ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރަސޫލުކަމާއިގެން ވަޑައިގަތުމަށްފަހު ދީނަށް ގޮވާލެއްވެވުން މަތީގައި މައްކާގައި ހުންނެވި ދުވަސްވަރު ކީރިތި ޤްރްއާނުގެ އާޔަތްތައް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. ﷲ ތަޢާލާއަށް އީމާން ނުވާނަމަ ﷲ ގެ ގަދަފަދަ އަޒާބާއި ކުރިމަތިލާންޖެހޭނެކަން ހާމަކުރައްވަމުން ގެންދެވިއެވެ.
އެދުވަސްވަރު މުޝްރިކުން ސުވާލުކުރަމުން ގެންދިއައެވެ. "އަހަރެމެން މިތިބީ ތިއަ ވިދާޅުވާ ވާހަކަފުޅުތައް ޤަބޫލުކޮށް ﷲ އަށް އީމާންވާ ގޮތަކަށް ނުނީމުއެވެ. އަހަރެމެންގެ ކަލާނގެތަކަށް އަޅުކަން ކުރުން ހުއްޓާލައި ﷲ ތަޢާލާއަށް އަޅުކަން ކުރަން ފަށާ ގޮތަކަށް ނޫނީމުއެވެ. އެހެންކަމަށްވާއިރު ތިއަ ވިދާޅުވާ ކޯފާ ނުވަތަ އަޒާބު އަންނާނީ ކޮން ވަގުތަކު ހެއްޔެވެ؟"
މުޝްރިކުންގެ މިވާހަތަކާއި ގުޅިގެން ﷲ ތަޢާލާ ބާވައިލެއްެވެވީ ވަރަށް ހަރުކަށި ޖަވާބެކެވެ. އިންޒާރުގެ ޖަވާބެކެވެ. "ތިމަން ﷲ ކަމަކަށް މިންވަރު ކުރެއްވެވުމުން އެކަމެއް ވަގުތުން ވެގެންދާނެއެވެ. އެންމެ ހިދުކޮޅަކަށްވެސް ލަސްވެގެނެއް ނުދާނެއެވެ. ތިމަން ﷲ ގެ އަޒާބަކީ ގަދަފަދަވެގެންވާ އަޒާބެވެ."
ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅަކީ ހަމަ އެކަނި މައްކާގައި އެއިރު ތިބި މުޝްރިކުންނަށް ބާވައިލެއްވެވި ބަސްފުޅެއް ކަމަށް ޤަބޫލުކޮށްގެންނުވާނެއެވެ. ކީރިތި ޤްރްއާނުގެ ކޮންމެ އާޔަތަކީވެސް ޤިޔާމަތަށް ދާންދެން އެގޮތުގައި ދެމިހުންނާނެ މުޢްޖިޒާތްތަކެވެ. އެއްވެސް ބަދަލުވުމެއް ނެތި ހިނގަމުންދާނެ ކަންކަމެވެ.
އެހެންކަމަށްވާއިރު ހިތަށް އެރިހައި ގޮތަކަށް އަމަލުތައް ކުރަމުން، ﷲ ގެ ކޯފާ ބާވައި ނުލެއްވެވި ކަމަށް ހީކުރުމަކީ ޖާހިލުކަން ހައްދުފަހަނައަޅައިދިއުމެވެ. ހަމަ އެއާއިއެކު ތިމާއަށް ނުވަތަ ބައަކަށް ދެއްވަވާފައިވާ ނިޢްމަތެއް ނުވަތަ ނިޢްމަތްތަކެއް ދުވަހަކުވެސް އަތުން ބީވެގެން ނުދާނެ ކަމަށް ޤަބޫލުކުރުމަކީވެސް ޖާހިލުކަން ހައްދުފަހަނައަޅައި ދިއުމުގެ ތެރެއިން ހިމެނޭނެ ކަންކަމެވެ.
ﷲ ތަޢާލާ ނިޢްމަތެއް މިންވަރުފުޅު ކުރައްވަވައިފިނަމަ އޮތީ ޝުކުރުވެރިކަމާއިއެކު އެކަން ބަލައިގަތުމެވެ. ޝުކުރުވެރިކަމާއިއެކު ބަލައިގަތުމަކީ އެ ނިޢްމަތް މިންވަރު ކުރެއްވެވި ފަރާތުން ކޮންމެ ވަގުތަކުވެސް އެ ނިޢްމަތް އަނބުރައި ގެންދަވައިފާނެ ކަމަށް ވިސްނައި ވީހައި ބޮޑަށް އިޚްލާޞްތެރިވުމެވެ.
ﷲ ތަޢާލާގެ ކޯފާ މީސްތަކުންނާއި ހަމައަށް އަންނާނީ ވަރަށް ގިނަ މަރުހަލާތަކަކަށްފަހުގައެވެ. ފުރަތަމަ ކަމަކަށް ތިމާ ކުރަނީ ނުބައި އަމަލެއްކަން ތިމާއަށް އަންގަވައިދެއްވަވާނެތެވެ. މިޒަމާނަށް ބަލައިފިނަމަ ކޮންމެވެސް ރޭޑިއޯ، ޓީވީ ޕްރޮގްރާމަކުންވެސް އެކަން މެދުވެރިވެދާނެއެވެ. އަތަށް ލިބޭ ސީޑީއަކުން ވެސް އެކަން މެދުވެރިވެދާނެއެވެ. ނުވަތަ ދީނީ ޢިލްމުވެރިއެއްގެ ދަރުސަކުން ނަމަވެސް އެކަން މެދުވެރިވެދާނެއެވެ.
މިފަދަ އެތައް ކަމެއް މެދުވެރިވުމުން ވެސް ތިމާ އިޞްލާޙް ނުވިނަމަ ﷲ ތަޢާލާގެ ކޯފާ އެމީހަކަށް ކުރިމަތިވާނެއެވެ. ކުރިމަތިވާނީ ކޮން ސިފައެއްގައި ކޮން ދުވަހަކު އަދި ކޮން ވަގުތަކުކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތާޢާލާއެވެ.
އައުރަ ނިވާ ނުކޮށް އުޅޭ އަންހެނުންވެސް އަދި އެހެނިހެން ފާފަތަކަށް އަރައިގަންނަމުންދާ މީހުންވެސް އަދި އަނިޔާވެރި ވެރިންވެސް މި ކަންކަމަށް ހޭލުންތެރިވާށެވެ! ނޫނީ ސަލާމަތްކަމެއް ނުލިބޭނެއެވެ! ﷲ ތަޢާލާގެ އަޒާބުގެ ސަބަބުން ގެއްލި ހަލާކުވެގެން ހިނގައިދާނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން