"ލޮނުމެދަކީ އެއިގެ ޒާތުގައި ހުއްދަ އެއްޗެކެވެ. ނަމަވެސް ލޮނުމެދު ކައިގެން މިސްކިތަށް ޖަމާއަތަށް ނާރަން އަންގަވާފައި އޮންނަނީ އެއިގެ ވަސްގަނޑުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވެދާނެތީއެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ސިގިރެޓްބޯ މީހުން ސަފުގައި ތިބެ، ޚާއްޞަކޮށް ސަޖިދައިގައި ތިބެ ނޭވާލުމުން ނުކުންނަ ނުބައިވަހަކީ ގިނަ ބައަކު ވަރަށް ބޮޑަށް ހޮޑުލަވާ މޭނުބައިކުރާ ވަހެކެވެ. އެހެންކަމުން ލޮނުމެދާއިމެދު އައިސްފައިވާ މި ބަސްފުޅަށް ބައްލަވައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ ސިގިރެޓްބޯ މީހުން ސިގިރޭޓް އެއްލާލާފައި މިސްކިތަށް ޖަމާއަތަށް އެރުން ހުއްދަ ނުވާނެ ކަމަށެވެ. އެމީހުންގެ ސަބަބުން އެތައް ބައަކަށް އުނދަގޫވާނެތީއެވެ.
ކަން މިހެން އޮތް ނަމަވެސް މިކަމަށް ނުވިސްނައި ގިނަ ބައަކު ސިގިރޭޓް އެއްލާލުމަށްފަހު ވަގުތުން ޖަމާއަތަށް އަރައެވެ. ރަމަޟާންމަހު ރޯދަ ވީއްލާ ވަގުތު މިސްކިތުން ރޯދަވީއްލުމަށްފަހު މަގުމައްޗަށް ނުކުމެ ސިގިރޭޓް ބޮއިގެންވެސް ޖަމާއަތަށް އަރައެވެ. އެފަދަ ކަންކަމުގެ ސަބަބުން ގިނަ ބައަކަށް ވަރަށް ބޮޑަށް އުނދަގޫވާކަން ފާހަގަކުރެއެވެ.
ނަމާދަށް ހުންނަ މީހަކަށް ތިމާގެ ސަބަބުން އެއްވެސް އުނދަގުލެއް ފޯރިއަދިނުމަކީ ވަރަށް ނުބައި ކަމެކެވެ. އެހެނީ ނުބައިވަސް ދުއްވައި މީހުންގެ މޭ ނުބައިކުރުވުން ފަދަ ަކަންކަމަކީ އެމީހާގެ ނަމާދަށްވެސް އެކަމުން އަސަރުކުރާނެ ކަންކަންކަމަށް ވާތީއެވެ. އެހެން މީހެއްގެ ނަމާދަށް ހުރަސް އެޅުމަކީ ބޮޑު ފާފައެކެވެ.
މިސްކިތަށް ދާއިރު ހުވަނދުލުން ސުންނަތަކަށްވެފައި އޮތީވެސް މިފަދަ ސަބަބުތަކަށްޓަކައެވެ.