ރިބާ ހިމެނޭ ލޯނު ނުނަގަން ދެ ދަރިންގެ ފުރާނަ ވަކީލުކުރި މަންމަގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 1ސ
ރިބާ ހިމެނޭ ލޯނު ނުނަގަން ދެ ދަރިންގެ ފުރާނަ ވަކީލުކުރި މަންމަގެ ވާހަކަ
މިރޭ ބަސްކޮޅެއް ބުނަން ޤަޞްދުކުރަނީ ރިބާ ހިމެނޭ ލޯނު ނެގުމާއިބެހޭ ގޮތުންނެވެ. ނަމަވެސް ދަރުސް ފެށުމުގެ ކުރިން ކުރު ވާހަކައެއް ކިޔައިދޭނަމެވެ.

މިއީ މީގެ 3،2 އަހަރު ކުރިން ލެބަނަންގައި ހިނގާފައިވާ ކަމެކެވެ. މަންމައަކު އެކަނި ބަލަހައްޓަމުން ގެންދިއަ 2 ދަރިންނަށް ޚަރަދުކުރާނެ އެންމެ ލެބަނަން ޕައުންޑެއްވެސް އަތުގައި ނެތް އަންހެނެއްގެ ވާހަކައެވެ.

ދެ ދަރިން ގަދައަށް ހުންއައިސް ބަލިވުމުން ހޮސްޕިޓަލަށް ގެންދިއުމުން ވަގުތުން އެޑްމިޓްކުރިއެވެ. ދެ ދުވަހެއްވީއިރު ޚަރަދުކުރާނެ އެންެމެ ޕައުންޑެއްވެސް މައިމީހާގެ އަތަކު ނެތެވެ. އޭނާއަށް ފައިސާ ލިބޭނެ މަގު ފެންނަން އޮތެވެ. ނަމަވެސް ޖެހެނީ ރިބާ ހިމެނޭ ގޮތަށް ލޯނެއް ނަގާށެވެ. އެކަން ކުރަން އޭނާ ބޭނުމެއް ނުވިއެވެ.

އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ވަރަށް ފުންކޮށް ވިސްނައިލަން އިރުކޮޅަކު މަޑުކޮށްލިއެވެ. ﷲ ތަޢާލާއަށް ވަކީލުކޮށް ދެ ދަރިން ހޮސްޕިޓަލަށް ދޫކޮށް މަގުމައްޗަށް ނުކުތެވެ. ކޮންމެވެސް މަގެއް ﷲ ތަޢާލާ ދައްކަވާނެ ކަމަށް ޔަޤީންކޮށްގެންނެވެ. ހަމަ ކުޑަތަންކޮޅަކަށް ހިނގައިލިތަނާ އެނާއަށް ފެނުނީ ކޮންމެވެސް މީހެއްގެ އަތުން މަގުމައްޗަށް ވެއްޓިފައި އޮތް އަތްދަބަހެކެވެ. ދަބަސް ނަގައި ބަލައިލިއިރު ވަރަށް ގިނަ ފައިސާ އޭގައި ހުއްޓެވެ.

އިތުރަށް ބަލައިލުމުން ފެނުނު ލިޔުންތަކުން އެއީ ޑޮކްޓަރަށް ދައްކަން އުޅޭ އަންހެނެއްގެ ދަބަސްކަން އެނގުނެވެ. ދަބަސް ހިފައިގެން ބާރަށް ގޮސް ވަނީ ހޮސްޕިޓަލަށެވެ. އޯޕީޑީ އޭރިއާ ވަދެ ދަބަސް އުފުލައިގެން ހިނގަން ފެށިތަނާ އަންހެނަކު އައިސް އެދަބަސް ދައްކައިލުމަށް އެދުނެވެ. ދަބަސް ދިނުމުން ބަލައިލުމަށްފަހު އެއީ އޭނާގެ ދަބަސްކަމަށްބުނެ ދަބަސް އޭނާ އާއި ހަވާލުކުރުމަށް އެދުނެވެ.

އޭނާ އެދުނު ފަދައިން ދަބަސް އޭނާ އާއި ހަވާލުކުރިއެވެ. ނަމަވެސް އެއިރުވެސް މަންމަގެ ލޮލުން ކަރުނަ ފައިބައެވެ. އެތަން ފެނުމުން ރޮވެނީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާގެ ހާލު ކިޔައިދިނެވެ.

ދަބަހުގެ ވެރި އަންހެން މީހާ، މަންމަ އާއިއެކު ގޮސް ދެދަރިންގެ ހާލު ބެލުމަށްފަހު ބުނީ ކަންބޮޑު ނުވުމަށެވެ. ހޮސްޕިޓަލަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް އޭނާ ކޮށްދޭނެ ކަމަށެވެ. އޭނާ އާއިބެހޭ މައުލޫމާތު ދިނުމަށްފަހު ޚަރަދުކުރަންވެސް އެކަށީގެންވާ އަދަދަކަށް ފައިސާ ދިނެވެ.

މިހުރިހާ ކަމެއް އޭނާ ކޮށްދިނީ އެހައި ބޮޑަށް ފައިސާއަށް ބޭނުންވެގެން ހުރި މައަކަށް އެހައި ގިނަ ފައިސާހުރި ދަބަހެއް ފެނުމުން، އޭގައި ހުރި ފައިސާގެ ބޭނުން ނުކޮށް އަމާނާތްތެރިކަމާއިއެކު ދަބަސް ހަވާލުކުރީތީ ހިތުގައި އުފެދުނު ޤަދަރާއި ލޯބިންނެވެ.

މީސްތަކުންނޭވެ! ދުނިޔޭގައި ހޭދަކުރަންޖެހޭ ކޮންމެ ދުވަހަކީ އިމްތިޙާނެކެވެ. ކުރިމަތިވާ ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. މުޞީބާތެއް ކުރިމަތިވާ ކޮންމެ މީހަކަށް މިވާހަކައިގައި ކިޔައި މިދިން ފަދައިން އެހައި ފަސޭހަކަމާއިއެކު މައްސަލަ ހައްލު ނުވެދާނެއެވެ. ތަކުލީފްތައް އުފުލަންވެސް ޖެހިދާނެއެވެ.

މީސްތަކުންނޭވެ! ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް ކިތަންމެ ގިނަ ތަކުލީފްތަކެއް އުފުލަން ޖެހުނު ނަމަވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަމަށް އަރައި ނުގަންނާށެވެ. އިންސާނުންގެ ބޭނުންތަކަކީ އެއްވެސް އިރެއްގައި ފުދި ނިމޭނެ ކަންކަމެއް ނޫނެވެ. ފުދުންތެރިކަން އިތުރުވާވަރަކަށް ބޭނުންތައްވެސް ގިނަވެފައި ބޮޑެތިވާނެއެވެ. ކުރަން ބޭނުންވާ ޚަރަދުތައްވެސް ގިނަވާނެއެވެ.

ރިބާ ހިމެނޭ ލޯނުތައް ނަގަން ފަށައިފި މީހަކަށް އެކަމުން ސަލާމަތެއް ނުވެވޭނެއެވެ. އެއް ލޯނަށްފަހު އަނެއް ލޯނު ނަގަންޖެހޭނެއެވެ. އެންމެ ފަހުން މަތިމައްޗަށް ލޯނު ނަގާ ހިސާބަށް ކަންކަންދާނެއެވެ.

ރަނގަޅަށް ވިސްނާށެވެ. ރިބާ ހިމެނޭ ގޮތަށް ލޯނު ނަގައިގެން ކުރާ މުޢާމަލާތްތަކުން ލިބޭ ފައިދާ ނުވަތަ ނަފާ ހަލާލެއް ނޫނެވެ. އެހެންކަމުން ތިމާ އާއި ތިމާގެ އަނބިދަރިންގެ ބަނޑަށް ލެވެމުން އެދަނީ ޙަރާމް ތަކެއްޗެވެ. ލައި އުޅެވޭ ފޭރާމަކީ ވެސް ޙަރާމް ތަކެއްޗެވެ.

ނިކަން ވިސްނައިލަބަލާށެވެ! އެހާލަތުގައި ހުންނަ މީހަކު ﷲ ތަޢާލާއަށް ދަންނަވާނީ ކީކޭ ކިޔައިގެންހެއްޔެވެ؟ އެފަދަ މީހުންގެ ދުޢާ އިޖާބަ ނުކުރެއްވެވުމުން ޙައިރާންވާން ޖެހޭ ހެއްޔެވެ؟ އެފަދަ މީހުންނަށް ބޮޑެތި ބަލިތަކާއި މުޞީބާތްތައް ކުރިމަތިވުމުން ކަންބޮޑުވާން ޖެހޭ ހެއްޔެވެ؟

މީސްތަކުންނޭވެ! ޔަޤީންކުރާށެވެ! ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތުގައި ކަންކަން ޙާޞިލުކުރަން މަސައްކަތްކުރާ މީހާއަށް އެކަމަށް މަގުފަހިކޮށްދެއްވަވާނެތެވެ.

އެއްބައަކު މިއަދު ރިބާ ހިމެނޭ ލޯނުތައް ނަގައިގެން ގެދޮރު އެބަގަނެއެވެ. ކާރު ފަދަ ތަކެތި ގަނެއެވެ. އެހެންވެސް ބޭނުންތައް ފުއްދައެވެ. އެތަކެތި އަންދަވާލައްވައި ފަނާ ނުކުރައްވަވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ.

މީސްތަކުންނޭވެ! ހޭލާށެވެ! ރިބާ ހިމެނޭ އެއްވެސް މުޢާމަލާތެއް ނުކުރާށެވެ! އެގޮތުގައި ސާބިތުވެ ހުންނަން ބޭނުން ހަމަ ކޮންމެ މީހަކަށް އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެއެވެ. ރަނގަޅަށް އަޑުއަހާށެވެ! ތިބާއަށް މަރުވެގެން ދާންޖެހޭނީ ރިބާގެ ފައިސާ އިން ހޯދި ބޮޑު މުއްސަނދިކަން ދުނިޔެއަށް ދޫކޮށްފައެވެ. ނަމަވެސް ތިބާކުރި ބޮޑު ހަރާންކަންތައް ތިބާ އާއި އެކުގައިވާނެއެވެ! އަކަމުގެ ގަދަފަދަ އަޒާބު ތިބާއަށް ލިބިލިބި ހުންނާނެއެވެ! ފައިދާހުރީ ކޮން ގޮތެއް ހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން