާލާ މީސްތަކުންނަށް މިންވަރު ކުރައްވަވާ ގިލަންވެރިކަމެއް ނޫނެވެ. ކޮންމެވެސް ގޮތަކުން ތިމާގެ ކިބައިގައި އަށަގަންނަ ނުރަނގަޅު ކަންކަމެވެ. އެހެންކަމަށްވާއިރު ތިމާގެ ހަށިގަނޑަށް އެކަންކަން ވަން ފަދައިން ބޭރުވެސް ކުރެވޭނެއެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުން ކާމިޔާބު ކުރެވޭނެއެވެ.

އިމާމް މުފްތީ މެންކް ވިދާޅުވަނީ ދޮގު ހެދުމުގެ އާދަ އަށަގަތުމަކީ ވެސް އުނި ސިފައެއް ކަމަށެވެ. ނަމަވެސް އެއީ މާބޮޑުކަމެއް ކަމަށް ނުދެކެ އެކަން ކުރަމުން ގެންދަނީ ކަމަށެވެ. ފާފަތައް ލިބި ފުނި ޖެހެމުންދާކަން ވެސް ނުއެނގެނީ ކަމަށެވެ.

ހަމައެއާއިއެކު އެހެން މީހުންނަށް އިޙްތިރާމް ނުކުރުމާއި ހަރުކަށި އިބާރާތުންނާއި ބޭއަދަބީ ބަހުރުވައިން ވާހަކަ ދެއްކުމަކީވެސް އަށަގަންނަ އުނި ސިފައެއް ކަމަށެވެ. މިކަންކަމަކީ މާތް ﷲ ރުހި ވޮޑިނުގަންނަވާ ކަންކަން ކަމުގައިވާއިރުވެސް އެކަން ބަލައި ނުގަނެވެނީ ކަމަށެވެ.

ކަންކަން ހުރީ މިފަދައިން ކަމަށްވާއިރު އަހަރެމެން އެންމެންނަކީވެސް އަހަރެމެންގެ ކިބައިގައި ހުރި އުނި ސިފަތައް އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރަންޖެހިފައިވާ ބައެކެވެ. މަސައްކަތްކޮށްފިނަމަ ކާމިޔާބުކުރެވޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން