ﷲ ބާވައިލެއްވެވި ގޮތަށް ޙުކުމް ނުކުރެވޭނެނަމަ ވެރިކަމާ ޙަވާލުނުވެ ދުރުގަ ހުރުމަށް އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފި އެވެ.
ޝައިޚް ލަޠީފް މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ ރިޔާޟޫއްޞާލިހީންގައި ހުރި ހަދީޘްފުޅުތަކުގެ ތަފްޞީލް ދެއްވެވި ދަރުސެއްގައި ޙަދީޘްފުޅުތަކުން ހެކި ދައްކަވަމުންނެވެ.
ދަރުސުން:
"އަބޫހުރައިރާ (ރޢ) ގެ ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނެތް ދުވަހު ޙިޔާވަހިކަން ލިބޭނެ 7 ބާވަތެއްގެ މީހުންވެއެވެ.
އެއިގެ ތެރެއިން ފުރަތަމަ މީހާގެ ގޮތުގައި ބަޔާންކުރައްވަވާފައިވަނީ އަދުލުވެރި ވެރިއެކެވެ. މާނައަކީ އަދުލަށް ކަންކަން ކުރެއްވި ވެރިމީހާއެވެ. މީގެ ތެރޭގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި އެއިގެދަށުން ކަންތައްތައް ހަވާލުވެގެންތިބޭ ވެރިން މީގެތެރޭގައި ޝާމިލުވާނެއެވެ. ވަޒީރުންނާއި ރަށްރަށުގެ ވެރިންނާއި އަތޮޅުވެރިންނާއި ސްކޫލްމަދުރަސާތަކާއި ހޮސް ޕިޓަލްތައް ވެސް ހިމެނޭ ގޮތުން ވެރިންގެ ގޮތުގައި ހިމެނޭ އެންމެން މީގެ ތެރޭގައި ޝާމިލުވާނެއެވެ.
އަދުލުވެރިވެރިއަކީ ﷲ އަންގަވާފައިވާ ގޮތަށް އަމަލުކުރާމީހާއެވެ. ޙަރާމް ކުރައްވަވާފައިވާ ކަންކަމުން ދުރުވެގެން ހުންނަ މީހާއެވެ. "އަލްޢަދްލް" ﷲ ތަޢާލާ އަށް ނިޞްބަތްވާ ނަންފުޅެކެވެ. އެހެންކަމުން އަދުލުވެރިއަކީ ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާ އާއި ﷲ ގެ ރަސޫލާ މުޙައްމަދު (ޞޢވ) އަންގަވާފައިވާ ގޮތަށް އަމަލުކުރާ މީހާއެވެ.
ޢަދުލުވެރިކަމާއިއެކު ވެރިކަން ކުރުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެފަދައިން ކޮންމެ މީހަކު ހަވާލުވެގެންވާނެ ކަމެއްވެސް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ވެރިކަން ނުކުރެވޭނެ ނަމަ އޮތީ މަސްއޫލިއްޔާ ހަވާލުނުވުމެވެ. އެއިރުން ކުރިމަތިވާނެ މައްސަލައެއް ނުއޮންނާނެއެވެ.
ޤައުމެއްގެ ނަމަވެސް އުންމަތުގެ ވެރިކަމުގައި ހުންނަ މީހަކާއި ސުވާލުކުރެވޭނެއެވެ. ކޮންމެ ރައްޔިތަކުވެސް ވާނީ ޚަޞްމަކަށެވެ. އެދުވަހަކީ "ރައްބުލްޢާލަމީން" އެއްވެސް އިސްތިސްނާއެއް ނެތި އެންމެހައި މީސްތަކުންނާއި ސުވާލު ކުރައްވަވާނެ ދުވަހެވެ. މެދުވެރިއެއް ނުވަތަ ތަރުޖަމާނެއް ބޭފުޅެއް ނުކުރައްވަވާނެއެވެ.
އެދުވަހު ކަނައަތް ފަޅިއަށް ބެލި ނަމަވެސް ވައަތް ފަޅިއަށް ބެލި ނަމަވެސް ފެންނާނީ އެމީހަކު ކުޅަ އަމަލުތަކެވެ. ކުރިމަތިން ފެންނާނީ އަނދައަނދާހުރި ނަރަކައިގެ އަލިފާން ގަނޑެވެ. މިދައްކަނީ މިފަދަ ބިރުވެރިހާލަތުގައި މީހާއަށް ހުންނަން ޖެހޭނެ ޙާލަތުގެ ވާހަކައެވެ. އެހެންކަމުން އޮތީ ކަދުރުފަޅިއަކުން ނަމަވެސް ޞަދަޤާތްކޮށް، ވީހައި ގިނަ ހެޔޮ އަމަލުކޮށްގެން ނަރަކައިގެ އަލިފާނުން ސަލާމަތްވާން މަސައްކަތްކުރުމެވެ.
އަޅުގަނޑުމެންގެ ތެރޭގައި މިވަރަކަށް ވެރިކަމާއި ބައްދައި ބަގުޑި ބައްދައި މިއުޅެނީ ކީއްވެބާވައެވެ އަޅުގަނޑު ހިތަށް އަރައެވެ. އެންމެން މިވަރުން ވެރިކަމާ މިއުޅެނީ ހަމަ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޙުކުމްކޮށްގެން ވެރިކަން ކުރަންތޯ ސުވާލު އުފެދެއެވެ. ޤިޔާމަތް ދުވަހު އަދުލުވެރި ވެރިންނަށް ދެއްވަވާ ޢަރުޝީގެ ހިޔާވަހިކަން ހޯދުމުގެ ބޭނުމުގައިތޯ ވެސް ސުވާލު އުފެދެއެވެ.
ވެރިކަމަކީ އަދުލުވެރިކަމާއިއެކު ނުކުރެވޭނެ ނަމަ އެއްގޮތަކަށްވެސް ކައިރިވާވަރުގެ ކަމެއް ނޫނެވެ. ތިބާވެރިކަމުގެ ދަށުގައި ހުރި ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ އަނިޔާއަށް ބަދަލު ހޯދަން އެދުވަހު އަންނާނެއެވެ. ބަދަލުނުދީ ސަލާމަތެއްވެސް ނުވެވޭނެއެވެ.
އެދުވަހަކީ ދުނިޔޭގައި ހުރެ ޖަމާކުރި އެއްވެސް މުދަލަކުން އަދި އަނބިދަރިން ގިނަވުމުން އެއްވެސް ފައިދާއެއް ކުރާނެ ދުވަހެއް ނޫނެވެ. އެދުވަހު ފައިދާ ކުރާނީ ސަލާމަތްތެރި ހިތަކާއިގެން އައި މީހަކަށް އެކަންޏެވެ.
އިތުރު މާތް ނަބިއްޔާ (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ވެރިކަމަކީ ޤިޔާމަތް ދުވަހުގައި ގިލަންވެރިކަމަކަށް ވާނެ ކަމަށެވެ. އަދި ﷲ ތަޢާލާގެ ކުރިފުޅުމަތީގައި މި ބޮޑު ދުނިޔޭގެ އަގަކީ މަދިރިއެއްގެ އެންމެ ފިޔައެއްގެ ބަރުދަން ނަމަވެސް ކާފަރަކަށް ހަމަ އެންމެ ފެން ކޯވަރެއްވެސް ނުދެއްވަވާނެ ކަމަށެވެ. ވީއިރު މިދުނިޔޭގައި ހުރި ހުރިހާ ތިޖޫރީތަކާއި ޚަޒާނާތަކުގައި ހުރީ ކޮން އަގެއް ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އަސާގަނޑެއްގެ ބޮޑުމިން ސުވަރުގެއިން ލިބުމަކީވެސް ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ މާއަގުބޮޑު ނިއުމަތެކެވެ.
- އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވާފައިވާ ދަރުސަކުން