އެންމެ މީހަކު ނަރަކައަށް ވަނުމަށްވެސް ރަސޫލާ (ޞޢވ) ބޭނުންފުޅެއް ނުވޭ - ނަމަވެސް ނަރަކައިން ސަލާމަތް ވެވޭނީ ތިބާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
އެންމެ މީހަކު ނަރަކައަށް ވަނުމަށްވެސް ރަސޫލާ (ޞޢވ) ބޭނުންފުޅެއް ނުވޭ - ނަމަވެސް ނަރަކައިން ސަލާމަތް ވެވޭނީ ތިބާއަށް!
އިސްލާމް ދީން ބާވައިލެއްެވެވުމުން އެހެން ދީންތައް ބާޠިލުވެގެން ދިއަކަމާއި ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) އީ އެންމެ މާތް ނަބިއްޔާކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟

މިއީ ބައެއް މީހުން ކުރިމަތިކުރާ ސުވާލެކެވެ. އެބައި މީހުން ބުނެއެވެ. އަހަރެމެންވެސް ތަބަޢަވެގެން މިތިބީ ހަމަ ﷲ ތަޢާލާ ބާވައިލެއްވެވި ދީނަކަށެވެ. ﷲ ތަޢާލާ ފޮނުއްވެވި ރަސޫލުބޭކަލަކަށެވެ. އެހެންކަމަށްވާއިރު އަހަރެމެންގެ ދީން ދޫކޮށް އިސްލާމް ދީން ޤަބޫލުކުރަން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ މުޙައްމަދު (ޞޢވ) ގެ ނަބީކަން ޤަބޫލުކުރަންވީ ކީއްވެގެން ހެއްޔެވެ؟

އެފަދަ ސުވާލުތައް އެމީހުން ކުރިމަތިކުރަނީ އިސްލާމް ދީން ރަނގަޅަށް ނުއެނގޭތީއެވެ. އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ގެ ސިޔަރަތާއިމެދު ފުރިހަމައަށް މައުލޫމާތު ލިބިފައި ނުވާތީއެވެ.

ވިސްނާށެވެ. އިސްރާގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ މަސްޖިދުލްއަޤްޞާއެވެ. ބުރާޤްގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މަސްޖިދުލްއަޤްޞާއަށް ވަޑައިގެންނެވިއިރު ހުރިހާ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން އެތަނުގައި ތިއްބެވިއެވެ.

އެބޭކަލުންގެ ތެރޭގައި މާތް ﷲ އެބޭކަލަކަށް "ޚަލީލް" ގެ ދަރަޖަ ދެއްވެވި އިބްރާހީމްގެފާނާއި އެބޭކަލުންނަށް ފޮތް ބާއްވަވައިލެއްވެވުނު މޫސާގެފާނާއި ދާވޫދުގެފާނާއި ޢީޞާގެފާނުވެސް ތިއްބެވިއެވެ.

އެހުރިހާ ބޭކަލުން އެތަނުގައި ތިއްބެވުމާއިއެކުވެސް އިމާމްވެ ނަމާދުކުރައްވަވަން ﷲ ތަޢާލާ ޙަވާލުކުރެއްވެވީ މުޙައްމަދު ރަސޫލު (ޞޢވ) އާއިއެވެ. މިކަމަށް އެކަނި ވިސްނައިލި ނަމަވެސް އެހެން ހުރިހާ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށްވުރެ މުޙައްމަދު ރަސޫލު (ޞޢވ) ގެ މަތިވެރިކަން ބޮޑުކަން އެނގިގެންދެއެވެ.

ދެން ނިކަންބަލައިބަލާށެވެ! ޝަހާދަތުގެ ދެކަލިމަ ކިޔާއިރު ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި ފަހަތުން ޖެހިގެން މިއަންނަނީ މުޙައްމަދު ރަސޫލު (ޞޢވ) ގެ ރަސޫލުކަން ޤަބޫލުކުރުމުގެ ވާހަކައެވެ.

އަލަށް މީހަކު އިސްލާމްވާނަމަ ފުރަތަމަ ކަމަކަށް ޝަހާދަތް ކިޔަންޖެހެއެވެ. ޝަހާދަތް ފުރިހަމަވެގެންދަނީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ހެކިވުމާއިއެކު މުޙައްމަދު ރަސޫލު (ޞޢވ) ގެ ރަސޫލުކަން ޤަބޫލުކުރުމުންނެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. ކޮންމެ ދުވަހަކު 5 ފަހަރު އަޑުއަހަމުން މިދާ ބަންގީގައިވެސް ހަމަ މިފަދައިން ކިޔަންޖެހެއެވެ. މާނައަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ހެކިވުމާއިއެކު މުޙައްމަދު ރަސޫލު (ޞޢވ) ގެ ރަސޫލުކަމަށްވެސް ހެކިވެ ބަލައިގަތުން މިވަނީ ކޮންމެ ދުވަހަކު މަދުވެގެން 5 ފަހަރު ތަކުރާރުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ލައްވަވައިފައެވެ.

ނިކަން ވިސްނައިބަލާށެވެ! އިތުރު މާތް ނަބިއްޔާ، މުޙައްމަދު (ޞޢވ) ވަނީ އެތައްފަހަރަކު އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ދެރަގޮތެއް މެދުވެރިވެދާނެތީ ލޯފުޅުން ކަރުނަފޮދު ބާލުއްވަވައި ކީރިތި ކުރައްވަވައިފައެވެ. އެމަންޒަރު ޖިބްރީލްގެފާނަށް ފެނިވަޑައިގެން ﷲ ތަޢާލާއަށް ދެންނެވުމުން ވަޙީކުރެއްވެވީ ކީކޭތޯއެވެ! "ކަލޭގެފާނުގެ އުންމަތާއިމެދު މާޔޫސްވެވަޑައިގަންނަވާނެ ގޮތެއް މިންވަރުފުޅެއް ނުކުރައްވަވާނަމެވެ."

މިއީ ވަރަށް މުހިންމު ބަސްފުޅެކެވެ. މިބަސްފުޅު މިގޮތަށް އޮތުމުގެ މާނައަކީ މިއުންމަތުގެ މީހުން ބޭނުންހައި ގޮތަކަށް އުޅުމުން، ކުރި ފާފަތަކަށް އަޒާބު ނުދެއްވަވައި އެންމެން ސުވަރުގެ ވެއްދެވުމެއް ނޫނެވެ. ނަރަކައިގެ އަޒާބުން ސަލާމަތްވުމަށާއި ސުވަރުގެ ވަނުމަށް އެދޭމީހާ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަންގަވާފައިވާ ގޮތަށް އުޅުމެވެ. ސުންނަތުގައި ގަދައަޅައި ހިފެހެއްޓުމެވެ. ޙަދީޘްފުޅުތަކަށް ފުރިހަމައަށް އަމަލުކުރުމެވެ.

އެކަންކަން ނުކުރާނަމަ އެމީހެއްގެ ކިބައިން ކަންތައްތަކެއް އުނިވެގެންދާނެއެވެ. ތިމާގެ ކިބައިން ކަންތައްތަކެއް އުނިވެގެން ދިއުމުން މި އުންމަތުގެ މީހެއް ނަމަވެސް އެމީހާއަކީ ފުރިހަމައަށް އަމަލުކުރި މީހަކަށް ނުވާނެއެވެ. މިއުންމަތުގެ ބައަކަށް ނަރަކައަށް ވަންނަން ޖެހެނީ އެސަބަބަށްޓަކައެވެ. އެމީހުން އަމިއްލައަށް އެކަން ލިބިގަންނާތީއެވެ.

މިއުންމަތުގެ އެއްވެސް މީހަކު ނަރަކައަށް ވަނުމަކީ އިތުރު މާތް ނަބިއްޔާ (ޞޢވ) އެއްގޮތަކަށްވެސް ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫނެވެ. ނަމަވެސް މީސްތަކުން އެކަމަށް ނުވިސްނައި ފާފަތަކަށް އަރައިގަތުމުން އިތުރު މާތް ނަބިއްޔާ (ޞޢވ) އަށް ކުރެއްވެވޭނެ ކަމެއް ނުއޮންނަނީއެވެ.

ނިކަން ވިސްނައިބަލާށެވެ. މިޢްރާޖްގެ ދަތުރުފުޅުގައި ރަސޫލުބޭކަލަކު އެންމެ 10 މީހުންނާއިއެކު ސުވަރުގެ ވަދެވަޑައިގެންނެވިތަން ވަނީ ފެނިވަޑައިގެންފައެވެ. ރަސޫލުބޭކަލަކު އެންމެ 2 މީހުންނާއިއެކު ސުވަރުގެ ވަދެވަޑައިގެންނެވިތަން ވަނީ ފެނިވަޑައިގެންފައެވެ. ރަސޫލުބޭކަލަކު ގިނިކަންޏާ ސުވަރުގެ ވަދެވަޑައިގެންނެވިތަން ވަނީ ފެނިވަޑައިގެންފައެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އެއްވެސް ޙާލެއްގައި އެ ގޮތް އެބޭކަލުން ބޭނުންފުޅުވެވަޑައިގަނެގެނެއް ނޫނެވެ. އެބޭކަލުން ތަކުރާރުކުރައްވަވައި ކުރެއްވެވި އާދޭސްތަކަށް އެބޭކަލުންގެ އުންމަތުގެ މީހުން އިޖާބަ ނުދިނުމުންނެވެ. މިއުންމަތަށްވެސް މިކަން އޮތީ ހަމަ މިފަދައިންނެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން