"ބިސްމިﷲ" އަކީ ﷲ ދެއްވެވި އެންމެ އަގުބޮޑު ހަދިޔާތަކުގެތެރެއިން ވެސް އަގުބޮޑު ހަދިޔާއެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
"ބިސްމިﷲ" އަކީ ﷲ ދެއްވެވި އެންމެ އަގުބޮޑު ހަދިޔާތަކުގެތެރެއިން ވެސް އަގުބޮޑު ހަދިޔާއެއްކަން އެނގޭތަ؟
ﷲ ތަޢާލާ އަށް ޚާއްޞަވެގެންވާ ނަންފުޅުތަކެއް އެބަހުއްޓެވެ. އެއަށް މިކިޔަނީ އޮނަސައްތަ އިސްމުފުޅެވެ. އޮނަސައްތަ އިސްމްފުޅުގައި ހިމެނޭ ހުރިހާ ނަންފުޅުތަކެއް ހިތުން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ވަރަށް މަދު ބައަކަށް ނޫނީ ނުއެނގެއެވެ.

"ބިސްމިﷲ" އަކީ މިކަމުގެ ޙައްލެވެ. "ބިސްމިﷲ ކިޔުމުން ފުދުނީއެވެ. ނިދިން ހޭލެވުމާއިއެކުވެސް ފުރަތަމަ ކިޔަންވީ ބިސްމިﷲ އެވެ. އެހެނީ މީހާގެ ދުވަހުގެ ހުރިހާ ކަމެއް ފެށިގެންދަނީ އެހިސާބުންނެވެ. އެހެންކަމަށްވާއިރު "ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމްފުޅުން ފަށައިގަންނަމެވެ.

އެދުވަހަކު ކުރަން ޖެހޭނީ ކޮން ކަންތައްތައްތަކެއްކަން ވެސް ކުރިއަކުން ނުއެނގޭނެއެވެ. ކުރިމަތިލާންޖެހޭނީ ކޮންކޮން ކަންތައްތަކަކާއިކަމެއްވެސް ނުއެނގޭނެއެވެ. އެހެންކަމުން ނިދީން ހޭލެވުމާއިއެކު ބިސްމިﷲ ކިޔައިފިނަމަ ދުވަހުގެ ފެށުން އެވަނީ އެންމެ ރަނގަޅު ފެށުމުން ފެށިފައެވެ.

ކުޑަކުޑަ މިސާލެއް ބުނެދޭނަމެވެ. މައަކު ދަރިއަކު ވިހަންކުރާ މަސައްކަތަށް ވިސްނައިލާށެވެ. ބަލިވެ އިނީންސުރެ ވިހެއުމާއި ހަމައަށް އުފުލާ ތަކްލީފްތަކަށް ވިސްނައިބަލާށެވެ. ވިހެއުމުގެތެރޭގައި އަޅާ ގަދަވޭންތަކާއިމެދު ވިސްނައިލަބަލާށެވެ. ވިހެއުމުގެ ތެރޭގައާއި ވިހެއުމަށްފަހު މައިމީހާގެ ހަށިގަނޑުން ފައިބާ ލޭގެ އަދަދަށް ވިސްނާލަބަލާށެވެ!

އެއަށްފަހު ބަލައި ބޮޑުކުރަން މަސައްކަތްތަކަށް ވިސްނައިއިލާށެވެ! ކިޔަވައިދީ ވަޒީފާއެއް ހޯދައިދޭންކުރާ މަސައްކަތްތަކަށް ވިސްނައިލަބަލާށެވެ! އެހުރިހާ ކަމަކަށްފަހު އެއްދުވަހު ކާން އިނދެފައި މަންމަ އެދުވަހު ފިހުނު ރޮށްޓަށް ޝުކުރު އަދާކުރުމުން ފުދޭނެހެއްޔެވެ؟ މަންމަ ވެފައިވާ ހުރިހާ ޤްރްބާނީއެއްގެ އަގު އެވަރުން އަދާކުރެވޭނެހެއްޔެވެ؟ ކޮށްދިން ހުރިހާ ކަންކަމަށް ޝުކުރު އަދާކުރެވުނު ކަމަށްވާނެހެއްޔެވެ؟

ހަމަ އެމޭރުމުން ﷲ ތަޢާލާ ރިޒްޤް ދެއްވަވާތީ "ޔާރައްޒާޤް" އެވެ ބުނުމުން ﷲ ތަޢާލާ ދެއްވެވި ހުރިހާ ނިޢުމަތްތަކަށް ޝުކުރު އަދާކުރެވުނީހެއްޔެވެ؟ މައިމީހާގެ ބަނޑުގައި ތިބާ ޚަލްޤްކުރެއްވީންސުރެ މިއަދާއި ހަމައަށް ދެއްވަވާފައިވާ ނިޢްމަތްތައް ގުނައި އަދަދު ކުރެވިދާނެ ހެއްޔެވެ؟ އެކަންކަމަށް ވަކިވަކިން ޝުކުރު އަދާކުރުމަކީ ކުރެވިދާނެ ކަމެއްހެއްޔެވެ؟

ކޮންމެ ކަމެއް ކުރަނ ފަށަމުން "ބިސްމިﷲ" ކިޔަންމިޖެހެނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވުމުގެގޮތުންނެވެ. ކުރާ ކިތަންމެ ކުޑަކަމެއް ނަމަވެސް "ބިސްމީގެ ބަރަކާތުން ފަށާށެވެ. "ބިސްމިﷲ" ނުކިޔައި ހަމައެއްވެސް ކަމެއް ނުކުރާށެވެ!

ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް ބިސްމިﷲ ކިޔުމުން ތިބާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް މަތިވެރި ޤަދަރާއި ލޯތްބާއި އިތުބާރު ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭ މިންވަރުވެސް ހާމަވެގެންދެއެވެ. މިއީ އަބަދުވެސް ބަޔާންކުރަންޖެހޭ ކަންކަމެވެ.

ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާ ވަރަކަށް ﷲ ތަޢާލާ ވެސް ވެސް އެމީހެއްގެ މަތިން ހަނދުމަފުޅުކުރެއްވެވުން ގިނަ ކުރައްވަވާނެތެވެ. ޝުކުރުވެރިވާ ވަރަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައްވެސް އިތުރުކުރައްވަވާނެތެވެ! ބިސްމި ﷲ ކިޔުމަށްފަހު ކޮންމެ ކަމެއް ކުރަން ފާށާނަމަ މިހުރިހާ މަޤްޞަދުތަކެއް ޙާޞިލުވެގެންދާނެއެވެ.

ބިސްމިﷲ އަކީ ﷲ ތަޢާލާ އަހަރެންނަށް ދެއްވެވި އެންމެ އަގުބޮޑު އެއް ހަދިޔާއަށް ވެގެންދަނީ މި ސަބަބަށްޓަކައެވެ. ހަމަ އެހައިމެ ކިޔާލަން ފަސޭހަ ކަލިމަފުޅެއްވެސް މެއެވެ!

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން