އަވަށްޓެރިން ހައިހޫނުކަމުގަ ތިއްބާ ބަނޑުފުރާ ކައިގެން ނިދާ މީހާއަކީ އަހަރެމެންގެތެރެއިންވާ މީހެއް ނޫން: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އަވަށްޓެރިން ހައިހޫނުކަމުގަ ތިއްބާ ބަނޑުފުރާ ކައިގެން ނިދާ މީހާއަކީ އަހަރެމެންގެތެރެއިންވާ މީހެއް ނޫން: ޙަދީޘް
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އަވަށްޓެރިން ހައިހޫނުކަމުގައި ތިއްބައި ބަނޑުފުރާ ކައިގެން ނިދާ މީހާއަކީ އަހަރެމެންގެތެރެއިންވާ މީހެއް ނޫން ކަމަށެވެ.

އަވަށްޓެރިންނަށް އަދާކުރަންޖެހޭ ހައްޤުތައް ވަރަށް ބޮޑެވެ. ބައެއް ޤައުމުތަކަށް ބަލައިފިނަމަ ކޮންމެވެސް އެއްޗެއް ނުކައި ނިދާ މީހަކު ނުހުރެދާނެއެވެ. އެހެންކަމަށްވާނަމަ އެއީ މާތް ﷲ އެބައަކަށް މިންވަރު ކުރައްވަވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ.

މިޙަދީޘްގެ މާނަ އަދި އެހައި ތިލަކޮށް ދޫކޮށްލައިގެން ފުއްދައިލުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިހަދީޘްފުޅުގެ މާނައަށް ބަލައިފިނަމަ އަވަށްޓެރިންގެ އަސާސީ ބޭނުންތައް ހިމަނަން އެބަޖެހެއެވެ. އެމީހުން ދިރިއުޅެނީ ނިކަމެތި ޙާލަތުގައިކަމަށްވާނަމަ ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްނުދީ ތިމާ އެންމެ އިއްޒަތުގައި، އެންމެ މުއްސަނދިކަމާއިއެކު އުޅުމެއް ނެތެވެ.

ބައެއް މީހުންގެ ނަޒަރުގައި އަވަށްޓެރިންނަށް ކަމެއް ކޮށްދޭންޖެހޭނީ އެމީހުން އެދުމުންނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމަކަށް ނުވެދާނެއެވެ. އަވަށްޓެރިއަކު ކަމަކު އެދުމުން އެއީ ކޮށްދެވޭވަރުގެ ކަމެއް ނަމަ އެކަމެއް ކޮށްދިނުމަކީ ވާޖިބުކަމެކެވެ. އަހަރެމެންނަކީ ހަމައެކަނި ވާޖިބު އަދާކުރާ ބައަކަށްވެގެން ތިބެންވީ ކީއްކުރަން ހެއްޔެވެ؟ އެމީހުން އައިސް އެދެންދެން މަޑުކޮށްގެން ހުންނަންވީ ކީއްވެގެން ހެއްޔެވެ؟

އަވަށްޓެރިންނަށް އެހީތެރިވެދިނުމަކީ މަތިވެރިކަންބޮޑު ހެޔޮ އަމަލަކަށްވާއިރު އެކަމުގެ ސަވާބު އަމިއްލައަށް އިސްނަގައިގެން ލިބިނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟

ހަމަކަށަވަރުން އަމިއްލައަށް އިސްނަގައިގެން ހެޔޮ އަމަލުތައް ކުރުމުން ލިބޭ ސަވާބު އިތުރުވެގެންދާނެއެވެ. ހަމައެއާއިއެކު ވިސްނައިލަންވީ އެއް ކަމަކީ ގިނަ މީހުންނަކީ އެމީހާގެ ބޭނުންތަކުގެ ވާހަކަ އިސްނަގައިގެން ދައްކަން ލަދުގަންނާނެ ބައެއް ކަމެވެ. އެހެންކަމަށްވާއިރު ކިތަންމެ ދަތިހާލުގައި އުޅެންޖެހުނު ނަމަވެސް އެކަން ހާމަކުރަން ބޭނުން ނުވާ އެތައް ބައަކު ތިބޭނެ ކަމެވެ.

ރެސްޓޯރަންޓްތަކަށް ގޮސް އަގު ބޮޑު ކެއުންތައް ތިއަ ކަނީއެވެ. ބިލަށް އަރާވަރަކާއިމެދު ވިސްނައެއްވެސް ނުލައެވެ. އަގު ބޮޑު ކެއުން ކިތަންމެ ގިނައިން ކެއުމަކީވެސް އެންމެ ސަވާބެއްވެސް ލިބޭނެ ކަމެއް ނޫނެވެ. ނަމަވެސް ފަޤީރަކަށްޓަކައި އެންމެ ފައިސާ ފޮތްޗެއް ހޭދަކުރި ނަމަވެސް އާޚިރަތުގައި އެކަމުގެ ފައިދާ ކުރާނެއެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ވީހައިވެސް ދީލަތި މީހަކަށްވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން