ﷲ އަށް ޝުކުރުވެރިވުމަކީ ޝައިޠާނާއަށް އަޅުކަން ކުރުން ކަމަށް ހަދައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ﷲ އަށް ޝުކުރުވެރިވުމަކީ ޝައިޠާނާއަށް އަޅުކަން ކުރުން ކަމަށް ހަދައިފި!
ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވަނީ ވީހައި ގިނައިން ﷲ ތަޢާލާ ހަނދުމަކޮށް ޛިކްރް ކުރުންމަތީގައި ދެމިތިބުމަށެވެ. ވީހައި ގިނައިން ޝުކުރުވެރިވުމަށެވެ. އެކަމަށް އަންގަވަނީ އިންސާނާއަށް ބޭނުންވާނެ ހުރިހާ ނިޢުމަތްތަކެއް މިންވަރު ކުރެއްވެވުމަށްފަހުގައެވެ.

ﷲ ތާޢާލާގެ ނިޢުމަތްތައް މިދުނިޔޭގައި ފެށެނީ ދުނިޔެއަށް އުފަންވުމާއިއެކުގައެވެ. ތުއްތު ދަރިފުޅަށް މައިމީހާގެ ގާތުން ކިރުބޯން ދަސްކޮށްދެއްވަވަނީ ވެސް ހަމަ މާތް ﷲ އެވެ. އެކަން ޤަބޫލު ނުކުރާ މީހާ ނިކަން އަމިއްލައަށް އެކަން ދަސްކޮށްދީބަލާށެވެ! ދުނިޔޭގެ ހުރިހާ ޑޮކްޓަރުންނާއި މާހިރުން ގުޅިގެން ނަމަވެސް ނިކަން އެކަން ކޮށްބަލާށެވެ!

ކަންމިހެން އޮތް ނަމަވެސް މިއަދުގެ ޙާލަތަށް ބަލާއިރު ދަރިންނަށް ފިލާވަޅުދަސްވާކަމަށްވަނީ ވެސް މިޔުޒިކް އަޑުއަހަމުންނެވެ. ކުރާ ކޮންމެ ކަމެއް ކުރެވެނީވެސް މިޔުޒިކް އަޑުއަހަމުންނެވެ. އެންމެ ކުޑަމިނުން ޑޮކްޓަރުންނަށް އޮޕަރޭޝަންތައް ކުރެވޭކަމަށްވަނީވެސް މިޔުޒިކް އަޑުއަހަމުންނެވެ.

ﷲ ތަޢާލާ ދެއްވެވި ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ މިޔުޒިކަށް ދެވިހިފައި އަޅުވެތިވުން ހެއްޔެވެ؟ ﷲ ތަޢާލާގެ މަތިން ހަނދުމަވަނީ މިޔުޒިކް އަޑުއިވުމުން ހެއްޔެވެ؟

- އައްޝައިޚް ޖަޢްފަރު ފާއިޒް މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން

ޝައިޚް ޖަޢްފަރު ފާއިޒް މިމޭރުމުން ވިދާޅުވެފައިވާއިރު ޝައިޠާނާގެ ދުންމާރިފުމުން ރާއްޖޭގައި މިވަނީ ބިރުގަންނަން ޖެހޭ ވަރަށް ޢާންމުވެފައެވެ. އެންމެ ކުޑަމިނުން ސްކޫލްތަކުގެ ކިޔެވުން ފެށެނީ ވެސް ޝައިޠާނާގެ ދުންމާރިން ކަމަށް މިއަދު މިވަނީ ވެފައެވެ.

ފުޓްބޯޅަކުޅުނަސް، ކަސްރަތުކުރިނަމަވެސް ފެތުން ފަދަ ކަމެއް ކުރި ނަމަވެސް ޝައިޠާނާގެ ދުންމާރިއާއި ނުލައި ކުރެވޭ ހަމަ އެއްވެސް ކަމެއް އޮތްކަމަށް މިހާރަކު ނުވެއެވެ. އަދި ކީއްހެއްޔެވެ؟ ﷲ ދެއްވެވި ރިޒްޤް ކައި ބޮއި ހެދެނީ ވެސް ޝައިޠާނާގެ ދުންމާރީގެ އަޑު އަހަމުން ކަމަށް މިއަދު މިވަނީ ވެފައެވެ.

ތުއްތު ދަރިން ލައްވައި ލަވަ ކިޔުއްވަން ފަށްޓަނީ ސްކޫލްގައި ކުރާ ކަމެއް ކަމަށް ހަދައިގެންނެވެ. އެކަމުން ނުކުންނާނެ ގޯހެއް ނުއޮންނާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެގޮތަށް ތުއްތުއިރު މިޔުޒިކާއި ލަވަކިޔުމަށް ޣަރަޤްކުރުވި ދަރިން ބޮޑުވެ އެއީ މޮޅު ހުނަރެއް ކަމަށް ދެކެގެން ހިތަށް އެރިހައި ގޮތަކަށް ހެދުން އަޅައިގެން ސްޓޭޖްތަކުގައި ހަރަކާތްތެރިވާ މަންޒަރު މިއަދު ފެންނަނީ މަދުން ހެއްޔެވެ؟ ޝައިޠާނާގެ ދުންމާރީގެ ދުނިޔެއަށް ވަދެވުމަށްފަހު ސަލާމަތްވެވެނީ މަދު މީހަކަށެވެ.
މިއަދު އޮންލައިން