އުމަރުގެފާނާމެދު އެންމެން ޖެހިލުންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
އުމަރުގެފާނާމެދު އެންމެން ޖެހިލުންވީ ކީއްވެ؟
ޢުމަރުގެފާނާއިމެދު ޖެހިލުން ނުވާ ހަމައެކަކުވެސް ނެތެވެ. ކާފަރުންގެ ތެރޭގައިވެސް އަދި މުސްލިމުންގެ ތެރޭގައިވެމެއެވެ.

އުމަރުގެފާނުގެ ބައްޕާފުޅަކީވެސް އަދި ކާފާފުޅަކީވެސް އަދުލުވެރި ފަނޑިޔާރުންނެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް އެންމެން ވެސް އަދުލުވެރި ފަނޑިޔާރުންނަށް ވަރަށް މަތީ ޤަދަރެއް ކުރިިއެވެ. އެކަމުގެ ސަބަބުން ޢުމަރުގެފާނަށްވެސް މީސްތަކުން ވަރަށް މަތީ ޤަދަރެއް ކުރިއެވެ.

އެ ޤަދަރު އެންމެ ބޮޑަށް އުފުލިގެން އައީ ޢުމަރުގެފާނުގެ ކިބައިގައި ހުރި އިންސާފުވެރިކަމުގެ ސިފަތަކުގެ ސަބަބުންނެވެ. ދުވަހަކުވެސް އިންސާފުން ނޫން ގޮތަކަށް ކަމެއް ކުރައްވާފައެއް ނުވެއެވެ.

ޢަބޫބަކުރުގެފާނަކީ ޖާހިލިއްޔަ ޒަމާނުގައި ވެސް އެމީހުން ކުރަމުން ގެންދިއަ ނުބައި ކަންކަމުން އަމިއްލަފުޅަށް ދުރުހެލިވެވަޑައިގެން ހުންނެވި ބޭކަލެކެވެ. އުމަރުގެފާނު އިސްލާމްވެވަޑައިގަތުމުގެ ކުރިން އުޅުއްވީ ޖާހިލުން އުޅޭ ގޮތަށެވެ. އެމީހުން ކުރި ނުބައި ހުރިހާ ކަމެއް ޢުމަރުގެފާނުވެސް ކުރެއްވެވިއެވެ.

ޢުމަރުގެފާނަކީ އިންސާފަށް ލޯބިފުޅު ކުރައްވަވާ ބޭކަލެއްކަން އެންމެ ބޮޑަށް އެނގިގެންދިއައީ އިސްލާމްވެވަޑައިގަތުމާއި ހަމައިންނެވެ. އިސްލާމް ދީން ޤަބޫލުފުޅު ކުރެއްެވުވުމަށްފަހު އިސްލާމް ދީނަށް ތެދުވެރިވެވަޑައި ގަތުމުގެ ގޮތުން ޖާހިލުން ކޮށްއުޅުނު ހުރިހާ ކަންކަން ވަގުތުން ހުއްޓަވައިލެއްވެވިއެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި އިސްލާމް ދީނަށް އަމަލުފުޅުތައް ބަހައްޓަވަން ވެސް ފެށްޓެވިއެވެ.

މިފަދަ ތަރުބިއްޔަތެއް އުމަރުގެފާނަށް ލިބިވަޑައިގަތީ ކޮން ގޮތަކުން ކަމަށްހެއްޔެވެ؟ ޢުމަރުގެފާނުގެ ބައްޕާފުޅުގެ ސަބަބުންނެވެ. އެންމެ ކުޑައިރުންސުރެ އެގޮތުގައި ތަރުބިއްޔަތު ކުރައްވަވާފައިވާތީއެވެ. ތުއްޕުޅު އިރު ބަކަރި ހުއިހެއްޕުން ފަދަ މަސައްކަތްތައްވެސް ކުރައްވަން ޖެއްސުވިއެވެ. ކުޑަކުއްޖަކު ލައްވައި ކުރުވައިގެން ނުވާނެ ވަރުގެ ބުރަ މަސައްކަތްތައް ވެސް އުމަރުގެފާނަށް ޖެއްސުވިއެވެ. އަދި އެއްވެސް ކަމެއްގައި ފަރުވާކުޑަކުރައްވައިފިނަމަ ހަރުކަށި އަދަބުތައް ދެއްވެވިއެވެ.

ކުށް ކުރުމުން ވަގުތުން އަދަބު ދެއްވުމަށް އަވަސްވެވަޑައިގެންނެވުގެ އާދަ އުމަރުގެފާނުގެ ކިބައިގައި އަށަގެންފައި ހުރީވެސް މިކަންކަމުގެ ސަބަބުން ކަމަށްވެދާނެއެވެ. އެހެނީ އެފަދަ ސިފަތައް މީހުންގެ ކިބައިގައި ހަރުލަނީ ޅަފަތުގައި ދެވޭ ތަރުބިއްޔަތެއްގެ މައްޗަށެވެ.

ޢުމަރުގެފާނާއިމެދު އެންމެންވެސް ޖެހިލުންވި ސަބަބާއިމެދު ޚިޔާލުތަފާތުވެދާނެއެވެ. ނަމަވެސް އަހަރެން ފާހަގަކުރާނީ ދެކަމެކެވެ. އެއްކަމަކީ އަދުލުވެރިކެމެވެ. ދެވަނަ ކަމަކީ ކޮންމެ ކަމެއް ކުރެއްވުމުގައިވެސް އެންމެ ކުރީގައި ސާބިތުވެ ހުންނެވުމެވެ.

މިދެ ސިފަ ލިބިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ ކޮންމެ ކަމެއްގައިވެސް ކީރިތި ޤްރްއާން އިސް ކުރެއްވެވުމެވެ. ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ކަމަކަށް ވަޙީކުރައްވަވާފައިވާނަމަ އިތުރަށް އެއްވެސް ވަރަކަށް ދުވަހަކުވެސް ބަހުސް ކުރައްވަވާފައެއް ނުވެއެވެ. ދެވަނަ ލަފައެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވަވާފައެއް ވެސް ނުވެއެވެ.

އެކަމުގެ ސަބަބުން އެންމެންނަށް ވެސް އެނގި ޔަޤީންވެފައި އޮންނަނީ ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ ކޮންމެ ކަމެއް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް މެނުވީ ޢުމަރުގެފާނު ނުކުރައްވަވާނެ ކަމެވެ. އަދި މައްސަލައެއް ކުރިމަތިވެވަޑައިގެންފިނަމަ އެއްވެސް ވަރަކަށް ދޫ ދެއްވެވުމެއް ނެތި ވަގުތުން ޙުކުމް ކުރައްވަވައި ނިންމަވާނެ ކަމެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން