ހަމަ މުސްލިމުންގެ ނަމުގައި ވަރަށް އަނިޔާވެރިގޮތުގައި ޙުކުމްކުރާ ފަނޑިޔާރުން އެބައުޅެއެވެ. އެއިގެ ތެރޭގައި މައްސަލަތައް ބަލަންޖެހޭ ވަރަށް ނުބަލައި ޙުކުމްކުރާ ފަނޑިޔާރުންނާއި މަޤާމުގެ ކުރިއެރުމަށް ބަލައިގެން ޙުކުމް ކުރާ ފަނޑިޔާރުންނާއި ރިޝްވަތު ހިފައިގެން ޙުކުމްކުރާ ފަނޑިޔާރުން ވެސް ހިމެނެއެވެ.
މިފަދަ ފަނޑިޔާރުންނަށް ވެސް ހީވެފައި އޮންނަނީ އެމީހުން އެކުރާ އަނިޔާވެރި ޙުކުމާއި ގުޅިގެން ﷲ ތަޢާލާ ވަގުތުން ކޯފާ ބާވައި ނުލެއްވެވުމުން އެމީހުން ކުރި ޙުކުމަކީ ހަމަ ރަނގަޅު ހުކުމެއް ކަމަށެވެ. އެ ޙުކުމަކީ ހަމަ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ޙުކުމެއް ކަމަށެވެ.
އެއީ ހަމަ އެއްގޮތަކަށްވެސް ރަނގަޅު ޙުކުމެއް ނޫނެވެ. ކޮންމެ ކަމެއް ވަގުތުން ބަދަލުކޮށްލެއްވެވުމުގެ ފުރިހަމަ ބާރު ﷲ ތަޢަލާއަށް ލިބިވޮޑިގެންވެއެވެ. ދުނިޔެ ބަންޑުން ޖެއްސެވުމުގެ ބާރުވެސް މެއެވެ. ނުހައްޤުން ހުކުމެއް ކުރުމުން ހަމަ އެވަގުތު ފަނޑިޔާރުގެ ދޫ ބަންދުކުރެއްވެވުމުގެ ފުރިހަމަ ބާރުވެސް ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ. ނަމަވެސް އަނިޔާވެރި ޙުކުމްތައް ކުރުން މިހައި ގިނަވެފައިވާއިރުވެސް އަދި ބޮޑެތި ފާފަތަކަށް އަރައިގަތުން މިހައިވަރަށް ޢާންމުވެފައިވާއިރުވެސް ﷲ ތަޢާލާ ދޫ ދެއްވަވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުންނެވެ.
ﷲ ތަޢާލާ މީސްތަކުންނަށް ފުރުޞަތު ދެއްވަވަނީއެވެ. އެމީހާ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. އިމްތިޙާނުގެ ވަކި ހިސާބަކުން، ﷲ ތަޢާލާ ދޫ ދެއްވަވަން ކަނޑައަޅުއްވަވާފައިވާ މިންވަރު ހަމަވުމާއިއެކު ވަގުތުން އުޤޫބާތްތައް ކުރިމަތި ކުރައްވަވާނެއެވެ. ދައްކަވާނީ ބޮޑު އަދަބެއް ކަމެއް، ކުރިމަތިކުރައްވަވާނީ ބޮޑު ބަލިމަޑުކަމެއްކަމެއް ނުވަތަ ކޮންފަދަ މުޞީބާތެއްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ.
އަނިޔާވެރި ގޮތުގައި ހުކުމް ކޮށް އުޅުނު ކިތައް ފަނޑިޔާރުންގެ މައްޗަށް، އެމީހުން މީސްތަކުންގެ މައްޗަށް އަނިޔާވެރިވީ ވަރަށްވުރެ މާބޮޑަށް އަނިޔާވެރި ޙުކުމްތައް އިއްވާފައިވޭ ހެއްޔެވެ؟ ހީވެސް ނުކުރާހައި ބޮޑެތި މުޞީބާތްތައް ކުރިމަތިވެފައިވޭ ހެއްޔެވެ؟ އެވަރުންވެސް އިބްރަތަކަށް ނުވޭ ހެއްޔެވެ؟
ދުނިޔޭގެ އެންމެ ބޮޑު އެއް ޤައުމުން ސިއްރުކޮށްގެން އުޅޭ ކަމެއް ހާމަކުރީމާ އަހަރެންގެ މައްޗަށް އަޅުވާނީ ކޮންގަފަ ތުހުމަތެއްކަމެއް ނުއެނގެއެވެ. އެހެންކަމުން ޤައުމުގެ ނަމާއި ފަނޑިޔާރުގެ ނަން ކިޔާކަށް ނެތީީމެވެ. ނަމަވެސް ހަމަ ވަރަށް ފަހުން ހިނގާފައިވާ ކަމެއްގެ ވާހަކަ ބުނެފާނަމެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޤައުމުގެ އެންމެ ބޮޑު އެއް ފަނޑިޔާރުގެ މައްޗަށް ދާދިފަހުން ވަނީ 22 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. 3 އަންހެނަކާއި ބެހެއްޓި ގުޅުމެއްގެ ސަބަބުންނެވެ. ހަމަ ދެފަރާތް އެއްބަސްވެގެން ހިންގި އަމަލުތަކެއް އެއީ ރޭޕްކުރުން ކަމަށްވެގެންނެވެ.
އެވަރުން އަދި ނިމުނީއެއް ނޫނެވެ. އޭނާގެ ބޭންކު އެކައުންޓުގައި ހުރި ހުރިހާ ފައިސާއަކަށްވުރެ ގިނަ އަދަދުން އޭނާއަށް ވަނީ 3 އަންހެނުންނަށް ބަދަލުދޭން ޖައްސައިފައެވެ.
ދެން ނިކަން އަމިއްލަ ޤައުމަށާއި އެހެން ޤައުމުތަކަށް ބަލައިބަލާށެވެ. ހަމަ ގަދަފަދަކޮށް ތިބި ކިތައް ފަޑިޔާރުންނަށް ބޮޑެތި ބަލިތައް ޖެހިގެން އެބަ ފަރުވާ ކުރޭ ހެއްޔެވެ؟ އެހެންވީމާ މިދުނިޔޭގައިވެސް މުސީބާތްތައް ޖެހޭތަން މިދަނީ ފެންނަމުންނެވެ.
ދުނޔޭގައި ބޮޑު މުޞީބާތެއް ނުޖެހުމަކީ އަދި މާބޮޑު މުޞީބާތެކެވެ. އެހެނީ އަނިޔާވެރި ޙުކުމްތައް އިއްވަން ގިނަ ދުވަހު މަޤާމުގައި ތިބުމުގެ ފުރުޞަތު އެބަ ލިބެއެވެ. މިދުނިޔެއިން ނުލިބުނު ބައާއި ހުރިހާ ބައެއް އެކުގައި އެމީހުންނަށް ލިބޭނީ ޤިޔާމަތް ދުވަހުންނެވެ. އެއީ އަދި މާބޮޑު ނިކަމެތި ކަމެކެވެ.
އަދުލުވެރި ފަނޑިޔާރުންނަކީ ޤިޔާމަތް ދުވަހުގެ ގަދަ ހޫނުކަމުގައި ﷲ ތަޢާލާގެ ޢަރުޝީގެދަށުން ހިޔާވަހިކަން ލިބޭނެ ބައެކެވެ. އެ ބޮޑު ނިއުމަތް ދޫކޮށްލައި ނަރަކަ ޚިޔާރުކުރަނީ ޖާހިލުކަން ހާދަ ބޮޑުވީމައެވެ! ދުޢާއަކީ ފަނޑިޔާރުންނަށް މިކަންކަން ވިސްނި އަދުލުވެރިވާނެ ދުވަހެއް ދެއްކެވުމެވެ! ފަނޑިޔާރުންގެ އަނިޔާވެރިކަމުން މީސްތަކުން ސަލާމަތްކޮށްދެއްވެވުމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -