މީހެއްގެ އަންބެއްގެ ބޭނުންކުރުމުން ފިރިމީހާ އަންނަ ރުޅީގެ އެތައް ގުނައަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
މީހެއްގެ އަންބެއްގެ ބޭނުންކުރުމުން ފިރިމީހާ އަންނަ ރުޅީގެ އެތައް ގުނައަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާކަން އެނގޭތަ؟
އިންސާނުން މިއަދު އެންމެ ބޮޑަށް ޣާފިލުވެފައިވާ އެއް ކަމަކީ ޣީރަތްތެރިކަމެވެ. ޣީރަތްތެރިކަމަކީ ތިމާގެ އަނބިންނާއި ދަރިންނާއި އުޚުތުން ފަދަ ތިމާގެ މަޙްރަމުން ފާހިޝް އަމަލުތަކުން ރައްކައުތެރިކޮށް ޙިމާޔަތްކުރުމެވެ. އެފަދަ އެއްވެސް ކަމެއް ނުހިނގާނެ ގޮތްތަކަށް އަމަލުތައް ކުރުމެވެ.

އެންމެ ފުރަތަމަ އިސްލާމީ ޝަރުއަތުގައި އޮތީ ޒިނޭގެ ތުހުމަތެއް ކުރެވިއްޖެނަމަ ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް ކޯޓަށް މައްސަލަ ހުށަހަޅާނަމަ 4 ހެކިން ހުށަހެޅުމަށެވެ. ނަމަވެސް ފަހުން ފިރިމީހާ އެފަދަ މައްސަލައެއް ހުށަހަޅާނަމަ ލިޔާނުކޮށްގެން މައްސަލަ ނިންމޭނެ ގޮތަށް ﷲ ތަޢާލާ ހަމަޖައްސަވައިދެއްވެވިއެވެ.

އެކަމާއި ގުޅިގެން ސައުދުގެފާނު ވިދާޅުވީ އެކަލޭގެފާނުގެ އަނބިކަނބަލަކު ހިލޭ ފިރިހެނަކާއިއެކު އޮއްވައި ފެނިވަޑައިގެންފިނަމަ ކޯޓަށް ވަޑައިގަތުމުގެ ބަދަލުގައި ކަނޑިން ބޯކަނޑުއްވާނެ ކަމަށެވެ.

ސައުދުގެފާނުގެ މިބަސްފުޅާއި ގުޅިގެން ޞަހާބީންނަށްވެސް ސިހުން ލިބިވަޑައިގެންނެވިއެވެ. އެހިނދު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިއަ ބައިމީހުން ޖެހިލުންވަނީ ސައުދުގެފާނުގެ ޣީރަތްތެރިކަމާއިމެދުގައެވެ. ސައުދުގެފާނަށްވުރެ ތިމަން ރަސޫލާ (ޞޢވ) ގެ ޣީރަތްތެރިކަން މާ ބޮޑެވެ. އަދި ތިމަން ރަސޫލާ (ޞޢވ) އަށްވުރެ ﷲ ތަޢާލާގެ ޣީރަތްތެރިކަން މާބޮޑެވެ.

ރަނގަޅަށް ވިސްނާށެވެ. އެންމެހައި ފާހިޝް ޢަމަލުތައް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވަނީ މި ސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ ޣީރަތްތެރިވަންތަކަމުގެ ބޮޑުކަމުންނެވެ. ފާހިޝް އަމަލުތައް ތިބާ ކުރަނީ ކިތަންމެ ސިއްރުން ކަމަށް ތިބާ ހީކުރި ނަމަވެސް ތިބާގެ ކޮންމެ އަމަލެއް، ތިބާގެ ހިތުގެ ނިޔަތާއިއެކު ﷲ ތަޢާލާ ހަމަ ވަގުތުން ދެކެ ދެނެވޮޑިގެންވެއެވެ. ވީއިރު ދޮރުތައް ތަޅުލީމާ، އެހެން ޤައުމަކަށް ދިއުމުން ސިއްރުވާނެކަމަށް ތިއަ ހީކުރަނީ ކޮންކަމެއް ހެއްޔެވެ؟ ހަމަ އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ.

މީހެއްގެ އަތްބެއްގެ ބޭނުން ކުރުމުން އޭނާގެ ފިރިމީހާ އެމީހަކު ދެކެ އަންނަ ރުޅިއަށްވުރެ އެތައް ގުނައެއް އިތުރަށް ﷲ ތަޢާލާ އެމީހަކަށް ކޯފާވެވޮޑިގަންނަވައެވެ. މިއީ ސާބިތުކަމާއިއެކު އެނގެން އޮތް ކަމެކެވެ. އިސްވެ ބަޔާންކުރި ހަދީޘްފުޅުންވެސް މިކަން ސާބިތުވެއެވެ.

ދެން ނިކަން ވިސްނައިލަބަލާށެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެ ކޯފާ ނުވަތަ ދެއްވަވާނެ އަޒާބާއި މެދުގައެވެ. ނަމަވެސް އިންސާނުންގެ ތެރެއިން ގިނަ ބައަކަށް މިއަދު މިކަންކަމެއް ނުވިސްނެއެވެ. މީހެއްގެ އަންބަކާއި ގުޅުން ހިންގާއިރު ހަމައެކަނި ބިރު ގަންނަނީ ފިރިމީހާގެ ފަރާތުން ނުވަތަ ޢާއިލާގެ ފަރާތުން ކުރިމަތިވެދާނެ ކަންކަމަށެވެ. ތިމާއަށާއި ތިމާގެ އަނބިދަރިންނަށް ކޮށްފާނެ އަނިޔާއަކަށެވެ.

ނަމަވެސް މިކަމުގެ ބިރުވެރިކަން މާބޮޑެވެ. މައްސަލައިގެ ނުރައްކައުތެރިކަން މާބޮޑެވެ. އެހެނީ އެފަދަ އަމަލުތައް ކުރާމީހުންނަށް ﷲ ތަޢާލާ ލައްވަވާނެ ކޯފާ އަންނާނީ ކޮން ދިމާއަކުންކަން ވިސްނަންވެސް ނުއެނގޭނެއެވެ. އެފަދަ ނިކަމެތި ގޮތެއް މެދުވެރިކުރައްވަވާނީ ތިމާގެ އަނބިމީހާއަށްކަން ނުވަތަ ލޯބިވާ ދަރިންނަށްކަން ނުވެސް އެނގޭނެއެވެ. އެނގޭ ކަމަކީ އެފަދަ ފާފައެއް ކުރުމަށްފަހު ތައުބާ ނުވެހުންނަ މީހާއަށް ﷲ ތާޢާލާގެ ކޯފާ އަންނާނެ ކަމެވެ.

ޔަޤީންކުރާށެވެ. ﷲ ތަޢާލާގެ ކޯފާ އަތުވެއްޖެނަމަ އެކަމަކުން ސަލާމަތެއް ނުވެވޭނެއެވެ. މުޅި ދުނިޔެ ނުކުމެ އެކަމާއި ދެކޮޅަށް ހަނގުރާމަކުރި ނަމަވެސް މެއެވެ. ތިބާގެ ދިފާއުގައި އެތައް ހާސް ސިފައިންގެ މައްޗަށް އެކުލެވޭ ބިޔަ ލަޝްކަރެއް ނެރެ އެންމެ ޒަމާނީ ހަތިޔާރާއިއެކު އަތުރައިލި ނަމަވެސް މެއެވެ.

ކަން މިހެން ހުރިއިރު ތިމާ ބަލަހައްޓަންޖެހޭ ދަރިންނާއި އުޚުތުންނާއިއެކު ތިމާ އަމިއްލައަށް ފާހިޝް އަމަލުތައް ހިންގައި އެކަނބަލުންގެ ހައްޤުތަކަށް އަރައިގަންނަ މީހާއަށް ކުރިމަތިވާނީ ކޮންފަދަ މުޞީބާތެއް ކަމާއިމެދު ވިސްނަންވެސް ނުއެނގޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުޑަކުޑަ ހިނދުކޮޅެއްގެ ދުނިޔަވީ އުފަލަކަށްޓަކައި ﷲ ތަޢާލާގެ ކޯފާއަށް ހުށަހޮޅި ނުގަންނާށެވެ. މިދަރުސް މިދިނީ ފިރިންނަށް އަމާޒުކޮށްގެންނެވެ. ނަމަވެސް އެއިގެ މާނައަކީ މިފަދަ ހަޑިމުޑުދާރު ފާހިޝް އަމަލުތައް ކުރާ އަންހެނުންނަށް ޙައްޤު އަޒާބު ނުލިބުމެއް ނޫނެވެ. އެކަނބަލުންނަށްވެސް ޖެހޭނީ ހަމަ ﷲ ގެ ކޯފާ އާއި ކުރިމަތިލާށެވެ! ފާފަކުރުމުން އަޒާބު ލިބެނީ ވަކި ޖިންސަކަށް ކަމަށް ބަލައިގެންނުވާނެއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން