ކޮންމެ ދުވަހަކީވެސް މަރުވި މީހާއަށްޓަކައި ޞަދަޤާތް ކުރެވިދާނެ ދުވަހެކެވެ. ދުޢާ ވެސް ކުރަންވީއެވެ. ކުރެވެން އޮތް ކޮންމެ ހެޔޮ ކަމެއް ކުރަންވީއެވެ. ފުދުންތެރިކަން ހުރިނަމަ މިސްކިތް އެޅުން ފަދަ ކަންކަން ވެސް ކުރަންވީއެވެ. ނަމަވެސް ވަކި ދުވަހެއް ބަލައިގެނެއް ނޫނެވެ.
މައިން ބަފައިން މަރުވުމުން އެމީހުންގެ މަތިން ހަނދާންކޮށް އެމީހުންނަށް ހެޔޮ އެދިގެން ޞަދަޤާތްކުރާ މީހުންވެސް ދަނީ މަދުވަމުންނެވެ.
އަަބަދުވެސް އުޅެނީ ތިމާއަށް ފައިސާ މަދުފުވެގެންނެވެ. ތިމާގެ ގެ 10 ބުރިއަށް 20 ބުރިއަށް ނުއުފުއްލިގެންނެވެ. ވިޔަފާރި އިތުރަށް ފުޅައު ނުކުރެވިގެންނެވެ.
މީގައި އެންމެ ހިތާމަހުރި ކަމަކީ މައިން ބަފައިންގެ ކިބައިން ވާރުތަވީ ބިމާއި ވިޔަފާރިން ނަފާ ހޯދަމުން ގެންދާއިރުވެސް މައިން ބަފައިންނަށްޓަކައި ޞަދަޤާތް ނުކުރެވޭ ކަމެވެ. އެންމެ ކުޑަމިނުން ހެޔޮ ދުޢާއެއްވެސް ނުކުރެވޭ ކަމެވެ.
ދަރިންނަށްޓަކައި ބޮޑެތި ބިންތަކާއި ބޮޑެތި ވިޔަފާރިތައް ދޫކުރަން ކޮންމެ މައަކަށް، ބަފައަކަށް ނުލިބިދާނެއެވެ. ނަމަވެސް ދަރިންނަށް ރަނގަޅު ޢިލްމެއް ހޯދައިދީފައިވާނަމަ އެ އިލްމުގެ ބޭނުން ހިފައި އަދާކުރާ ވަޒީފާއިން ލިބޭ އާމްދަނީ ވެސް އެ ލިބެނީ ހަމަ މައިން ބަފައިންގެ ބުރަ މަސައްކަތުން ކަމާއިމެދު ވިސްނައިލުން ރަނގަޅެވެ. އެފަދަ ކަމެއް ވެފައި ނެތް ނަމަވެސް މައިން ބަފައިންނަށް އަދާކުރަންޖެހޭ ޙައްޤަށް ވިސްނައިލުން ކީއްހެއްޔެވެ؟ ހަމަ ޤައިމުވެސް ކޮންމެ މީހަކަށްވެސް އެމީހެއްގެ މައިން ބަފައިންނަށްޓަކައި ހެޔޮ ދުޢާ ކުރެވިދާނެއެވެ.
މައިން ބަފައިންނަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި ނަމަވެސް ޞަދަޤާތެއް ކޮށްފިނަމަ އެއީ ސަވާބު އިތުރުވެގެންދާ ކަމެކެވެ. ތިބާ ހަދިޔާކުރި ބައި ހަދިޔާ ކުރި މިންވަރަށް ހަދިޔާކުރި ފަރާތަށް ލިބިގެންދާނެއެވެ. ހަމައެއާއިއެކު ތިބާ ކުރި ހެޔޮ އަމަލަށް ޙައްޤު ޖަޒާ ތިބާއަށްވެސް ލިބިގެންދާނެއެވެ. ވީއިރު ދެގުނައަށް ދަރުމަ ހޯދެން އޮތް ކަމެއްގައި ތިއަ ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިދަރުސް އަށް ބާރު ލިބޭ ޑރ. އިޔާޟްގެ ޖަވާބެއް:
— Islamic Knowledge (@IKviber) July 10, 2018