ޤިޔާމަތް ދުވަހާއި ނަރަކައާއި ސުވަރުގޭގެ ކަންކަން ބައެއް މީހުން ނަގަނީ ވަރަށް ލުއިކޮށެވެ. ކޮންމެ 1000 މީހެއްގެ ތެރެއިން 999 މީހުން ދާނީ ނަރަކައަށްކަން އެނގެން އޮތުމާއިވެސް އެކުގައެވެ. ބައެއް ހެޔޮ އަމަލުތައް ކުރެވޭތީ އެމީހުންނަށް ހީވެފައި އޮންނަނީ އެމީހުންނަށް ސުވަރުގެ ދެވޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް ޤަބޫލުކުރުމަކީ ވަރަށް ބޮޑު މޮޔަކަމެކެވެ. އެއީ ހަމަ އެކަކަށްވެސް ޔަޤީންކަން ލިބޭނެ ކަމެއް ނޫނެވެ.
މީސްތަކުންގެ ތެރެއިން އެންމެ މާތް ބައަކީ ޞަހާބީންނެވެ. ޞަޙާބީއަކު އޭނާ ހުރީ ނަރަކަތޯ ސުވަރުގެތޯ ސުވާލުކުރެއްވުމުން އޭނާއަށް ހުރީ ނަރަކަ ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ. ވީއިރު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ދާނީ ސުވަރުގެއަށްކަން އަމިއްލައަށް ކަނޑައަޅާނީ ކިހިނަކުން ހެއްޔެވެ؟
ސުވާލަކީ އެހެން ކަމަށްވާއިރު ދެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ ޖަވާބަކީ ސުވަރުގެ އެދިގެންހުރެ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ. އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާށެވެ. އެހެންކަމާއިއެކުވެސް 999 ގެ މަތިން އަބަދުވެސް ހަނދާންކުރާށެވެ. 999 ގެ ތެރޭގައި ހިމެނެންޖެހިދާނެ ކަމަށް ބަލައި ބިރުވެތިވާށެވެ. ކިރިޔާވެސް ސަލާމަތް ކަމެއް އޮތީ އެކަމަށް ވިސްނައި ބިރުވެތިވާން އެނގުނު މީހަކަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިވެނި ކަމެއް ކޮށްލުމުން ސުވަރުގެ ލިބޭނެ ކަމަށް ބަލައި ކަންކަން ނިންމައި ނުލާށެވެ. ސުވަރުގެ ލިބޭނެ ކަމަށް އުންމީދުކުރެވޭ ހުރިހާ ކަންކަމެއްވެސް ކުރާށެވެ. ހަމައެއާއިއެކު ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ހަމަ އެއްވެސް ކަމަކަށް އަރައި ނުގަންނާށެވެ. ހަޤީޤަތުގައި މީހަކަށް ލިބެނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީވެސް އެއީއެވެ. އެހެނީ އެއްވެސް ފާފައަކަށް އަރައި ނުގަންނަ މީހާއަށް ފާފައެއް ނުކުރާ ކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ.
ތިމަންނަ ދާނީ ސުވަރުގެއަށް ކަމަށް ބުނެ އުޅޭ މީހުން ކިތަންމެ ގިނަ ނަމަވެސް ނިކަން އެކަކު ނަމަވެސް މިތާ ކުރިމަތީގައި ހުއްޓިހުރެ އެމީހެއްގެ ފުރާނަ ގެންދެވުމަށް ނިކަން އެދިބަލާށެވެ. ޔަޤީންކަން އޮތް ނަމަ ނުއެދެންވީ ކީއްވެގެން ހެއްޔެވެ؟ ނަމަވެސް ހަމަ އެކަކަށްވެސް އެދޭކަށް ނުކެރޭނެއެވެ. އެއީ ތިމާއަށް ކުރެވިފައިވާ ހެޔޮ އަމަލުތަކުގެ މަދުކަން އެނގޭތީއެވެ. އަދިވެސް އިތުރަށް ހެޔޮ އަމަލުތައް ކުރަން ބޭނުންވާތީއެވެ!
ވީމާ ނަޞޭޙަތަކީ ނަރަކައަށް ބިރުވެތިވެ ހުރެ ސުވަރުގެ ދިއުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް މެނުވީ ހަމަ އެއްވެސް ކަމެއް ނުކުރުން މަތީގައި ދެމިހުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދރުސަކުން -