މިއަހަރު ހައްޖަށް ދިއުމުގެ ނަޞީބު ލިބިފައިވާ މީހުން ހައްޖުގެ އަޅުކަންތައް ކުރާނެ ގޮތް ދަސްކުރަން ފެށުމަށް އިމާމް ގޮވާލައްވައިފިއެވެ. އިމާމް މިކަމަށް ގޮވާލައްވާފައިވަނީ މިއަދުގެ ހުކުރު ޚުޠުބާގައެވެ.
އިމާމް ވިދާޅުވީ މަބްރޫރް ހައްޖެއް ލިބޭނީ ޙައްޖުގެ ވާޖިބުތަކާއި ރުކުންތަކާއި ސުންނަތްތައް ދަސްކޮށްގެން ކަމަށެވެ. މަބްރޫރް ޙައްޖެއް ލިބޭނީ މިކަންތައްތައް އެނގި އަލިކަމާއި ހިދާޔަތުގެ ތެރޭގައި ހައްޖުވުމުން ކަމަށެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙައްޖުގެ މަނާސިކްތައް ދަސްކުރުމަށް އަންގަވައިފައެވެ. ޙަދީޘްފުޅުގައިވެއެވެ. "ތިއަބައިމީހުންގެ މަނާސިކުތައް ތިމަންކަލޭގެފާނުގެ ކިބައިން ލިބިގަންނާށެވެ! ތިމަންކަލޭގެފާނުގެ މި ހައްޖަށްފަހު ތިމަން ކަލޭގެފާނަށް އެހެން ހައްޖެއް ވެވަޑައިގެންނެވޭނެ ކަމަކަށް އުންމީދެއް ނުކުރެއްވެއެވެ."
އިމާމް މިމޭރުމުން ވިދާޅުވެފައިވާއިރު ހައްޖަށް ފައިސާ ދެއްކުމުން ހައްޖުވުމުގައި އަމަލުކުރަންޖެހޭ ގޮތާއި ކިޔަންޖެހޭ ތަކެތި ބަޔާންކުރާ ފޮތްތައް ޖަމާއަތްތަކުން ހިލޭ ހަދިޔާކުރެއެވެ. އިންޓަރނެޓުން ބަލަން ބޭނުން މީހާއަށް ފެންނާނެ ގޮތްތައް ވެސް ވަނީ ފަހިވެފައެވެ. ނަމަވެސް އެތަކެތި ކިޔައި ދަސް ނުކުރާ އެތައްބައަކު ޙައްޖަށް ދެއެވެ. ހައްޖަށް ދިއުމަށްފަހު ކަންކަން ކުރަންވީ ގޮތް ނުއެނގިގެން ހާސްވެ ދެކޮޅަށް ދުވާތަން ފެނެއެވެ.
އެހެންކަމުން ކުރިއާލައި ހައްޖުގެ މަނާސިކްތައް ދަސްކުރުމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑެވެ. ސުވާލު އުފެދޭ ކަމެއް އޮތް ނަމަވެސް ކުރިއާލައި އޮޅުންފިލުވުމުގެ މުހިންމުކަންވެސް ހަމަ އެހައިމެ ބޮޑުކަން ފާހަގަކުރެވެއެވެ.