"ޢާންމުކޮށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގަނޑުވަރުކޮޅުން ނުކުމެ ވަޑައިނުގަންނަވާ ރޭ ގަނޑުގެ ވަގުތެއްގައި ނުކުމެ ވަޑައިގެންނެވިއެވެ. ބައްލަވައިލެއްވެވިއިރު މިސްކިތް ކޮޅުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ތިއްބެވިއެވެ.
އެ ދެބޭކަލުންގެ އަރިއަހަށް ވަޑައިގެން ރޭގަނޑުގެ މިގަޑީގައި ގެކޮޅުތަކުން ނުކުމެވަޑައިގެން މިސްކިތްކޮޅުގައި ތިއްބެވި ސަބަބާއިމެދު އިތުރު މާތް ނަބިއްޔާ (ޞޢވ) ސުވާލުކުރެއްވެވުމުން ދެއްވެވި ޖަވާބަކީ "ބަނޑުހައިކަން" ބޮޑުވުމެވެ. އެހިނދު އިތުރު މާތް ނަބިއްޔާ (ޞޢވ) ހަދީޘްފުޅު ކުރެއްވެވީ އިތުރު އެކަލޭގެފާނުވެސް ގަނޑުވަރުކޮޅުން ނުކުމެ ވަޑައިގަތީ ހަމަ އެ ސަބަބަށްޓަކައި ކަމަށެވެ.
އިސްލާމީ އުންމަތުގެ އެންމެ އިސް 3 ލީޑަރުން ޢާންމު ގޮތެއްގައި އެގޮތަށް ރޭގަނޑުގެ ވަގުތުތަކުގައި ބައްދަލުކުރައްވައި އުޅުއްވެވީ ރައްޔިތުންގެ ހާލު ބެއްލެވުމަށް ރަށުތެރޭގައި ހިންގަވައި އުޅުއްވެވުމަށެވެ. ނަމަވެސް އެރޭގެ މައްސަލަ މުޅިން ތަފާތެވެ. 3 ލީޑަރުންވެސް ގެކޮޅުތަކުން ނުކުމެވަޑައިގެން އެތިއްބެވީ ފަރިއްކުޅުއްވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި ނެތުމުން ހައިހޫނުކަން ބޮޑުވުމުންނެވެ."
މިއަދުވެސް މިތިއްބެވީ މުސްލިމުންގެ ލީޑަރުންނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކާނާ ހިތަށް އެރިހާ ވަރަކަށް ކެއުމަކުންވެސް ނުފުދެއެވެ. ބޭނުންހައި ބައަކަށް ވެސް އެގެންދަނީ ކާންދެމުންނެވެ. އަދި ކޮބައި ހެއްޔެވެ؟ އަމިއްލަ ފައިސާ ނުވަތަ ނަގާ ބޮޑު މުސާރައަކުން ވެސް ނޫނެވެ. ރައްޔިތުންގެ ފައިސާ އިންނެވެ. އެކަމަކުވެސް ބުނަމުން ގެންދަނީ ތިމާމެންނަކީ އިސްލާމީ އުންމަތުގެ ވެރިން ކަމަށާއި ތިމަންނަމެންނަށް ކިޔަމަންތެރިވާންޖެހޭނެ ކަމަށެވެ. ތިމަންނަ މެންނާއި ދެކޮޅަށް ތެދުވެގެން ނުވާނެ ކަމަށެވެ.
މިމޭރުމުން ބުނަމުން ގެންދާއިރު އެންމެ ގިނަ ރިފިޔުޖީން ތިބީ އިސްލާމީ އުންމަތުގައެވެ. ކާނެ އެއްޗެއް އަދި ބޯނެ ފެންފޮދެއް ނުލިބި އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އިސްލާމީ ޤައުމުތަކުގައެވެ. ބޭސް ފަރުވާ ކުރުން ފަދަ އަސާސީ ޙައްޤުތަކުން އެންމެ ގިނަ ބައަކު މަޙްރޫމްވެފައި ތިބީ އިސްލާމީ ޤައުމުތަކުގައެވެ.
ކަން މިހެން ހުރި ނަމަވެސް ޗުއްޓީއެއް ހޭދަކޮށްލަން 100 މިލިއަން ޑޮލަރު ޚަރަދުކޮށްލުމަކީ ލީޑަރުން ކަންބޮޑުވާ ކަމެއް ނޫނެވެ. އެ ޚަރަދުތައްވެސް ކުރަނީ ހަމަ ރައްޔިތުންގެ ފައިސާ އިންނެވެ. އެކަމަކުވެސް އެއިން ލީޑަރަކާއި ދިމާއަށް ބަހެއްވެސް ބުނުމަކީ ކުށްވެރިވާ ކަމަކަށް މިވަނީ ހަދައިފައެވެ.
ﷲ ތަޢާލާ ދެއްވަވާފައިވާ ބާރުތަކުގެ ބޭނުން ކޮށްގެން ޤާނޫނުތަކާއި ޤަވާއިދުތައް ހެދިދާނެއެވެ. މީހުންނަށް ބޮޑެތި އަދަބުތައްވެސް ދެވިދާނެއެވެ. ނަމަވެސް ޖަވާބުދާރީވާން ޖެހޭނެ ދުވަހާއި ބައްދަލު ނުކޮށެއް ނުވާނެއެވެ.
އިސްލާމީ ޤައުމުތަކުގެ ލީޑަރުން ކުރާ އިސްރާފް ޚަރަދުތައް ކުރުން ހުއްޓައިލި ނަމަވެސް އިސްލާމީ އުންމަތް މުއްސަނދިވެގެންދާނެއެވެ. ބައިތުލްމާލަށް އަތް ބޭނުން ހުއްޓާލައި އެމީހުންނަށް ލިބޭ މުސާރައިން ދިރިއުޅެން ފަށައިފިނަމަ މުއްސަނދިކަން އެއަށްވުރެވެސް އިތުރުވެގެންދާނެއެވެ.
ވެރިކަން ކުރަނީ ޤާނޫނުތަކުން ބޭރުން ކަމަށްވާތީ ހަށިފާރައަށް ގެންގުޅެންޖެހޭ ސެކިޔުރިޓީން ގެންގުޅުން ހުއްޓައިލި ނަމަ އަދި އެއަށްވުރެވެސް ބޮޑަށް މުއްސަނދިވެގެންދާނެއެވެ. ނަމަވެސް ކުރުކޮށް ބުނާނަމަ މިއަދުގެ ވެރިންނަކީ މަރުވާނެކަން ޤަބޫލުކުރާ ބައެއް ނޫނެވެ. މަރުވާނެކަން ޤަބޫލުކުރާނަމަ ރައްޔިތުން ބިކަ ހާލުގައި ބައިތިއްބާފައި މިހާރު އެއުޅޭ ތަނަވަސް ދިރިއުޅުމެއް ނުއުޅޭނެއެވެ.
- ތުރުކީގެ ނޫހެއްގައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް