ކޮންމެ މީހަކު ކުރި ކަމެއް ނަމަވެސް ޙައްޤަށް ނަޞްރު ދިނުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް ކަމަށާއި އެހެންކަމުން ފިިރިމީހާގެ ޢާއިލާގެ މީހުން ކަމުގައިވީނަމަވެސް ގޯސްކޮށް ކުރާ ކަންތަކަށް އިންކާރުކޮށް ހަމަ މަގަށް އެޅުވޭތޯ މަސައްކަތްކުރަންޖެހޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ "އަނބިމީހާ އާ ދިމާއަށް ފިރިމީހާގެ ޢާއިލާގެ މީހުން އެއްޗެތި ކިޔައި އަބަދު ހިތުގަ ޖައްސާފަ ބަހައްޓާއިރުވެސް އެކަމާ ފިރިމީހާ ޖެހޭނީ އަނގައިން ނުބުނެ ހުންނަންތޯ؟ ހަމައެކަނި އެގޮތަށް ކަންތައް ނުކުރާށޭ ބުނުމުންވެސް ފިރިމީހާ ފާފަވެރިވާނެތޯ ނޫނީ ފިރިމީހާ ޖެހޭނީ ކޮންމެ ގޮތަކަށް ކަންތައްވާން ދޫކޮށްލައިގެން ބަލަން ހުނނަންތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ ޢާއިލީ މައްސަލަތައް ހައްލުކުރުމަށް ކުރަން އެންމެ ރަނގަޅު އެއް ކަމަކީ ވަގުތު ހުސްކޮށް ޢާއިލާއެކުގައި ތިބެ އިތުބާރުކުރެވޭ ދީނީ އިލްމުވެރިއެއްގެ ހާޟިރުގައި ކަންބޮޑުވުންތަކަށް މަޝްވަރާ ކުރުމެވެ. ޢާއިލާގެ ތެރޭގައި އަމިއްލައަށް ޙައްލު ނުކުރެވޭ މިބާވަތުގެ މައްސަލަތަކަށް އެއިރުން ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.
ރާއްޖޭގައި މިކަމަކީ އަދި ވަރަށް މަދު ބައަކު ނޫނީ ކުރާ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.