ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާ 70،000 މީހުންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ތިބާއަށް ވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާ 70،000 މީހުންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ތިބާއަށް ވެސް އެބައޮތް!
ނިކަން ވިސްނައިބަލާށެވެ. ހަމައެކަނި މިހާރު ދުނިޔޭގައި މުސްލިމުންގެ އާބާދީއަށް ބެލިނަމަވެސް 2 ބިލިއަނާއި ކައިރިކުރާ އަދަދަކަށް މުސްލިމުން އެބަތިއްބެވެ. މީގެ ކުރިން އުޅުނު މީހުންގެ އަދަދު ނުވެސް އެނގެއެވެ. އަދި ފަހުން އުޅޭނެ މީހުންގެ އަދަދު ނުވެސް އެނގޭނެއެވެ.

މިޢްރާޖްގެ ދަތުރުފުޅުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އިތުރު އެކަލޭގެފާނުގެ އުންމަތް ދެކެވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގެންނެވިއެވެ. ޖިބްރީލްގެފާނު އުދަރެހުން މިއުންމަތް ދެއްކެވިއެވެ. އަދި ވިދާޅުވިއެވެ. ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމެއް ނެތި އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ އުންމަތުގެ 70،000 މީހުން ސުވަރުގެ ވައްދަވާނެތެވެ!

މީސްތަކުންނޭވެ! އެ ފުރުޞަތު މި ލިބެނީ އެތައް ހާސް ބިލިއަން މީހުންގެ ތެރެއިން އެންމެ 70،000 މީހުންނަށެވެ. ކަންބޮޑެއް ނުވަމު ހެއްޔެވެ؟ ތިބާ ވީ ކޮންތަނެއްގައި ހެއްޔެވެ؟ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟

މިއީ އެއްވެސް ހާލެއްގައި މާޔޫސްވާންޖެހޭ ކަމެއް ނޫނެވެ. އަހަރެމެން ކޮންމެ މީހަކަށްވެސް ހަމަ އެފުރުޞަތު އެބައޮތެވެ. ﷲ ތަޢާލާ އީ މީސްތަކުންނަށް ފުރުޞަތުތައް ބަންދުކުރައްވަވާ އިލާހެއް ނޫނެވެ. ﷲ ތަޢާލާ ވަނީ ފުރުޞަތުތައް ހުޅުއްވަވާލައްވަވައިފައެވެ. އެ ފުރުޞަތުތަކުގެ ބޭނުން ހިފަން ބޭނުންވާ ހަމަ ކޮންމެ މީހަކަށްވެސް އެ ފުރުޞަތުތައް ވަނީ ހުޅުވިގެންނެވެ.

ގަދައަޅައި މަސައްކަތް ކުރަންވީ ﷲ ތަޢާލާގެ ލޯބި ހޯދުމަށެވެ. ﷲ ތަޢާލާގެ ލޯބި ލިބުން މިވަނީ ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢވ) އަށް ލޯބިކުރި މިންވަރަކުންނެވެ. އެއީ ރަސޫލާ (ޞޢވ) ގެ ބަސްފުޅެއް ނޫނެވެ. ﷲ ތަޢާލާގެ ބަސްފުޅެވެ.

ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢވ) އަށް ލޯބިކުރަމޭ ބުނުމަކުން ނުފުދޭނެއެވެ. އެހެން ބުނާނަމަ އެކަން އަމަލުން ދައްކަން ޖެހޭނެއެވެ. ތިބާ ދުލުން ބޭރުކުރާ ބަސްތައް ﷲ ތަޢާލާ އައްސަވާ ވޮޑިގެންވާ ފަދައިން ތިބާގެ އަމަލުތައް ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ދުލުން ބުނާ ބަސް އަމަލާއި ސީދާކުރާ މިންވަރުވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

ވިސްނާށެވެ! ސުންނަތަށް އަމަލުކުރުމަކީ ތުނބުޅި ބެހެއްޓުމާއި ސިވާކުން ދަތް އުނގުޅުން ކަމަށް ހަދައި ނިންމާނުލާށެވެ! އެއީ އެވަރުން ނިންމައިލެވެން އޮތް ކަމެއް ނޫނެވެ.

އެނގޭ ހެއްޔެވެ؟ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދުވަހަކުވެސް އިތުރުފުޅެއް ހައްދަވާފައެއް ނުވެއެވެ. (ދޮގެއް ނުބުނެއެވެ) އަދުލުވެރިކަމާއިއެކު ނޫނީ ހަމަ އެއްވެސް ކަމެއް ކުރައްވަވާފައެއް ނުވެއެވެ. ދުވަހަކުވެސް ވައުދުފުޅެއްވެވަޑައިގެންފިނަމަ ނުފުއްދަވައެއް ނުވެއެވެ.

ނިކަން ވިސްނައިބަލާށެވެ! އުހުދް ހަނގުރާމައަށް ވަޑައިގަތީ އެންމެ ހޫނުގަދަ ދުވަސްވަރުގައެވެ. އެގަދަ ހޫނުގައި 3 ދުވަހު މުޝްރިކުންނަށް އިންތިޒާރުކުރެއްވެވިއެވެ. އެއީ ވަޢްދަށް އިހްތިރާމް ކުރެއްވެވުމަށެވެ.

ސުންނަތަށް އަމަލުކުރާ ކަމަށްބުނާއިރު ބަލަންޖެހޭނީ ހަމަ އެކަނި އެންމެ ބޮޑެތި ކަންކަމަކަށް ނޫނެވެ. ކަނައަތުން ކެއުމަކީވެސް ކުރަންޖެހޭ ކަމެކެވެ. މައިން ބަފައިންނަށް އޯގާތެރިވުމަކީވެސް ކުރަންޖެހޭ ކަމެކެވެ. އަވަށްޓެރިންގެ ޙައްޤުތައް އަދާކުރުމަކީވެސް ކޮންެމެހެން ކުރަންޖެހޭ ކަމެކެވެ. ސާފުތާހިރުކަންމަތީގައި ހުންނަން ޖެހޭނެއެވެ. ލިބޭނަމަ ހުވަނދުލާންޖެހޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ބުނެދޭން މަސައްކަތްމިކުރީ ކީރިތި ޤްރްއާނާއި ސުންނަތަށް އެއިގެ ފުރިހަމަ ގޮތުގައި އަމަލުކޮށްފިނަމަ ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ތިބާއަށްވެސް އެބައޮތް ކަމެވެ. ފުރުޞަތުގެ ބޭނުން ހިފުމާއި ނުހިފުން އޮތީ ތިބާއަށެވެ!

- އުސްތާޛް ވައްހާޖްގެ ދަރުސަކުން -
މިއަދު އޮންލައިން