ރަސޫލާ (ޞޢވ) ގެ ބަދިގެކޮޅުތަކުގައި އަލިފާން ނުލާތާ 2 މަސްވާއިރު އެހެން މީހުންގެ އެހީތެރިކަމަށް އެދިވަޑައެއް ނުގަންނަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ރަސޫލާ (ޞޢވ) ގެ ބަދިގެކޮޅުތަކުގައި އަލިފާން ނުލާތާ 2 މަސްވާއިރު އެހެން މީހުންގެ އެހީތެރިކަމަށް އެދިވަޑައެއް ނުގަންނަވާ!
ދުނިޔޭގައި މީސްތަކުން ލެއްވެވީންސުރެ އަމަލުކުރަންޖެހޭނެ ގޮތްތައް ﷲ ތަޢާލާ ގެންދަވަނީ އަންގަވައިދެއްވަވަމުންނެވެ. ވެރިންނަށްވެސް މެއެވެ. ﷲ ތަޢާލާ ވެރިކަން ހަވާލުކުރައްވަވަނީ އެމީހަކު ބޭނުންހައި އެމީހަކު ބޭނުންވާހައި ގޮތަކަށް ކުރުމަކަށް ނޫނެވެ. ބައިތުލްމާލުގެ ތަޅުދަނޑި ހަވާލުކުރައްވަވަނީ ވެރިމީހާ ބޭނުންހައި ވަރަކަށް ނަގާކަށްވެސް ނޫނެވެ.

މިކަން އިސްލާމީ ސިޔަރަތުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ގެކޮޅުތަކުގެ (އަނބިއަނބިކަނބަލުން ދިރިއުޅުއްވެވި) ބަދިގެ ތަކުގައި (އެއްޗެއް ކައްކަން އުނދުނަށް) އަލިފާންނުލައި މަސް ދެމަސް ފާއިތުވެގެން ގޮސްފައި އެބަހުއްޓެވެ.

އެކަމުން އެނގެނީ އެމުއްދަތުގައި އިތުރު މާތް ނަބިއްޔާ (ޞޢވ) ވެސް ހުންނަވާނީ ހައިހޫނުކަންމަތީގައި ކަމެވެ. ޢާއިލާގެ ބޭފުޅުން ފަދައިން ކަދުރު އޮށެއް ފަދަ އެއްޗެއް ފަރިއްކުޅުއްވައިގެން ކަމެވެ. އެހެންކަމާއިއެކުވެސް އެއްވެސް މީހެއްގެ ކިބައިން ކަމަކަށް އެދިވަދައިގެންފައެއް ނުވެއެވެ. ކޮންމެވެސް އެއްޗެއް ރަހުނު ކުރައްވަވާފައި ފައިސާކޮޅެއް ހޯއްދަވައިގެން ބަނޑުފުރާނަ މުއްތިކުރައްވަމުން ގެންދެވިއިރުގައިވެސްމެއެވެ.

އެއްފަހަރަކު ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ)ގެ ބަދިގެކޮޅުތަކުގައި އަލިފާން ނުލަތާ 2 މަސް ވެއްޖެކަން ޢުޘްމާންގެފާނަށް އެނގިވަޑައިގަތުމުން ކާބޯތަކެތި ގެނގޮސް ދެއްވާފައި ދެން އެފަދަ ޙާލުކޮޅުގައި ނުތިއްބެވުމަށާއި އެފަދަ ޙާލުކޮޅެއް ކުރިމަތިވެވަދައިގެންފިނަމަ އަންގަވައި ދެއްވުމަށް ވެސް ޢައިޝަތުގެފާނުގެ އަރިއަހުން އެދިވަޑައިގެންނެވިއެވެ.

މިއީ މިއުންމަތުގެ އެންމެ މާތް ޞާހިބާ މުޙައްމަދު (ޞޢވ) އަމަލުފުޅު ކުރެއްވެވި ގޮތެވެ. ދިރިއުޅުއްވެވި ގޮތެވެ. މިއަދުވެސް އިސްލާމީ އުންމަތުގައި މިތިއްބެވީ ހަމަ ވެރިންނެވެ. އަބަދު އުޅުއްވަނީ ދުނިޔޭގައި ހުރި އެންމެ އަގު ބޮޑު ކާނާ ފަރިއް ނުކުޅެއްވެވިގެންނެވެ. އެގެންދަވަނީ ބޭނުންފުޅުވާހައި ބައަކަށް އެންމެ އަގު ބޮޑު ޖާފަތްތައް ދެއްވަމުންނެވެ. އެކަންކަމަށް ޚަރަދުކުރައްވަވަނީ ރައްޔިތުންގެ ފައިސާއެވެ. ރައްޔިތުންގެ ފައިސާ އިން ހޯއްދަވާފައިވާ ތަނަވަސްކަމުންނެވެ.

ހަމަ އެއާއިއެކު ހަމަ އިސްލާމީ އުންމަތުގެ ވެރިންގެ ގޮތުގައި އެމީހުންގެ ބޭނުންތަކަށް އެހެން މީހުންގެ އަތުން މިލިއަނުން ފައިސާ ހޯދަމުން އެބަ ގެންދެއެވެ. މިއީ ކިހިނަކުން ހުއްދަވާނެ ކަމެއް ހެއްޔެވެ؟ ޤައުމުގެ ވެރިކަމުގައި ހުންނައިރު އެމީހަކަށް މީހުން ދޭ ހަދިޔާ ހުއްދަ ނުވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ޒަކާތް ނަންގަވަން ފޮނުއްވެވި ބޭކަލަކު އެނބުރި ވަޑައިގެން މިހިރީ ޒަކާތަށް ލިބުނު ފައިސާއޭ، މިހިރީ ހަދިޔާގެ ގޮތުގައި ތިމަންނައަށް ލިބުނު ފައިސާއޭ ވިދާޅުވުމުން ރަސުލާ (ޞޢވ) ދެއްވި ޖަވާބު މިކަމުގައި ޤާނޫނަކަށް ނުފުދެނީ ހެއްޔެވެ؟ "ކަލޭމެން ގޭގައި ތިއްބައި ތިއަ ފަދަ ހަދިޔާތައް ލިބޭތޯ ބަލަން ގޭގައި ތިބުމަށް" ހަދީޘްފުޅު ކުރެއްެވެވުމުން އެއޮތީ މަޤާމުގައި ހުރެ އެހީ ލިބިގަތުމުގެ ޤާނޫނު ފާސްކުރެވިފައި ނޫން ހެއްޔެވެ؟

ވީމާ ވިސްނާށެވެ! އާމްދަނީ ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ. ދެއްވެވި މިންވަރަށް ޝުކުރުކުރާށެވެ! އިތުރަށް ދެއްވަވާތޯ ދުޢާކުރުންމަތީގައި ދެމިތިބޭށެވެ! އެގޮތުގައި ކެތްތެރިވާ އަޅުންނަށް ﷲ ތަޢާލާ އެކަލާނގެ ނިއުމަތްތައް އޮއްސަވާނެތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން