ބައެއް މީހުން ނަމާދުކުރަން ބޭނުންވެގެން ތިބެއެވެ. ނަމަވެސް ނަމާދު ވަގުތު ޖެހުމުން ނަމާދުކުރާ ހިތް ނުވެފައި ތިބެއެވެ. އެހާލަތުގައި ކުރާ ނަމާދު ޞައްޙަވާނެކަމާއިމެދު މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު އިޠާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ހިތާއި ދެކޮޅަށް ނަމަވެސް ނަމާދުކުރަންޖެހޭނެ ކަމަށެވެ.
މިމައްސަލައިގައި ބައެއް އިލްމްވެރިން ވިދާޅުވެފައިވަނީ ނަމާދުކުރުމުން ފޫހިކުރުވަނީ ޝައިޠާނާ ކަމަށެވެ. ނަމާދު ނުކުރުމަށް ޝައިޠާނާ ވަސްވާސްދިން ނަމަވެސް ހިތްވަރުކޮށްފައި ގަދަކަމުން ނަމަވެސް ނަމާދުކުރާނަމަ ޝައިޠާނާ މާޔޫސްވެ ބަލިކަށިވާނެ ކަަމަށެވެ. އަދި ޤަވާއިދުން ނަމާދުކުރަން ފެށުމުން ޝައިޠާނާ ދުރަށްދާނެ ކަމަށެވެ.
ހަމަ އެފަދައިން މިބާވަތުގެ މައްސަލަތައް ކުރިމަތިވާނަމަ ވީހައި ގިނައިން ދުޢާކުރުމަށްވެސް ޢިލްމުވެރިން ލަފާ ދެއްވައެވެ. ޝައިޠާނާގެ އެފަދަ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ.
އިސްތިޚާރާގެ ލޭ އަންނަނަމަ ނަމާދުކުރަންޖެހޭނެތޯ ނޫނީ ނަމާދުކުރަންޖެހޭނީ ލޭއައުން ހުޓުނީމަތޯ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ލޭއަންނަތަން ބަންދުކޮށް، ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދުކުރަން ޖެހޭނެ ކަމަށެވެ.
"ނަމާދު ވަގުތު ކައިރިވެފަ ހުއްޓާ ފާޚާނާއަށް ދާންވެ ނުގޮސްހުރެ ނަމާދުކޮށްފިނަމަ ނަމާދު ޞައްޙަވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ފާޚާނާ ކުރަންވެފައި ހުއްޓާ ނަމާދަށް އެރީމާ ނަމާދުގެ ސަމާލުކަން ގެއްލިދާނެ ކަމުގެ ބިރު އޮތްނަމަ ނަމާދަށް ދާންވާނީ ފާޚާނާކޮށްގެން ކަމަށެވެ. ނަމަވެސް ނަމާދުގެ ސަމާލުކަމަށް ބުރުލެއް ނުއަރާނެ ނަމަ ފާޚާނާ ނުކޮށް ނަމާދުކުރުމަކުން މައްސަލައެއް ނެތް ކަމަށެވެ.