ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް މުޙައްމަދު ފައިސަލު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމުން އެމަނިކުފާނަށް ފާޑުކިޔުން އަމާޒިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ފައިސަލް އަށް ފާޑުކިޔުން އަމާޒުވެފައިވަނީ ޖޭއެސްސީ ގެ މެންބަރުކަމުން ވަކިވެ ވަޑައިނުގަނެ ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލެއްވުމުންނާއި މީގެކުރިން ސިޔާސީ ހަރަކާތުގައި އުޅުއްވާފައިވާތީއެވެ.
ނަމަވެސް ޖޭއެސްސީ ގެ ތަރުޖަމާނު ހަސަން ޒަހީނު މިއަދު ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުގެ ކަމުގެ މަޤާމަށް ކުރިމަތިލެއްވި ފަހުން ފައިސަލް އެކޮމިޝަންގެ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޝަނުގައި ހުންނަވައިގެން ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލެއްވުމުން ނުފުޒު ފޯރުވުމަށް ޖާގަ ލިބޭނެ ކަމަށް އާންމުންނަށް ތަސައްވަރު ކުރެވޭނެ ކަމަށެވެ.
"ޤާނޫނީ ގޮތުން މަނާ ކަމެއް ނޫން ޖޭއެސްސީ ގައި ހުރެގެން ފަނޑިޔާރު ކަމަށް ކުރިމަތިލުމަކީ. އެކަމަކު އެއިރުން ނުފޫޒު ފޯރުވުމަށް ޖާގަ ލިބޭނެ ކަމަށް މީހުންނަށް ފެންނާނެ" ހުސްނުއްސުއޫދު ވިދާޅުވިއެވެ.