ބާރު ދެއްވެވުން އެދި ދުޢާ ނުކުރާށެވެ! އެހެނީ ބާރަކީ މީސްތަކުންނަށް ހުރި ހަލާކެކެވެ! ބާރު ލިބުމުން ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުންމާ ބޮޑުވާނެއެވެ.
އެމީހަކު ބޭނުންވާހައި ވަރަށް ބާރު ދެއްވެވި އެންމެ އިންސާނަކުވެސް އުފަންވެފައެއް ނުވައެވެ. އަދި އެފަދަ ޤައުމެއްވެސް ވުޖޫދުވެފައެއް ނެތެވެ. އަދި ކިއެއްތަ! ނުވެސްވާނެއެވެ. އެހެނީ "މާލިކުލްމުލްކް" އަކީ ﷲ ތަޢާލާއެވެ. ދާއިމަށް އެކަން ދެމިއޮންނާނީ ހަމަ އެގޮތުގައެވެ.
ދުނިޔޭގައި އުފެދުނު ބާރުގަދަ ވެރިންތައް ކޮބައިހެއްޔެވެ؟ ފިރުއައުނު ކޮބައިހެއްޔެވެ؟ ހިޓްލަރު ކޮބައިހެއްޔެވެ؟ މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ދުނިޔޭގައި އުފެދުނު ބާރު ގަދަ ހުރިހާ ލީޑަރުން ވަނީ ނިކަމެތިވެ ނިކަމެތިކަމާއިއެކު ނިމިގެންގޮސްފައެވެ. ހަމަ އެންމެ ނިކަމެތި މީހާ ފަދައިން މަރުވެގޮސްފައެވެ.
ޤައުމުތަކަށް ބަލާށެވެ! މުލި ދުނިޔޭގެ މައްޗަށް ވެރިވެގަނެގެން އުޅުނު ޤައުމުތައް ކޮބައިހެއްޔެވެ؟ އެ ވެރިކަމަކަށް އިރު ނުއޮއްސި އެތައް ގިނަ އަހަރުތަކަކަށް ފާއިތުވެގެންދިއަ އިނގިރޭސި ވެރިކަން މިއަދު ކޮބައިހެއްޔެވެ؟ އެއޮތީ ބަނގުރޫޓުވެފައި އޮތް ޤައުމެއްގެ ގޮތުގައި ނޫންހެއްޔެވެ؟
އިންސާނުންނަކީ ބާރުލިބޭ ވަރަކަށް އިތުރު ބާރަށް އެދޭނެ ބައެކެވެ. އެއީ އިންސާނީ ޠަބީއަތެވެ. އެކަން ބަދަލެއްވެސް ނުވާނެއެވެ. އަބަދުވެސް ތިބޭނީ ދަހިވެތިވެ އިތުރު ބާރަށް އެދިގެން މަސައްކަތްކުރުންމަތީގައެވެ.
ވެރިކަމަށް ދަހިވެތި ނުވުމަށް ތައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘް ފުޅުކުރެއްވެވީ އެއީ ފިތުނައަކަށްވާތީއެވެ. އެ ފިތުނައި ސަލާމަތްވެ ތިބުމަށް ބާރު އެޅުއްމުގެ ގޮތުންނެވެ. މީސްތަކުންގެ ނުވަތަ ބައެއްގެ ވެރިއަކަށް ވުމަށް އަމިއްލައަށް އެދެމީހާއަށް ލިބޭހުރީ ލަޢްނަތެވެ. ﷲ ތަޢާލާގެ އެހީތެރިކަމެއްވެސް ނުލިބޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އެހީތެރިކަމާއި މަދަދު ލިބޭނީ މީސްތަކުންގެ އެދުމަށް އެމީހުންގެ ވެރިކަން ކޮސްދޭ މީހާއަށެވެ.
އިސްލާމީ އަމީރަކު ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ތިމަންނާއަށް ވޯޓުދޭން ރައްޔިތުންގެ ކިބައިން އެދިވަޑައެއް ނުގަންނަވާނެއެވެ. ޢަމަލު ކުރައްވަވާނީ އަބޫބަކުރުގެފާނު، ތިމަންނާއަށްވުރެ ޢުމަރުގެފާނުގެ ޤާބިލުކަން މާބޮޑުވާނެ ކަމަށް ވިދާޅުވިފަދައިންނެވެ.
އަދި ކިއެއްތަ ވެރިކަމާއި ބާރުލިބުމުން ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައި ނުވާ ގޮތަކަށް ހަމަ އެއްވެސް ކަމެއް ނުކުރައްވަވާނެއެވެ! އެންމެ ބޮޑު ސަމާލުކަމެއް ދެއްވަވާނީ ކީރިތި ޤްރްއާނަށް އަމަލު ކުރެއްވުމަށެވެ!
- ލަވް އިސްލާމްގެ ދަރުސަކުން -