އަނބިމީހާ ޒިނޭކޮށްފިނަމަ ގިނަ ފަހަރަށް ފުރަތަމަ ކަމަކަށްވެސް ކުރާނީ ވަރިއެވެ. އަދި އެވަރަކުންވެސް ނުފުއްދާނެއެވެ. ތަޅައި އަނިޔާވެސް ކުރާނެއެވެ. ހިތާމައަކީ މިފަދައިން އަމަލުކުރާ ފިރިހެނުންނަށް އެމީހުންނަށް ކުރެވޭ ކުށް އިޙްޞާޞް ނުކުރެވޭ ކަމެވެ. ހިލޭ އަންހެނުންނާއިއެކު ތިމާ ގުޅުން ހިންގަން ފަސްނުޖެހޭ ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ޢާއިލާތަކުގެ ތެރޭގައި، ދެމަފިރިންގެ މެދުގައި މިފަދަ ނޭދެވޭ އަމަލުތައް ކުރެވެނީ އޮންނަން ޖެހޭ ގުޅުންތައް ދެމެހެއްޓުމުގައި އިހުމާލުވެވޭތީއެވެ. ފުރަތަމަ ފެށެނީ ވަރަށް އާދައިގެ ކަންކަމުގައި އުފެދޭ ޚިޔާލުތަފާތުވުންތަކުންނެވެ. ވެވޭ ދެބަސްވުންތަކުންނެވެ.
ރަނގަޅަށް ވިސްނާށެވެ. އެއްވެސް ދެމަފިރިއެއްގެ މެދުގައި އެއްވެސް ވަރެއްގެ ދެބަސްވުމެއް އޮތްނަމަ ވަގުތުން އެކަން ޙައްކުރަންވާނެއެވެ. ދުވާލު އުފެދޭ މައްސަލަތައް އިރުއޮއްސުމުގެކުރިން ހައްލުކުރަންވާނެއެވެ. އިރުއޮއްސޭފަހުން އުފެދޭ މައްސަލަތައް ނިދުމުގެ ކުރިން ހައްލުކުރަންވާނެއެވެ.
އެހެންވެ އަހަރެން އަބަދުވެސް މިބުނަނީ ދެމަފިރިން ރޭގަނޑުގެ ކެއުން ކައި ނިމިގެން މޭޒުދޮށުން ތެދުވަންވާނީ ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ދެމަފިރިން އެކުގައި ކެއުމަކީ، ޚާއްޞަކޮށް ރޭގަނޑުގެ ކެއުން ކެއުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
ޢާއިލީ މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ފަރުވާއެއް ކަމަށް އަހަރެންނަށް ފެންނަ ވަރަށް މުހިންމު ކަމެއްގެ ވާހަކަ ބުނަންހެއްޔެވެ؟ ރޭގަނޑު އެކުގައި ތިބެގެން ކާށެވެ. އަދި އެއަށްފަހު ނިދުމުގެ ކުރިން ދެމީހުން ވަކިނުވާށެވެ.
ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތައް ވަގުތުން ހައްލުނުކުރާނަމަ ދެމެދަށް ޝައިޠާނާ ވަންނާނެއެވެ. ރޭގަނޑު ކެއުމަށްފަހު، މާނައަކީ ރޭގަނޑުގެ ވަގުތުތަކުގައި ދެމަފިރިން ވަކިން ބޭރުގައި އުޅޭނަމަ ކޮންމެވެސް ގޮތަކުން އެދެމެދަށް ވަންނަން ޝައިޠާނާ ގަދައަޅައި މަސައްކަތްކުރާނެއެވެ.
އަހަރެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފިރިމީހާ ރޭގަނޑު ބޭރަށް ދާއިރަށް އަނބިމީހާގެ ސިކުނޑިއަށް ފުންމާލައެވެ. މިހާރަކަށް އައިސް އެންމެ ފަސޭހައިން ފުންމާލަނީ އަނބި މީހާގެ ފޯނަށެވެ. އެއީ އެންމެ ފަސޭހަ ވަސީލަތް ކަމަށްވާތީއެވެ.
މިކަމަށް ފިރިހެނުންގެ ސަމާލުކަން އިތުރަށް ބޭނުންވެއެވެ. އެހެނީ އަދިވެސް ގިނައިން ޚިޔާނާތްތެރި ވެވެނީ ފިރިހެނުންނަށެވެ. ހަމައެއާއިއެކު އަނބިމީހާ ޚިޔާނާތްތެރިވުމަށް ގިނަ ފަހަރަށް މަގުފަހިކުރުވަނީ ފިރިމީހާއެވެ. ނަމަވެސް ފިރިހެނުން އެކަމުގެ ބަދުނާމު އަޅުވަނީ އަނބިމިހާގެ ބޮލުގައެވެ. ރަނގަޅަށް ވިސްނާށެވެ. އަނބިންގެ ބޮލުގައި ކަންކަން އަޅުވަންވާނީ ތިމާގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށްފަހުގައެވެ.
އަހަރެންވެސް ޤަބޫލުކުރަމެވެ. އަނބިންގެ ތެރޭގައިވެސް ކިޔާނާތްތެރިން ތިބޭނެއެވެ. އެއީ ނުވެ ނުދާނެ ކަމެކެވެ. އެފަދަ އަނބިން ތިބިނަމަ އިޞްލާޙްކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރާށެވެ. އިޞްލާޙް ނުވިނަމަ އެއީ ތިބާ މަގުފުރެދެންޖެހެންވީ ސަބަބެއް ނޫނެވެ. އެކަނބަލެއްގެ އަވަހަށް ދޫކޮށްލާށެވެ. ތަޤްވާވެރި އަންބަކު ހޯދަން އިޚްލާޞްތެރިކަމާއިއެކު ގަދައަޅައި މަސައްކަތްކުރާށެވެ. ﷲ ތަޢާލާ ރަނގަޅު މަގު ދައްކަވާނެތެވެ.