ދުނިޔޭގައި ކޮންމެ ދުވަހަކު އެތައް ލައްކަ މީހުން ދަނީ މަރައިލެވެމުންނެވެ. ޑަބްލިޔޫއެޗްއޯގެ ރެކޯޑްތަކަށް ބަލައިފިނަމަ ދުވާލަކު ދޮޅުލައްކަ އަންހެނުން އެބޯޝަން ހަދައެވެ. އެބޯޝަން ހެދުމަކީ ކޮންމެ މީހަކުވެސް ވަރަށް ސިއްރުން ކުރާ ކަމެކެވެ. ވީމާ ޑަބްލިޔޫއެޗްއޯއަށް ރެކޯޑް ކުރެވޭނީ ވަރަށް މަދު މިންވަރެކެވެ.
ލޮބުވެތި މުސްލިމުންނޭވެ. މިއީ ދުނިޔޭގައި ކަންކަން މިއަދު ހިނގަމުންދާ ގޮތެވެ. އަޅުގަނޑުމެން މުސްލިމުންނަށް އުޅެންޖެހިފައި މިވަނީ ހަމަ މިކަންކަން ހިނގަމުންދާ ދުނިޔޭގައެވެ. ފުރިހަމަ މުސްލިމުންގެ ގޮތުގައި ހުންނަން މަސައްކަތްކުރަންޖެހިފައި މިވަނީ ހަމަ މިމާހައުލުގައެވެ.
ރަނގަޅަށް ވިސްނާށެވެ. ބަނގުރަލާއި މަސްތުވާތަކެތި މިވަނީ އިންތިހާއަށް ޢާންމުވެފައެވެ. މާތް ﷲ ޙަލާލުރެއްވެވި ތަކެތި ބޭނުން ނުކޮށް މަސްތުވާތަކެތި ބޭނުންކުރަމުން ނުވަތަ ފެނާއި ޖޫސް ބޮމުންވެސް މަސްތުވާތަކެތި ބޭނުން ކުރަމުން ތިމާއަކީ މުސްލިމެއް ކަމަށް ބުނެވިދާނެ ހެއްޔެވެ؟ ފާހިޝް އަމަލުތަކަށް އަރައިގަންނަމުން ތިމާއަކީ މުސްލިމެއް ކަމަށް ބުނެވިދާނެ ހެއްޔެވެ؟
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތިމާއަކީ އިސްލާމެއް ކަމަށް ބުނުމުން ހުރިހާ ކަމެއް ނިމުނީކަމަށެވެ. ނަމަވެސް ހަޤީޤަތުގައި އެއީ އެއްވެސް ޙައްލެއް ނޫނެވެ. އެހެނީ ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފު ދީން މަތީގައެވެ. އެގޮތުގައި އުފަންވުމަކީ ސުވަރުގެ ވަދެވޭ ސަބަބެއް ނޫނެވެ. ސުވަރުގެ ވަދެވެނީ އެމީހާގެ އަމަލުތަކުގެ ސަބަބުންނެވެ.
މީހާގެ އަމަލުތަކުގައި މިން އެޅިގެންދަނީ އެމީހާ މަރުވާއިރު އަމަލުކުރަމުން ގެންދާ ގޮތެއްގެ މައްޗަށެވެ. އެއީ ކީރިތި ޤްރްއާނުން އެނގެން އޮތް ކަމެކެވެ. ވީމާ އެކަމުގެ މައްޗަށް ފާޑުކިޔުމާއި އިތުރު ގޮތްތައް ނިންމުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
ބައެއް މީހުންނަށް މިކަން ޤަބޫލުކުރެވެނީ ވަރަށް ތަފާތު ގޮތްތަކަށެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެމީހާއަކީ މުސްލިމެއް ކަމަށް ބުނެވުމުން ނިމުނީ ކަމަށެވެ. މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ރަސޫލުކަން ޤަބޫލުކުރުމުން އެމީހަކީ އިސްލާމެކެވެ. ނަމަވެސް އެއީ އަދި ސުވަރުގެ ވަދެވޭނެ މިންވަރެއް ނޫނެވެ.
ކީރިތި ޤްރްއާނުގެ އާޔަތްތައް ނިކަން ކިޔައިލަބަލާށެވެ. ސުވަރުގެ ލިބުމަށް އެދޭމީހާ ކުރަންޖެހޭނެ ކަމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންތައްތައް ނިކަން އުނގެނި ދަސްކޮށްބަލާށެވެ. އެއިރުން އިތުރު އެއްވެސް ތަފްޞީލަކަށް ބޭނުމެއް ނުވާނެއެވެ. މިބުނާ ހުރިހާ ބަހެއް އެނގިގެންދާނެއެވެ.
ކޮންމެ މީހަކުވެސް ރޭސް މިފަށަނީ އިސްލާމެއްގެ ގޮތުގައެވެ. އެއީ ވަރަށް މުހިންމު ފެށުމެކެވެ. ނަމަވެސް ކުރިން ބުނިފަދައިން އެމީހެއްގެ ހަޔާތް ވޭތިކުރި ގޮތުގައި މިން އެޅިގެން މިދަނީ އެމީހެއްގެ ހަޔާތް ނިންމާ ގޮތެއްގެ މައްޗަށެވެ.
މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ މުސްލިމެއްގެ ގޮތުގައި މެނުވީ މަރުނުވުމަށެވެ. މީގެ މާނައަކީ މުސްލިމަކަށް ކިޔާނަން އެމީހަކަށް ކިޔުމެއް ނޫނެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި މި ބަސްފުޅުގެ މާނައަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ތައުބާވެ، އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާ މީހެއްގެ ގޮތުގައި މަރުވުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ސުވެރުގެ އެދޭމީހާއަކީ އެންމެ ކުޑަމިނުން ފަރުޟުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ވާންޖެހޭނެއެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ނުކުރާ މީހަކަށްވެސް ވާންޖެހެއެވެ. މިދެ ކަންތައް ފުރިހަމަ ނުކުރެވޭ މީހާއަކީ މުސްލިމެއްގެ ގޮތުގައި ދުނިޔޭގައި އުޅޭ މީހަކަށް ނުވާނެއެވެ.
ސުވަރުގެ ވައްދަވާނީ މިވެނި މީހެއްކަން ބުނަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ނަމަވެސް އެނގޭ ކަމަކީ ސުވަރުގެ ހޯދަން ބޭނުންވީހާ ކުރަންޖެހޭ ކަންތައްތަކަކާއި ނުކޮށް ދޫކޮށްލަންޖެހޭ ކަންތައްތަކެއް ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ކަމެވެ.
- އިމާމް ސިރާޖް ވައްހާޖްގެ ދަރުސަކުން -