މަރުވުމުގެ ވަގުތުގައި ކައިރީގައި ތިބޭ ބައަކު ބާރަށް ޝަހާދަތް ކިޔަންޖެހޭ ސަބަބުތައް: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
މަރުވުމުގެ ވަގުތުގައި ކައިރީގައި ތިބޭ ބައަކު ބާރަށް ޝަހާދަތް ކިޔަންޖެހޭ ސަބަބުތައް: ބިލާލް އައްސަދު
މަރުވުމުގެ ވަގުތު ކައިރީގައި ތިބޭ ބައަކު ބާރަށް ޝަހާދަތް ކިޔަންވާނެއެވެ. (ދިވެހިން މިކަމަށް ކިޔައި އުޅެނީ ޝަހާދަތް ލައިދިނުމެވެ.) އެކަން ކުރަންޖެހެނީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ.

މަރުގެ ވަގުތު، ނުވަތަ ތިމާގެ ހަށިގަނޑުން ފުރާނަ ނުކުމެގެންދާ ވަގުތު އެމީހާ ވާނީ ފާޑެއްގެ މަސްތެއްގެ ތެރޭގައެވެ. ބިރުން މީހާ ދާނީ ފިއްކެނޑިގެންނެވެ. ދުނިޔޭގެ ކަންކަމުން މީހާ ހަނދާންނެތިގެންދާނެއެވެ. އެ ހާލަތުގައި ޝަހާދަތް ކިޔަންވެސް ހަނދާން ނެތިދާނެއެވެ. ކައިރީގައި ތިބޭ ބައަކު ބާރަށް ޝަހާދަތްކިޔާނަމަ ޝަހާދަތް ކިޔަން ހަނދާންވާނެއެވެ. ޝަހާދަތް ކިޔަން މަސައްކަތްވެސް ކުރެވޭނެއެވެ.

މީހާ ހަމަހޭގައި ނެތި މަރުވާއިރުވެސް އެމީހާގެ ފުރާނަ ދަނީކަން އެނގޭނަމަ ބާރަށް ޝަހާދަތްކިޔަންވާނެއެވެ. އެމިހާގެ ހަމަ ހޭ ނެތް ނަމަވެސް އެމީހާއަށް އެހެން މީހުންގެ އަޑު އިވުމަކީ އެކަށީގެންވާ ކަމަކަށްވާތީއެވެ.

މަރުމަތީގައި ޝަހާދަތް ކިޔުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެހެނީ މަރުމަތީގައި ޝަހާދަތް ކިޔައިފި މީހަކަށް، ޝަހާދަތް ކިޔުމުގެ ނަޞީބު ލިބުނު މީހަކަށް ސުވަރުގެ ލިބުމުގެ އުންމީދު ވަރަށް ބޮޑަށް އޮތުމުންނެވެ.

މަރަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މަރަށް ތައްޔާރުވުމަށް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ގިނަގގިނައިން މަރު ހަނދާންކުރުމެވެ. ގިނަގިނައިން ޖަނާޒާތަކުގައި ބައިވެރިވުމާއި ސަހަރާއަށް ޒިޔާރަތް ކުރުމަކީ މަރުމަތިން ހަނދާންކުރުމަށް ފުރުޞަތު އިތުރުވާ ކަމެކެވެ. ނަމަވެސް ބައެއް މީހުން ބަލަނީ ސަހަރާ ނުވެސް ފެންނަ ހިސާބުން ދެވޭތޯއެވެ. އެއީ ކުރަން ރަނގަޅު ކަމެއް ނޫނެވެ.

މަރަށް ތައްޔާރުވާންވީ ބަލިވުމަކުން ނޫނެވެ. ގަދަވެ ހުންނައިރުއެވެ. ގަދަވެ ސަލާމަތުން ވަރުގަދަ މީހެއްގެ ގޮތުގައި ހުރިއިރު ނުވެވުނު ތައްޔާރެއް ބަލިވެ އެނދުމަތިވުމުން ވެވޭނެ ކަމަށް ހީކޮށްގެން ނުވާނެއެވެ.

"ދިރިއުޅުމަށް ކުރާ ކަންކަން އަބަދު ދުނިޔޭގައި ހުންނާނެ ކަމަށް ބަލައިގެން ކުރާށެވެ! އާޚިރަތަށް ކުރާ ކަންކަން މާދަމާވެސް މަރުވެދާނެ ކަމަށް ބަލައިގެން ކުރާށެވެ." މިއީ ޢަލީގެފާނު ވިދާޅުވި ބަސްފުޅެއް ކަމަށް ބުނެ އުޅޭ ބަސްފުޅެކެވެ.

މިބަސްފުޅުގެ ޞައްޙަކަމަށް އެއްޗެއް ބުނަން ނުއެނގުނު ނަމަވެސް މިއީ ވަރަށް އިބްރަތްތެރި ބަސްކޮޅެކެވެ. އެހެނީ ދިރިއުޅުމަށް ކުރާ ކަންކަން ކުރަންވާނީ ވީހައި ގިނަ ދުވަހު އެކަމަކުން ފައިދާ ކުރާނެ ގޮތަށް ބަލައިގެންނެވެ. އެހެނީ ތިބާގެ އުމުރު ކިތަންމެ ކުރުވި ނަމަވެސް އެކަމުން އެހެން ބައަކަށް ފައިދާ ކުރާނީ އެއިރުން ކަމަށްވާތީއެވެ.

ހަމަ އެއާއިއެކު އާޚިރަތަށްޓަކައި ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ހަމަ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް ބަލައިގެންނެވެ. އިތުރު އަޅުކަމެއް ކުރުމުގެ ފުރުޞަތު ނުލިބިދާނެ ކަމަށް ބަލައި ވީހައި ފުރިހަމައަށެވެ. އަދި ވީހައި ގިނައިންވެސްމެއެވެ.

މާދަމާ މާގިނަ އަޅުކަން ކުރެވޭނެ ކަމަށް ބަލައިގެން ހުންނަ މީހާއަށް "މާދަމާ" ނައިސް މަރާއި ކުރިމަތިލާންޖެހިދާނެއެވެ. ހަމަ އެފަދައިން ދެން ކުރާ އަޅުކަން މާ ފުރިހަމައަށް ކުރެވޭނެ ކަމަށް ބަލައިގެން ހުންނަ މީހާއަށް ވެސް އެ ފުރުޞަތު ނުލިބި މަރުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

މިދެކަންތައް ގުޅުވައިލެވިދާނެއެވެ. އެއިރުން ތިމާކުރާ ހުރިހާ ކަމެއް ވާނީ އަޅުކަމަކަށެވެ. މާނައަކީ ދުނިޔެއަށްޓަކައި ކުރާ ކޮންމެ ކަމަކީވެސް ﷲ ހުއްދަ ކުރެއްވެވި ކަމަކަށް ހެދުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނޫނީ ހަމަ އެއްވެސް ކަމެއް ނުކުރުމެވެ. ކަންކަން އެގޮތަށް ކުރެވޭނެ ގޮތް ﷲ ތަޢާލާ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.

އެހެންކަމުން ގަދަބަދަވިކަމާއިއެކު ދުނިޔޭގައި އުޅޭއިރު ކުރާ ކަންކަން ވިސްނުންތެރިކަމާއިއެކު ކުރަމުން ގެންދާށެވެ. މަރުގެ ވަގުތުގައި ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ. އަދި މަރުވުމަށްފަހުގައިވެސް މެއެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން