އަހަރެން ނިޞްބަތްވަނީ ތުރުކީގެ ކުޑަ އަވަށަކަށެވެ. ތެދަށް ބުނާނަމަ އަހަރެމެންގެ އަވަށުގައި ﷲ އަށް ބިރުގަންނަ ހަމަ އެކަކުވެސް ނުއުޅެއެވެ. އެމީހަކު އުޅެނީ އެމީހަކު އެދުވަހަކު އުޅެން ބޭނުންވި ގޮތަކަށެވެ. ކުރަނީ ކުރަން ހިތަށް އެރި ކަމެކެވެ.
އެއީ ރަނގަޅު ގޮތް ނޫންކަން އަހަރެންނަށް ޤަބޫލުކުރެވެއެވެ. އެގޮތަށް ނުއުޅެ މަޑުން ހުންނަން މަސައްކަތްކުރިނަމަވެސް ވަށައިގެން ލޮލަށް ފެންނަ ކަންތައްތަކުގެ ސަބަބުން ބައެއް ފަހަރު އެމީހުންނާއި ބައިވެރިވެ ކަންކަން ކުރެވެއެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ އެކަމުގެ މައްޗަށް ހިތާމަވެސް ކުރަމެވެ.
އެއް ރެއަކު ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި މީސްތަކުން ކޮޅުކޮޅަށް ދުވަނީއެވެ. އެމީހަކާއި އެމީހެކެވެ. އެންމެންވެސް އުޅެނީ ސަލާމަތް ނުވެވިގެންނެވެ.
އެއިރު މަތިން ވަރަށް ބިރުވެރި އަޑެއް އިވެއެވެ. "ކަލޭމެން ތިއަ ދުވަނީ ކޮންތަނަކަށް ވަދެ ފިލޭނެ ކަމަށް ހެއްޔެވެ؟ ﷲ ތަޢާލާގެ އަޒާބަށް ފިލަން ވަންނާނީ ކޮން ތަނަކަށް ހެއްޔެވެ؟ ކަލޭމެންގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ވަރެއްގެ ބިރުވެރިކަމެއް ނެތެވެ. ލޫތުގެފާނުގެ ޤައުމުގެ މީހުންނަށް ފޮނުއްވެވި ކޯފާގެ ވާހަކަ ކަލޭމެން އަޑުނާހަނީ ހެއްޔެވެ؟"
އަހަރެންނަށް އިޙްޞާޞްކުރެވުނީ ﷲ ތައާލާ މީސްތަކުން ދެކެ ވަރަށް ބޮޑަށް ކޯފާވެވޮޑިގެންފައިވާ ކަމަށެވެ. އެހެންކަމުން އެއަޑާއިއެކު އަހަރެން މިސްރާބު ބަދަލުކުރީމެވެ. އެހެންމީހުންނާއި ދުރަށް ދުވަންފެށީމެވެ. ދުވަމުން ގޮސް ވަރަށް ދުރަށް ދުވުމަށްފަހު އިށީނީމެވެ. އަދި އެއީ ސަލާމަތްކަން ލިބިގެންވާ ސަރަހައްދެއް ކަމަށް ޤަބޫލުކުރެވުނެވެ. އެހެން އިންދާ މަދު ބައަކު އައިސް އަހަރެންގެ ކައިރީގައި އިށީނެވެ. ނަމަވެސް ގަނެފައިވާ ބިރެއްގެ ބޮޑުކަމުން ހަމަ އެކަކަށްވެސް ވާހަކައެއް ނުދެއްކެއެވެ. މަޑުން ތިބީއެވެ.
ނިދީން ހޭލެވުނުއިރު މީހާ އޮތީ ވަރަށް ބޮޑަށް ފިނިވެފައެވެ. އެކަމަކު ބިރުން ތުރުތުރު އަޅައެވެ. ވާހަކަވެސް ނުދެއްކެއެވެ. ދުލުން ހެޔޮ އެއްޗެއް ކިޔުނީވެސް ވަރަށް މަސައްކަތުންނެވެ.
އަނެއް ދުވަހު ހެނދުނު އަވަށް ދޫކޮށް ދިއުމަށް ހިނގައިގަތީމެވެ. ހިނގަމުން ގޮސް އަވަށް ނުވެސް ފެންނަ ހިސާބަށް ދެވުމުން އެ ސަރަހައްދުގައި މަޑުކުރީމެވެ. ފެންނަން ހުރި ހޮހޮޅައެއްގައި ދިރިއުޅެން ފެށީމެވެ.
އެ ސަރަހައްދުވީ ދަނޑުވެރިކަން ކުރަން ވަރަށް ފަސޭހަ ސަރަހައްދަކަށެވެ. އެހެންކަމުން ކައި ބޮއި ހެދުމަކަށް މާބޮޑު އުނދަގޫކަމެއް ނެތެވެ. އެސަރަހައްދުގައި އަހަރެން އެކަނި ދިރިއުޅެން ފެށިފަހުން ކޮންމެވެސް އާއިލާއަކަށް އަހަރެން އެތަނުން ފެނި އެތަނުގައި ވަޒަންވެރިވިއެވެ. އެގޮތަށް ވަޒަންވެރިވަމުން ގޮސް 10 ވަރަކަށް ޢާއިލާގެ މީހުން އެ ސަރަހައްދުގައި ދިރިއުޅެމުން ދިއައެވެ.
އެއް ދުވަހަކު އަވަށުގެ ބައަކު އެ ސަރަހައްދަށް އައެވެ. އެމީހުން ގެންގުޅޭ އެތިކޮޅުވެސް ހިފައިގެންނެވެ. އެމީހުން ބުނީ އެއިގެ ދެރެއެއް ކުރިން ކުރި ވިއްސާރައެއްގައި ބޯކޮށް ވާރޭވެހި އަވަށުގެ ގިނަ ބައަކު މަރުވެއްޖެ ކަމަށެވެ. އަދި އަވަށުގައި ބޮޑުވި ފެންގަނޑު ދެ ދުވަސްވީއިރުވެސް އެއްވެސް ވަރަކަށް ނުހިނދޭ ކަމަށެވެ. ވަރަށް ގަދައަށް ގުގުރި ކަމަށާއި ހޮނު އެޅުމުން ވެސް ގިނަ ބައަކު މަރުވި ކަމަށެވެ.
އެމީހުންގެ ވާހަކަތައް އަޑުއިވުމުން އަހަރެންނަށް ފެނުނު ހުވަފެންމަތިން ވިސްނައިލެވުނެވެ. ނަމަވެސް އެއްވެސް އިތުރު ވާހަކައެއް ކިޔައެއް ނުދެމެވެ. ބޮޑު ސިއްރަކަށް ހުވަފެން ބޭއްވީއެވެ. ނަމަވެސް އެންމެންނަށް ވެސް ވިސްނައިދީގެން ﷲ އަންގަވާފައިވާ ގޮތުގައި ދިރިއުޅޭ ބައަކަށް ހަދަން މަސައްކަތްކުރީމެވެ. އެކަމުގެ ނަތީޖާވެސް ވަރަށް ރަނގަޅަށް ފެނުނެވެ.
- މިއީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ހާދިސާއެއް ކަމަށް ބުނެ ތުރުކީގެ ނޫހެއްގައި ލިޔެފައިވާ ވާހަކައެކެވެ.