"ޝިރުކުރުމާއި މީހުން މެރުމާއި ޒިނޭ ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަންކަން ކޮށްފިނަމަ ކޮންމެ މީހަކަށްވެސް އެކަމަށް ޙައްޤު އަޒާބު ދެއްވަވާނެއެވެ. އަދި މި 3 ފާފައަށް އަރައިގަތުމުގައި އޮތް އެންމެ ބޮޑު ބިރަކީ މުސްލިމަކު މިއިން ފާފައެއް ކޮށްފިނަމަ ދެ ގުނައަށް އަޒާބު ބޮޑުކުރައްވަވާކަމެވެ.
މިއިން ކަމެއް ކުރެވިފައިވާ މީހަކު މިމަޖިލީހުގައި އިންނަނަމަ މިހެން ބުނުމުން މިސްކިތުގެ މިޖަމާއަތް ދޫކޮށް އަވަހަށް ނުކުންނަންވީއެއް ނޫނެވެ. އެގޮތަށް ނުކުމެއްޖެ ނަމަ ޝައިޠާނާ އަވަހަށް ބުނާނެއެވެ. ތިބާއަކީ ސުވަރުގެ ދެވޭނެ މީހެއް ނޫނެވެ. ވީއިރު ދުނިޔޭގައި ހުރެވޭ ދުވަސްކޮޅު ވީހައި ބޮޑަށް އަރާމުލިބިގަނެގެން އުޅޭށެވެ. އުފާ ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާށެވެ.
މީސްތަކުންނޭވެ. އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އަވަހަށް ތައުބާ ވާށެވެ! އައު މުސްލިމެއްގެ ގޮތުގައި ދިރިއުޅެން ފަށާށެވެ. ހެޔޮ އަމަލުތައް ކުރުން ވީހައި ގިނަކޮށްލާށެވެ. ހަމަ ހަޤީޤަތުގައިވެސް ތިމާ މިހިރީ ތައުބާވެގެންކަން އަމަލުން ދައްކާށެވެ! މާތް ﷲ ރުއްސަވައިފި އަޅަކަށް ފާފަތައް ފުއްސަވާނެތެވެ. ކިތަންމެ ގިނައިން ފާފަތައް ކުރެވިފައިވީ ނަމަވެސްމެއެވެ.
ރަނގަޅަށް ވިސްނާށެވެ. ފުރިހަމަ ގޮތުގައި ތައުބާވެ ހެޔޮ އަމަލުތައް ކުރާނަމަ އެމީހަކަށް ހުރި ނިއުމަތްތައް ހާދަގިނައެވެ. ތިބާ ކޮށްފައިވާ ފާފަތައް ތިބާ އާއިއެކު މަހްޝަރުކުރެވޭނެއެވެ. ފާފަތަކުގެ ސައިޒު ބޮޑު ފަރުބަދައެއްވަރު ވެދާނެއެވެ. ނަމަވެސް އެނގޭހެއްޔެވެ؟ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ފާފައިގެ އެ ބޮޑު ފަރުބަދައަކީ ތިބާ ކޮށްފައިވާ ހެޔޮ އަމަލުތަކަކަށް ﷲ ތަޢާލާ ބަދަލުކޮށް ދެއްވަވައިފާނެތެވެ.
ރަނގަޅަށް މިވާހަކައަށް ވިސްނާށެވެ!
ބައެއް ފާފަތަކަކީ ވަރަށް ކުދި ފާފަތައް ކަމަށް ބަލައި އެފަދަ ފާފަތައް ކުރުމަށް ބައެއް މީހުން ޖެހިލުމެއް ނުވެއެވެ. އަނެއް ބައަކަށް ކިތަންމެ ކުޑަ ފާފައެއް ކުރެވުނު ނަމަވެސް އެއީ ބޮޑު ކަމެއް ދެކެ ބިރުވެތިވެގެން އުޅެއެވެ.
މީގެ ތެރެއިން ކުރެވުނީ ކުޑަ ފާފައެއް ކަމަށް ބަލައި ބިރުވެތިނުވާ މީހާ ކުރި ފާފަ ﷲ ތަޢާލާގެ ޙަޟްރަތުގައި ވަރަށް ބޮޑު ފާފައަކަށްވެސް ވެދާނެއެވެ. އެހެނީ އެއީ ކުޑަ ފާފައެއް ކަމަށް ބަލައި އެމީހާ ﷲ ތަޢާލާއަށް ބިރުވެތި ނުވީތީއެވެ. ހަމަ އެއާއިއެކު ބޮޑު ފާފައެއް ކުރެވުމުން އެކަމަށް ބިރުވެތިވި މީހާއަށް ކުރެވުނީ ވަރަށް ކުޑަ ކުޑަ ކަމަކަށްވެސް ނުވަތަ އެއްވެސް ކަމެއް ނުކުރެވޭކަމަށްވެސް ވެގެން ހިނގައިދާނެއެވެ. އެއީ ފާފައެއް ކުރެވުމުން އެކަމާއިމެދު ހިތާމަކޮށް ﷲ ތަޢާލާއަށް ބިރުވެތިވީތީއެވެ! އެކަމުގެ ސަބަބުން އެމީހާއަށް ކުރެވުނު ކުށަށް ﷲ ތަޢާލާ ޢަފޫ ކުރައްވަވައިފި ނަމައެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -