ދަރުސް: ދުނިޔެއަށް ފޮނުއްވެވީ ހުރިހާ ކަމަކީ އުފާވެރިކަމަކަށް ހަދާކަށް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ދަރުސް: ދުނިޔެއަށް ފޮނުއްވެވީ ހުރިހާ ކަމަކީ އުފާވެރިކަމަކަށް ހަދާކަށް ނޫން!
އަހަރެމެން ބޭނުންވަނީ އަބަދު ހޭށެވެ. އުފާކުރާށެވެ. ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ ކަންކަން ތިއަބައިމީހުންނަށް ފެންނަނަމަ ތިއަބައިމީހުން ހޭނީ ވަރަށް މަދުން ކަމަށެވެ. ގިނައިން ކަރުނަ އަޅާނީ ކަމަށެވެ.

ގިނަ ބައަކަށް ވަނީ ﷲ ތަޢާލާ އެމީހުން ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ވަރަށް ބޮޑަށް އޮޅިފައެވެ. އެފަދަ މީހުންނަށް ހީވެފައި އޮންނަނީ ދުނިޔޭގައި އެމީހަކަށް ލިބެންޖެހޭނީ ހުސް އުފާވެރިކަން ކަމަށެވެ. އެއްވެސް ތަކުލީފެއް، ހިތްހަމަނުޖެހުމެއް ލިބިގެން ނުވާނެ ކަމަށެވެ.

ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރަން ޝައުޤުވެރިވެވެނީ އެފަަދަ ގޮތްތަކަށް ވިސްނޭތީއެވެ. ތިމާއަށް އެކަމަކުން އުފަލެއް ލިބިދާނެ ކަމަށް ޤަބޫލުކުރާ ކޮންމެ ކަމެއްވެސް ކުރަން މަސައްކަތްކުރާތީއެވެ. އެގޮތަށް ޤަބޫލުކޮށް ކަންކަން ކުރަނީ ހަޤީޤީ އުފާވެރިކަމަކީ ކޮބައިކަން ނުއެނގޭތީއެވެ.

ރަނގަޅަށް ވިސްނާށެވެ. ނަރަކަ އުފެއްދެވުމަށްފަހު ނަރަކައިގެ ވަށައިގެން މީސްތަކުން ޝައުޤުވެރިވާނެ ހުރިހާ ކަންކަން ﷲ ތަޢާލާ ލެއްވެވުމުން ނަރަކަ އުފެއްދެވީ ދުނިޔަވީ އުފާތަކަށް ހަޔާތް ޤްރްބާން ކުރާ މީހުންގެ ޖަގަހައިގެ ގޮތުގައިކަން ކިތަންމެ ރަނގަޅަކަށްވެސް އެބައެނގެއެވެ. ހަމަ އެއާއިއެކު ސުވަރުގެ އުފައްދަވައި ސުވަރުގޭގެ ވަށައިގެން ތަކުލީފްތައް ލެއްވެވުމުން ސުވަރުގެ އުފައްދަވާފައިވަނީ ތަކްލީފްތައް އުފުލައި، ތަކްލީފްތަކަށް ކެތްތެރިވާ މީހުންނަށްކަން އެނގިގެންއެބަދެއެވެ.

ދުނިޔަވީ ހަޔާތުގައި ކުރާ ކޮންމެ ކަމަކުން ލިބޭ އުފަލަކީ ވަރަށް ކުޑަކުޑަ ހިނދުކޮޅަކަށް ލިބޭ ހިތްހަމަޖެހުމެކެވެ. މިސާލަކަށް މަސްތުވުމަށް ނިކަން ވިސްނައިބަލާށެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހާގެ ސިކުނޑިއަށް އަރާމުކޮޅެއް ލިބޭނީ ދާދި ކުޑަކުޑަ ވަގުތު ކޮޅަކަށެވެ. އެއީ މަސްތުވަންދެންނެވެ. މަސްތުވުމުން ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގެއެވެ. އެ ހާލަތުގައި ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ މަސްތުވުމާއިއެކު ނިދަން ބޭނުންވެއެވެ. ނުނިދަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ނުނިދައެއް ނުހުރެވެއެވެ.
ފާހިޝް އަމަލުތައް ކުރާ މީހުންނަށް ލިބޭ ކަމަށް ބުނާ އަރާމު ލިބެނީ ކިތައް މިނިޓްވަންދެން ހެއްޔެވެ؟

ﷲ ނަހީ ކުރައްވަވާފައިވާ ކޮންމެ ކަމަކަށް ވިސްނި ނަމަވެސް މިފަދަ އެތައް ބައިވަރު އިބްރަތްތައް ލިބޭނެއެވެ. އެކަންކަން ކުރުމުން ލިބޭ އެއްވެސް ފައިދާއެއް އަދި ހަޤީޤީ އެއްވެސް އުފަލެއް ނެތްކަން ޔަޤީން ކުރެވޭނެއެވެ. ވީއިރު އާޚިރަތް ޚަރާބުކޮށްލަން، ނަރަކައަށް ވަންނަން އެކަންކަން ކުރަންވީ ކީއްކުރަން ހެއްޔެވެ؟

ﷲ ތަޢާލާ އެންގެވި ގޮތުގައި ދުނިޔޭގައި ދުވަސްތައް ހޭދަކުރާ މީހާއަށް ތަކްލީފްތަކެއް އުފުލަން ޖެހޭނެއެވެ. ނަމާދުތައް ވަގުތުގައި އަދާކުރުމަށެވެ. ޙަލާލު ގޮތުގައި ރިޒުޤް ހޯދުމަށެވެ. ޢާއިލީ ޒިންމާތައް އުފުލުމަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޤީޤީ އުފާވެރިކަމަކަށް އަދި އާޚިރަތުގެ ބާއްޖަވެރިކަން އެދޭނަަމަ ދުނިޔަވީ ބުރަތަކަކީ ތަކްލީފްތައް ކަމަށް ނުދެކޭށެވެ. ހިތް އެދޭ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރުމަކީ އުފަލެއް ކަމަށް ނުދެކޭށެވެ!

ަމަރުވުމުން ދުނިޔަވީ ހަޔާތް ނިމުނީއެވެ. އުޚުރަވީ ހަޔާތް ފެށުނީއެވެ. އެއީ ނިމުމެއް އޮތް ހަޔާތެއް ނޫނެވެ. ވީއިރު ތިމާގެ ނިމުމެއް ނެތް ޙަޔާތް ބާއްޖަވެރި ނުކުރެވިއްޖެ ނަމަ އެމީހަކަށް އޮތީ ކޮން އުފަލެއް ހެއްޔެވެ؟ އުފަލެއް ނެތްތަކުގައި ލިބޭނީ ކޮންފަދަ އަޒާބުތަކެއްކަން އެނގެނީ ކާކަށް ހެއްޔެވެ؟

ވީމާ ދުނިޔަވީ އުފާތައް ޙާޞިލުކުރަން ބޭނުންވާ މީހާ މިކަންކަމަށް ފުންކޮށް ވިސްނައި ފިކުރުކުރުމަށް ނަޞޭޙަތްތެރިވަމެވެ. މީގެ މާނައަކީ އަބަދު ރޮއިރޮއި ހުރުމެއް ވެސް ނޫނެވެ. ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މިންވަރުން އުފާވެރިކަން ހޯދައިގެން ދިރިއުޅޭ މީހަކަށްވުމެވެ. ﷲ ތަޢާލާ ކަނޑައަޅުއްވަވާފައި އިންތައް ފަހަނައަޅައި ނުދިއުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން