ކަންފަތަށް ބިރުވެރި އަޑެއް އިވުމުން ބިރުގަންނަ ފަދައިން ޤްރްއާނުގެ އާޔަތްތަކަށް ބިރު ނުގަންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކަންފަތަށް ބިރުވެރި އަޑެއް އިވުމުން ބިރުގަންނަ ފަދައިން ޤްރްއާނުގެ އާޔަތްތަކަށް ބިރު ނުގަންނަނީ ކީއްވެ؟
ކަންފަތަށް ބިރުވެރި އަޑެއް އިވުމުން ކޮންމެ މީހަކުވެސް ބިރުގަނެއެވެ. ތެޅި ފޮޅެއެވެ. އަޑު އަންނަ ދިމާ ބަލައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައި ސަލާމަތްވާން ވެސް މަސައްކަތްކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބާވައިލައްވަވާފައިވާ ނަރަކައިގެ ބިރުވެރިކަމާއި ގަދަފަދަ އަޒާބުގެ ވާހަކަ ހަމަ އެކަންފަތްތަކަށް އަޑުއިވުމުން ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ކައްވަޅުގެ އަޒާބުގެ ވާހަކަތައް އަޑު އިވުމުން ބުރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟

މީސްތަކުންނޭވެ! ބިރުގަންނަންވީ މިއަދު ކުރިމަތިވެދާނެ މުޞީބާތަކަށް ނޫނެވެ. ޖިންނި ފުރޭތައަކަށްވެސް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. މިނިކާވަގާއި ސިންގާއިންނަށް ވެސް ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. މާތް ﷲ އެކަމެއް އެގޮތަށް ހިނގަން މިންވަރު ކުރައްވަވާފައިވާނަމަ މެނުވީއެވެ.

މާތް ﷲ ކަމަކަށް މިންވަރު ކުރައްވަވާފައިވާނަމަ އެކަމެއް ހުއްޓުވޭނެ ހަމަ އެއްވެސް މަގެއް ނިކަން ހޯދަބަލާށެވެ! ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތް ކުރިނަމަވެސް އެކަމެއް ނުކުރެވޭނެއެވެ.

އެކަން ކަނޑައެޅިގެން އެނގޭއިރުވެސް ކީރިތި ޤްރްއާނުގެ އާޔަތްތައް އަޑުއިވުމުން ބިރުގަންނަނީ މަދުބައެކެވެ. އަޑުއަހަނީ މަދުބައެކެވެ. ދީނީ ދަރުސެއްގެ އަޑު އިވުނު ނަމަވެސް ގިނަ ބައަކު މަސައްކަތްކުރަނީ އެތަނަކަށް ނުގޮސް ފަރުޖެއްސޭތޯއެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލު ނުކުރުމުން ދެއްވަވާނެ ޢަޒާބުގެ ވާހަކަ އަޑުއަހަން ބޭނުންވަނީ ވަރަށް މަދު ބައެކެވެ.

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންތައްތައް ކުރަމުން ދަނިކޮށް ޖިންނިއެއް އައިސް ކަމެއް ކުރިއްޔާ އޮތީ ކޮން ބިރެއް ހެއްޔެވެ؟ ސިންގާއެއް ހަމަލަދީ މަރައިލިއްޔާ ވާނީ ކީއްހެއްޔެވެ؟ މަރުވާ ވަގުތުން ފެށިގެން ތިބާވާނީ ﷲ ތަޢާލާގެ މަތިވެރި ނިޢުމަތުގައި ނޫން ހެއްޔެވެ؟

ދެން އޮތީ ތިބާ އެހެން ހުރިހާ ކަންކަމަށް ބިރުން އުޅެނިކޮށް މަރުވުމެވެ. މިބުނަނީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކަށް ބިރުން އުޅެނިކޮށް މަރުވާ ވާހަކައެވެ. މަރުވާ ވަގުތުން ފެށިގެން ކުރިމަތިލާންޖެހޭނީ މާބޮޑު ބިރުވެރިކަމާ ނޫންހެއްޔެވެ؟ ދުނިޔަވީ ބިރުވެރިކަމުން ސަލާމަތްވެވޭނެއެވެ. މަރުވުމަށްފަހު ބިރުވެރިކަމާއި ކުރިމަތިލާން ޖެހިއްޖެނަމަ އެކަމުން ސަލާމަތް ވެވޭނެ ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަގުތު އޮއްވައި މިކަންކަމަށް ވިސްނާށެވެ! ކީރިތި ޤްރްއާނަށް ބިރުވެތިވާށެވެ! ކީރިތި ޤްރްއާނުގައިވާ މަގުން އަމަލުތައް ބަހައްޓަން ފަށާށެވެ. ހަޤީޤީ ބިރުވެރިކަމުން ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން