އެއްދުވަހަކު މީހަކު 2 ޒުވާނަކު ކައިރިއަށް ގެނެސް ކޮންމެ މީހަކަށް 1000 ޕައުންޑް ދިނެވެ. އަދި ބުންޏެވެ. މި ހިފައިގެން ގޮސް ކަލޭމެން ބޭނުން ކަމެއްކޮށް ހުސްކޮށްލާށެވެ! ހުސްކޮށްލުމަށްފަހު އެނބުރި އައިސް ކުރި ބޭނުންތައް ކިޔައި ދޭންވާނެއެވެ.
ދެ މީހުންވެސް ފައިސާ ހިފައިގެން ދިއައީއެވެ. ފައިސާ ހުސްވުމުން އެކަކު އައިސް ބުނީ އޭނާ ފައިސާ ޚަރަދުކުރީ ޗޮކްލެޓް، ޗްވިންގަމް ފަަދަ ތަކެތި ގަނެގެން ކެއުމަށް ކަމަށެވެ.
ބުނެވޭނެ އެއްޗެއް ނެތްތާއެވެ! އެއީ އޭނާއަށް ކުރަން ފެނުނު އެންމެ ރަނގަޅު ކަންތަކެވެ.
ދެވަނަ މީހާ އައިސް ބުންޏެވެ. އަހަރެން ގަތީ ކާރެކެވެ. ކާރުގެ ވެރި މީހާ ފުރަތަމަ ކީ ވަރަށް ބޮޑު އަގެކެވެ. ދެން އަތުގައި ހުރިވަރު ތެދުބަހުން ބުނެ އާދޭސްކޮށްގެން އޭނާ ލައްވައި އަގުކުޑަކުރުވައިގެން ކާރުގަތީއެވެ.
ވިސްނާށެވެ! އޭނާއަށް ދިން ފައިސާގެ ބޭނުން އެހިފީ ވަރަށް ރަނގަޅަށެވެ. އޭނާ އެނބުރި އެއައީ ގެންދިއަ ފައިސާއަށްވުރެ މާ އަގުބޮޑު އެއްޗެއް ހޯދައިގެންނެވެ. އޭނާއަށް އަބަދުވެސް ފަސޭހަކޮށްދޭނެ އެއްޗެއް ގަނެގެންނެވެ. ދެމީހުންނަށްވެސް ފައިސާ ދިނީ އެއްވަރަކަށެވެ. ނަމަވެސް ބޭނުން ހިފިގޮތް އުޑާއި ބިމާހައި ތަފާތެވެ.
މީސްތަކުންނޭވެ! ކިޔައި މިދިނީ މިސާލެކެވެ. ވިސްނަންޖެހޭ ކަމަކީ ދިރިއުޅުމަކީވެސް ނުވަތަ ދުނިޔޭގައި އުޅެ ހަޔާތް ވޭތިކުރުމަކީވެސް ހަމަ މިފަދަ ކަމެއް ކަމެވެ. ﷲ ތަޢާލާ އެންމެން ވެސް ދުނިޔެއަށް ފޮނުއްވަވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ.
ދުނިޔޭގައި ހޭދަކުރާ ހަޔާތަކީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި ފައިސާތަކެއް ކަމަށް ބަލާށެވެ! ފައިސާތައް ދެއްވެވުމަށްފަހު އަންގަވަނީ ފައިސާތައް (ހަޔާތް) އެމީހަކު ބޭނުން ގޮތަކަށް ވޭތިކުރުމަށްފަހު އެނބުރި ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސް ޖަވާބުދާރީވުމަށެވެ. ޖަވާބުދާރީވުމުން އެއް ބައަކަށް އޮތީ ނަރަކައެވެ. އަނެއް ބައަކަށް އޮތީ ސުވަރުގެއެވެ. އެމީހަކަށް ލިބޭނީ އެމީހަކު އިޚްތިޔާރުކުރި ތަނެކެވެ.
ދުނިޔޭގައި އެންމެންނަށްވެސް އިމްތިޙާނުތަކެއް ކުރިމަތި ކުރައްވަވަތެވެ. އެކި މީހުންނަށް ކުރިމަތި ކުރައްވަވާ އިމްތިޙާން ތަފާތުވެދާނެއެވެ.
ފާސްވުމާއި ނުވުން އޮތީ ހަމަ އެމީހެއްގެ އަތްމަތީގައެވެ. އެމީހަކަށް ދެއްވެވި ފައިސާތައް އެއްވެސް ފައިދާއެއް ނެތް ގޮތުގައި އުކައިލުމަށްފަހު އެނބުރި ގޮސް ހިތާމަކުރާ މީހަކަށް ވާން ނުޖެހޭނީ ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ހިފި މީހަކަށެވެ.
އާދޭހަކީ އުމުރުގެ ކޮންމެ ދުވަހެއްގެ ބޭނުންވެސް އެންމެ ފައިދާހުރި ގޮތުގައި ހިފާ މީހަކަށްވުމެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވޭ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާ މީހަކަށްވުމެވެ.
ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! ތިބާ މަރުވުމުން ތިބާ ވަޅުލެވިގެންދާއިރު ފަސްއަޅައި ފޮރުވާނީ ޢާއިލާގެ މީހުންނާއި އެންމެ ގާތް ބައެކެވެ. މިއީ ވަރަށް މާނަހުރި ކަމެކެވެ. ފުންކޮށް ވިސްނުމުން ވަރަށް ބޮޑު އިބްރަތަކަށް ފުދޭނެއެވެ!
ތިބާ އެންމެ ނުއެދޭނީ ވަޅުލެވުމަށެވެ! ނަމަވެސް ތިބާ ވަޅުލެވޭނެއެވެ! ތިބާ ވަޅުލާނީ ތިބާ ދެކެ އެންމެ ލޯބިވާ މީހުންނެވެ. ތިބާ ވަޅުލަން އެންމެ ބޭނުން ނުވާ މީހުންނެވެ. ވަޅުލުމަށްފަހު އެނބުރި ދާންޖެހެނީ ތިބާ އެކަނިމާއެކަނި ކައްވަޅަށް ދޫކޮށްފައެވެ. މިއީ މިނޫން ގޮތަކަށް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ.
މާނައަކީ ތިބާއަށް ހަޤީޤީ އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ހަަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. އެކަން އެނގޭއިރު ﷲ ތަޢާލާގެ އެންގެވުންތަކަށް އަމަލުކުރުމުގެ މުހިންމުކަމަށް ވިސްނާށެވެ! މަރުވެ ވަޅުލުމުގެ ވަގުތު ޖެހުމުގެ ކުރިން އެކަމަށް ތައްޔާރުވެ ހުރި މީހަކަށް ނޫނީ ސަލާމަތް ކަމެއް ނެތެވެ!
- ލަވް އިސްލާމްގެ ދަރުސަކުން -