ދަރުސް: މައިން ބަފައިންނާ ކުދިން ސަމާލުވާންޖެހޭނެ، ބާލިޣްވުމަށްފަހު ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީވާން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ދަރުސް: މައިން ބަފައިންނާ ކުދިން ސަމާލުވާންޖެހޭނެ، ބާލިޣްވުމަށްފަހު ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީވާން ޖެހޭނެ!
އުމުރުން 18 އަހަރުވަންދެން އެއީ ކުޑަކުއްޖެއް ކަމަށް ހަދައިގެން އުޅެނީ އިންސާނުންނެވެ. އެއީ ﷲ ތަޢާލާގެ ނިންމެވުމެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ކުއްޖާ ކުޑަކުއްޖަކަށްވަނީ ބާލިޣްވަންދެންނެވެ. ބާލިޣްވާ ވަގުތުން ފެށިގެން ކުރާ ފާފަތަކަށް ޒިންމާ އުފުލަންޖެހޭނެއެވެ.

ނަމާދު އެޅުމާއި، ނަމާދު ނުކުރުމާއި އައުރަ ނިވާ ނުކުރުމާއި ފާހިޝް އަމަލުތައް ކުރުމާއި މިފަދަ ހުރިހާ ކަންކަމަށް ޒިންމާ އުފުލަން ޖެހޭނެއެވެ. ބޮޑެތި މީހުން ކުރުމުން އަޒާބުލިބޭ ކޮންމެ ކަމެއް ކުރުމުން އަޒާބު ލިބޭނެއެވެ.

ކުޑަކުއްޖެއްގެ ގޮތުގައި ހުރުމުގެ އުމުރު މަތިކޮށް 18 އަހަރު ކަމަށް ކަނޑައަޅައިގެން ޒުވާން ޖީލު މަގުފުރެއްދުމަށެވެ. ބޭނުމަކީ ބޮޑުވާއިރު ފާފަތައް ކުރަން އާދަވެފައި ހުރި ކުއްޖަކަށް ހެދުމެވެ. ނަމާދު ނުކުރުމަށާއި ނަމާދު އެޅުމަށާއި ބަރަހަނާ މަންޒަރުތައް ބެލުމަށާއި ފާހިޝް އަމަލުތައް ކުރުމަށާއި މަސްތުވާ ތަކެތި ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް ދެވިހިފައި އެކަންކަމަށް ހޭނިފައި ހުރި ކުއްޖަކަށް ހެދުމެވެ. މިއީ އިސްލާމް ދީނާއި ދެކޮޅަށް ފައުޅުގައި ހިންގާ ވަރަށް ބޮޑު ޖަރީމާއެކެވެ.

އެހެނީ ކުއްޖާގެ އުމުރުން ،13،12 ،14 15 އަހަރުގައިވެސް އެކުދިންނަކީ ބާލިޣްވެފައި ތިބި ކުދިންނަށް ވެގެން އެބަދެއެވެ. ބައެއް ކުދިން އެއަށްވުރެވެސް ހަގު އުމުރުގައެވެ. 10 އަހަރުވުމުން ނަމާދު ނުކުރާނަމަ އަދަބު ދީގެންވެސް ނަމާދުކުރުވަން އަމުރުފުޅު ކުރައްވަވާފައިވަނީ މީސްތަކުންނަށް ޚާއްޞަކޮށް ކުޑަކުދިންނަށް އެންމެ އޯގާތެރި ސާހިބާ މުޙައްމަދު (ޞޢވ) އެވެ. އެހެންކަމަށްވާއިރު ކުށްކުރުމުން އަދަބު ދޭ އުމުރަކީ 18 އަހަރު ކަމަށް ކަނޑައަޅާ މީހުން އެބުނަނީ ތިމާމެންނަކީ އިތުރު މާތް ނަބިއްޔާ (ޞޢވ) އަށްވުރެ ކުޑަ ކުދިންނަށް މާ އޯގާތެރި ބައަކު ކަމަށް ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް އެކަމެއް ނުވާނެއެވެ!

ލޮބުވެތި މައިން ބަފައިންނޭވެ! 18 އަހަރެއްގައި ތާށިނުވާށެވެ! ދަރިންނަށް އެންމެ ފައިދާހުރި ގޮތުގައި ތަރުބިއްޔަތުކޮށް ﷲ ތަޢާލާ ހަވާލުކުރެއްވެވި އަމާނާތް ފުރިހަމައަށް އަދާކުރާށެވެ! އެއީ ބާލިޣްވުމާއިއެކު ފާފަތައް ބުނެދީ ހޭލުންތެރި ކުރުވުމެވެ! ދަރިންނަކީ ފާފަތަކަށް ބިރުވެތިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. ނޫން ނަމަ އެހައި ލޯބިން ބަލައި ބޮޑުކުރި ދަރިންކޮޅު އަތުން ބީވެގެންދިއައީއެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާން ވެސް ޖެހުނީއެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން