ދަރުސް: ދަރުސްތަކުގައި ބައިވެރިވުމުގެ ފައިދާ އެނގޭނަމަ އެންމެ ދަރުސެއްވެސް ދޫނުކޮށް ބައިވެރިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ދަރުސް: ދަރުސްތަކުގައި ބައިވެރިވުމުގެ ފައިދާ އެނގޭނަމަ އެންމެ ދަރުސެއްވެސް ދޫނުކޮށް ބައިވެރިވާނެ!
ﷲ ތަޢާލާ މަތިވެރިކުރުމަށާއި އިސްލާމް ދީން މަތިވެރިކުރުމަށް އަދި ﷲ ތަޢާލާއަށް ޛިކްރްކުރުމަށް ބައަކު ބައްދަލުވުމެއް ބާއްވާތޯ ބައްލަވަން މަލާއިކަތް ބޭކަލުން ބިންމަތީގައި އަބަދުވެސް އުޅުއްވަވާނެތެވެ. އެފަދަ ބައްދަލުވުމެއް ބާއްވާތަން ފެނިވަޑައިގަތުމުން ވަޑައިގެން އެ ބައްދަލުވުމެއް ވަށައިލައްވަވާނެތެވެ. ހަމައެކަނި ވަށައި ލައްވަވަނީއެއްވެސް ނޫނެވެ. އުޑާއިޖެހެންދެން ބައްދަވައިވެސް ލައްވަވާނެތެވެ.

އެގޮތުގައި ތިއްބަވައިގެން އެބައްދަލުވުގަ ބައިވެރިންނަށް ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަމުން ގެންދަވާނެތެވެ!

ބައްދަލުވުން ނިމުމުން މަލާއިކަތް ބޭކަލުން އެނބުރި ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގަންނަވާނެތެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް އެނގވޮޑިގެން ހުންނެވުމާއިއެކުވެސް މަލާއިކަތް ބޭކަލުންނަށް ފެނިވަޑައިގެންނެވި ކަންކަމުގެ ޚަބަރުތައް އޮޅުންފިލުއްވަވާނެތެވެ.

މަލާއިކަތްބޭކަލުން ދަންނަވާނެތެވެ. އެމީހުން ކުރި ކަމަކީ އިނބަ ﷲ އަށް ތަޢްރީފްކުރުމާއި ކުޅަދުންވަންތަކަން ބަޔާންކުރުމެވެ. އިނބަ ﷲ އަށް ޘަނާ ކިޔުމެވެ. ޛިކްރުކުރުމެވެ. މިފަދަ އެތައް ވާހަކަތަކެއް ދަންނަވާނެތެވެ.

އެހިނދު ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. "އެމީހުންނަށް ތިމަން ﷲ ފެނުނު ހެއްޔެވެ؟" އެއީ އެއްވެސް އިންސާނަކަށް ވާނެ ކަމެއް ނޫނެވެ. އެކަން ބަޔާން ކުރެއްވެވުމާއިއެކު މަލާއިކަތް ބޭކަލުން ދަންނަވާނެތެވެ. އެބައިމީހުން އިނބަ ﷲ މަތިވެރިކޮށް ކަންކަން ކުރީ އިނބަ ﷲ ފެނުމަކާއި ނުލައެވެ. އެބައިމީހުންނަށް އިނބަ ﷲ ފެންނާނެނަމަ އަދި މާގިނައިން ޛިކްރުކޮށް ތައްރީފް ކުރާނެ ކަމަށްވެސް ދަންނަވާނެތެވެ.

ދެން ވަޙީ ކުރައްވަވާނެތެވެ. "އެބައިމީހުން ބޭނުންވަނީ ކޮން ކަންކަމެއް ހެއްޔެވެ؟" އެބައިމީހުން ބޭނުންވަނީ ސުވަރުގެ ކަމަށް ދެންނެވުމުން އެމީހުން ސުވަރުގެ ބޭނުންވަނީ ސުވަރުގެ ފެނިގެންތޯވެސް ސުވާލުކުރައްވަވާނެތެވެ. އުސުވާލާއި ގުޅިގެންވެސް އެބައިމީހުންނަށް ސުވަރުގެ ފެނުނު ނަމަ ސުވަރުގެ ބޭނުންވެގެން މާބޮޑަށް މަސައްކަތް ކުރާނެ ކަމަށްވެސް ދަންނަވާނެތެވެ.

އެހިނދު އެބައި މީހުން ބިރުގަންނަނީ ކޮން ކަމަކަށްތޯ ވެސް ސުވާލުކުރައްވަވާނެތެވެ. ނަރަކަ ދެކެ ކަމަށް ދެންނެވުމުންވެސް އެބައިމީހުންނަށް ނަރަކަ ފެނިފައިވޭތޯ ސުވާލުކުރައްވަވާނެތެވެ. ޖަވާބުގައި ނަރަކަ ފެނުނު ނަމަ އަދި މާބޮޑަށް ބިރުގަނެ މާގިނައިން އަޅުކަން ކުރާނެ ކަމަށްވެސް ދަންނަވާނެތެވެ.

އެހިނދު މާތްﷲ ވަޙީކުރައްވަވާނެތެވެ. "ތިއަ މަލާއިކަތުން ހެކިކޮށް އެ މަޖިލީހުގައި ތިބި އެންމެންގެ ކުށްތަކަށް މަޢާފްކުރައްވަވައިފީމެވެ."

އެހިނދު މަލާއިކަތް ބޭކަލުން ދަންނަވާނެތެވެ. "ޔާ ﷲ! މިވެނި އެވެނި ބައަކު އެތަނުގައި ތިބީ އެކަމުގައި ބައިވެރިވާކަށްވެސް ނޫނެވެ. މިވެނި އެވެނި ބައަކާއި ބައްދަލުކޮށްލަން ގޮސް ތިބީއެވެ. އެމީހުން ގޮސް ތިބީ އެމީހުންގެ އަމިއްލަ ބޭނުންތަކުގައެވެ." އެ ހިނދު ﷲ ތަޢާލާ ވަޙީ ކުރައްވަވާނެތެވެ. "އެތަނުގައި ތިބި އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތެވެ."

މީސްތަކުންނޭވެ. އިޚްލާޞްތެރިން އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާ މަތިވެރިކޮށް ޛިކްރް ކުރުމުގެ އެއްވުންތަކުގައި ބައިވެރިވުމުގައި މިފަދަ މަތިވެރިކަމާއި ފައިދާތައް އެބަހުއްޓެވެ. ގިނަ ގިނައިން އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވާށެވެ! އެކަމުގެ ސަބަބުން ތިމާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވެވުމަށް އެދޭށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ލިބެންހުރި ބޮޑުވެގެންވާ ނިޢުމަތްތަކަށް އެދޭ ބައަކަށްވާށެވެ!

- އުސްތާޛް ވައްހާޖްގެ ދަރުސަކުން
މިއަދު އޮންލައިން