ﷲ ތާޢާލާ އެންެގެވި ގޮތަށް ދުނިޔޭގައި އުޅުނު މީހުން މަރުވެ ވަޅުލެވުމުން އޭނާއަށް އުފާވެރި ޚަބަރުތައް ﷲ ގެ ޙަޟްރަތުން ލިބެންފަށާނެއެވެ. މިދައްކާވާހަކަތައް ނިކަން ރަނގަޅަށް ކަނުލައި އަޑުއަހާށެވެ!
"ތިބާ ދުނިޔޭގައި އުޅުނީ ތިމަން ﷲ އެންގެވި ގޮތަށެވެ. ތިބާއަށް ދުނިޔެއިން ލިބެންހުރި އެތައް ބައިވަރު އުފާތަކެއް ޤްރްބާންކުރީމުއެވެ. ތިމަން ﷲ ގެ ޙަޟްރަތުން ނިޢުމަތަށް އެދެމުންނެވެ. މިއަދު ތިބާ ތިއަވަނީ ތިމަން ﷲ ނޫން އެހެން އެއްވެސް ފަރާތެއްގެ ކިބައިން އެއްވެސް އެހީތެރިކަމެއް އުފަލެއް ނުލިބޭނެ ޙާލަތުގައެވެ. ވީމާ ތިބާއަށްޓަކައި ތިބާގެ ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއިން ބައެއް ކަމުގައި މިންވަރު ކުރައްވަވައިފީމެވެ." ކައްވަޅަށް ދެވުމާއިއެކު މިއަޑު އަހަން ތިބާ ބޭނުމެއް ނޫން ހެއްޔެވެ؟
ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއެކެވެ. ނަމަވެސް ކައްވަޅު ސުވަރުގޭގެ ބަގީޗާއަކަށް ވެގެންދާނީ ތިބާ ދުނިޔޭގައި ހުރެ އެކަމަށް މަސައްކަތްކުރި ނަމައެވެ. ބަގީޗާގެ ގަސްތައް ހައްދަން ފެންދީ ގަދައަޅައި މަސައްކަތްކުރިނަމައެވެ.
ދުނިޔޭގައި ދުވަސްތައް ހޭދަކުރުމުގެ ފުރުޞަތު ﷲ ދެއްވެވުމުން ތިމާ ތައުބާވާނީ، ހެޔޮ އަމަލު ކުރަން ފަށާނީ ބޮލާއި ތުނބުޅީގައި ނުރަޖަހައި މުސްކުޅިވުމުން ކަމަށް ދެކެގެން ދުނިޔޭގައި އުޅޭ ބައަކު އުޅެއެވެ. އެމީހުން އުންމީދުކޮށްގެން ތިބެނީ ދުނިޔޭގައި ކެރެވުނުހައި އުފަލެއް ކުރުމަށްފަހު މުސްކުޅިވުމުން ހައްޖަށް ގޮސްލައި އެނބުރި އައިސް ތައުބާވެ ހެޔޮ އަމަލުތައް ކުރުމުން ފުދޭނެ ކަމަށެވެ.
މީސްތަކުންނޭވެ! ހޭވެރިވާށެވެ! އެއްވެސް މީހަކަށް އެމީހެއްގެ އުމުރެއް ނުއެނގޭނެއެވެ. ބޭނުންވާހައި ދުވަހަކުން މަރުވާން ދުނިޔެއަކު ނުހުރެވޭނެއެވެ! ތިބާ ތައުބާނުވެ ހުއްޓާ މަރުވެއްޖެނަމަ ކުރިމަތިވާ ކަންކަމުގެ ސަބަބުން ބިރުންގޮސް ހަލާކުވާނެއެވެ. ނަމަވެސް ތިބާއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ދުނިޔޭގައި އުޅެވުނު ގޮތާއިމެދު ހިތާމަކޮށް ތިބާގެ ލޮލުން ލޭގެ ކަރުނަ ބާލަމުންވެސް ރޯނެއެވެ! ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ!
ފަސްގަނޑު ބުނާނީ ކީކޭކަމަށްހެއްޔެވެ؟ ތިބާއަށްވުރެ ސިފަ ހުތުރު ހަޑިމުޑުދާރު މީހަކު ދުަހަކުވެސް ނުދެކޭ ކަމަށެވެ. ފަސްގަނޑު ތިބާ ފިއްތައިބާރުކޮށްލާނެއެވެ! ކަށިތައް އެއް އަރިމަތިން އަނެއް އަރިމައްޗަށް ހެރި ފޫއަޅައިގެންދާނެއެވެ.! ތިބާއަށް ދެމި އޮންނަން ޖެހޭނީ އެފަދަ ގަދަފަދަ އެތައް އަޒާބެއް ލިބިލިބިއެވެ!
ވީމާ ތިބާ ބޭނުންވަނީ ތިބާގެ ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއަކަށް ހަދަން ހެއްޔެވެ؟ އެއަށްފަހު ހިސާބު ބެލެވި ހިތަށް އަރުވައިލި ކޮންމެ ކަމެއް ވަގުތުން ފުރިހަމަވެގެންދާ ސުވަރުގެ ވަންނަންހެއްޔެވެ؟ ނޫންނަމަ ކައްވަޅުގައި ގަދަފަދަ އަޒާބުލިބުމަށްފަހު ބިރުވެރިކަމުން ފުރިގެންވާ ނަރަކައިގައި އަނދައަނދައި އޮންނަން ހެއްޔެވެ؟
މީސްތަކުންނޭވެ! މިކުރި ސުވާލުތައް ތިބާގެ ހުރިހާ ރައްޓެހި ރަހްމަތްތެރިންނާއިވެސް ކުރާށެވެ! ތިބާގެ ޢާއިލާ އާއި އެ އެންމެން ކައްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން ސަލާމަތްކުރަން މަސައްކަތްކުރާމީހަކަށްވާށެވެ! އެ އެންމެން ގޮވައިގެން ސުވަރުގެއަށް ވަދެ ﷲ ތަޢާލާގެ ދާއިމީ ނިޢްމަތްތަކުގައި ދެމިއޮންނަން ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -