ﷲ ތަޢާލާ ދެއްވަވާފައިވާ އަދި ދެއްވަމުން ގެންދަވާ ނިޢްމަތްތަކަށް ޝުކުރުވެރިވަނީ ވަރަށް މަދު މީހެކެވެ. އެކަން ﷲ ތަޢާލާ ވަރަށް މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަން އެނގެނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުންނެވެ.
"ﷲ އީ، ތިއަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިއަބައިމީހުންނަށްޓަކައި ރޭގަނޑު ލެއްވެވި ރަސްކަލާނގެއެވެ. އަދި (ތިއަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ އީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަ ބައަކު ޝުކުރެއް ނުކުރެއެވެ." (40:61)
މިއާޔަތަށް ނިކަން ބަލައި ވިސްނައި ފިކުރުކޮށްބަލާށެވެ! ރޭގަނޑު ލެއްެވެވީ ހޭލައި ތިބެ ހިތަށް އެރިހައިކަމެއް ކުރަން ހެއްޔެވެ؟ ދިރިއުޅެން ކުރާ މަސައްކަތްތައް ކުރަން ހެއްޔެވެ؟ ސިޔާސީ ހަރަކާތްތައް ހިންގަން ހެއްޔެވެ؟ މިޔުޒިކްޝޯތައް ބާއްވައި ނާޗަރަންގީ ކުޅެންހެއްޔެވެ؟ ނޫންނަމަ ރޭގަނޑު ލެއްވެވީ އެރޭތަކުގައި ހަމަހިމޭނުން ތިބެން ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކީރިތި ޤްރްއާނުގެ އެއްވެސް އާޔަތަކީ ވަކި ޒަމާނަކަށް ބާވައިލެއްވެވި އާޔަތެއް ނޫނެވެ. ކޮންމެ އާޔަތެއްވެސް ބާވައިލައްވަވާފައިވަނީ ހުރިހާ ޒަމާންތަކަށެވެ. އާޔަތް ބާވައިލެއްވެވި ވަގުތުން ފެށިގެން ދުނިޔެ ނިމެންދެން އަމަލުކުރުމަށެވެ.
ނަމަވެސް މިއަދު މިފެންނަނީ ހުރިހާ ކަމެއް ބަދަލުކުރާތަނެވެ. ދުވާލު ރޭގަނޑަށް ހަދައިފިއެވެ. ނުވަތަ ރޭގަނޑާއި ދުވާލަކީ ދުލާލު ކަމަށް ހަދައިފިއެވެ. ރޭގަނޑެއް ދުވާލެއް ނުބަލައި ހަމަ އެއް އޫޞޫލަކުން ކަންކަން ކުރަން ފަށައިފިއެވެ. ކީރިތި ޤްރްއާނުގައި މިއާޔަތް އޮތްކަންވެސް ހަނދާނުގައި ނެތް ފަދައެވެ!
މީސްތަކުންނޭވެ! ރޭގަނޑާއި ދުވާލު މިންވަރު ކުރެއްވެވީ ﷲ ތަޢާލާއެވެ. ރޭގަނޑުގައި ކުރަންވީ ކަންކަމާއި ދުވާލުގައި ކުރަންވީ ކަންކަން އަންގަވާފައިވަނީ ވެސް ﷲ ތަޢާލާއެވެ! ވީމާ ﷲ ތަޢާލާގެ ނިންމެވުމަށް އިޙްތިރާމްކުރާ ބައަކަށްވާށެވެ! ރޭގަނޑާއި ދުވާލުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހިފަންފަށާށެވެ! ފަތިސް ނަމާދުގެ ޖަމާއަތްތައް ބޮޑުވެގެންދާނީ އެއިރުންނެވެ!
ދުވާލު މަސައްކަތްތައް ކުރާށެވެ! ރޭގަނޑަކީ އަރާމުކުރާ ވަގުތަށް ހަދައި އަވަހަށް ނިދާށެވެ! ފަތިސް ނަމާދަށް ހޭލާ މީހަކަށްވާށެވެ! ﷲ ގަންދީ ބުނަމެވެ! ﷲ އަންގަވާ ފަދައިން އަމަލުކޮށް ފަތިސް ނަމާދުކުރާމީހާއަށް ފުދި އިތުރުވާނެއެވެ! ރިޒްޤް ދާނީ އިތުރުވަމުންނެވެ! އެގޮތަށް އަމަލުކުރުމުން އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެމީހަކު ނިކަން އެކަން ބަޔާންކޮށްބަލާށެވެ! އެއީ އަދި މިހައިތަނަށް ހަމަ އެކަކަށްވެސް ކުރެވިފައި އޮތް ކަމެއް ނޫނެވެ! އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ!
ޞިއްޙަތަށްވެސް، ދިރިއުޅެން ކުރާ މަސައްކަތަށްވެސް ގެއްލުމެއް ލިބިފައި އޮތްނަމަ އޮންނާނީ ރޭގަނޑު ހޭލައި ހުރެގެންނެވެ. ފަތިހު ތެދުވެ ކުރަންޖެހޭ ކަންކަން ނުކޮށްގެންނެވެ. ރޭގަނޑު ހޭލައި އުޅުމަށްފަހު ލަހުން ނިދައި އިރުއަރައި އިރުމެދު ޖެހެންދެން ނިދާފައި އޮތުމުންނެވެ!
ދިރިއުޅެން މަސައްކަތްކުރަން ދުވާލު ދެއްވެވުމުން އެވަރުން ނުފުދެނީއެވެ! ދުނިޔޭގެ އެދުން ބޮޑުކަމުންނެވެ. ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރު ނުކުރުމުގެ ތެރޭގައި އަހަރެމެން ކުރާ ގިނަ ކަންތައްތަކެއް ހިމެނެއެވެ. ރޭ ދުވާ އޮޅުވައިލުން މިއީ ވެސް ހަމަ ޝުކުރު ނުކުރުމުގެ ތެރެއިން ކުރިމަތިވާ ކަމެއް ކަމަށް ނޫނީ އަހުރެން ނުދެކެމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -