ﷲ ތަޢާލާއަކީ ތިބާގެ ރަޙްމަތްތެރިއަކަށް ހެދިދާނެއެވެ. ހެދޭނެއެވެ. އެކަން ކުރެވޭނީ ތިބާ އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ ހިސާބުން ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ވަނީ ގުޅުން ފެށިފައެވެ. އެ ގުޅުން ކުރިއަރުވައި ﷲ ތަޢާލާ އާއި ކުއްތަންވުމުގެ ފުރުޞަތު ތިބާއަށް ވަނީ ހުޅުވިގެންނެވެ.
ﷲ ތަޢާލާ އެންގެވި ގޮތުގައި ސާބިތުވެ ހުރުން އިތުރުކުރިވަރަކަށް ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ދާނީ ގުޅުންތައް ބަދަހިވަމުންނެވެ. އެކަމުގައި ތިބާ ކުރިއަރައިދާވަރަކަށް ގުޅުން ބަދަހިވަމުން ގޮސް ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިވެގެންދާނެއެވެ.
ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެހިސާބަށް ގުޅުން ބަދަހިވުމުން ތިބާ ކުރާ ކޮންމެ ކަމެއް ކުރާނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. ތިބާ ބަލާނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ތަންތަނެވެ. އަޑު އަހާނީވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އަޑުތަކެވެ. އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅާނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އެހިސާބަށް ގުޅުން ބަދަހިވެގެން ދިއުމުން ތިބާ އެދި ދެންނެވި ކޮންމެ ކަމެއް ﷲ ތަޢާލާ ކޮށްދެއްވަވާނެތެވެ. ﷲ ތަޢާލާގެ ޙިމާޔަތަށް އެދުމުން ޙިމާޔަތް ދެއްވަވާނެތެވެ. ދެން އަހަރެމެންނަށް މަދުވެގެން އުޅެންޖެހޭނީ ކޮން ކަމެއް ހެއްޔެވެ؟
ﷲ ތަޢާލާގެ ރަޙްމަތްތެރިކަމަށްވުރެ އިތުބާރުކުރެވޭނެ އަދި ފައިދާހުރި ރަޙްމަތްތެރިކަމެއް ނުވެއެވެ. އެކަން ލިބިގަތުން އޮތީ މީސްތަކުންގެ އަތްމަތީގައެވެ.
އެނގޭ ހެއްޔެވެ؟ މީސްތަކުން ކުރާ ކޮންމެ ހެޔޮ އަމަލަކާއި ގުޅިގެން ﷲ ތަޢާލާ އުފާފުޅު ކުރައްވަވަތެވެ. އެހެންވީމާ ބަލަންވީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށެވެ. ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަމުން ގެންދިއަވަރަކަށް ތިބާ އާއި ﷲ ތަޢާލާގެ މެދުގައި ދާނީ ގުޅުން ބަދަހިވަމުންނެވެ.
ވިސްނާށެވެ! ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ ފައިދާ އެނގޭނަމަ ފިރުކިފައި ނަމަވެސް މީސްތަކުން ޖަމާއަތަށް ދާނެއެވެ. ނަމަވެސް މިހާރަކަށް އައިސް މި ދެ ނަމާދަށް ވެސް ފަރުވާ ކުޑަކުރެވޭ މީހުން ދަނީ ގިނަވަމުންނެވެ. ޚާއްޞަކޮށް ބައެއް މީހުންނަކީ ފަތިސް ނަމާދަށް އެއްގޮތަކަށްެވެސް ހޭލެވޭ ބައެއް ނޫނެވެ. ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެފަދަ މީހުންގެ ކަންފަތަށް އިބިލީސް އެވަނީ ކުޑަކަމު ގޮސްފައި ކަމަށެވެ.
މީސްތަކުންނޭވެ! މިފަދަ ދަށު ދަރަޖައިގައި އަމަލުތައް ބަހައްޓާނަމަ ﷲ ތަޢާލާގެ ރަހްމަތްތެރިއަކަށް ނުވެވޭނެއެވެ. ރަޙްމަތްތެރިއަކަށް ވުމަށް އެދޭނަމަ ހީވާގިވެ މުރާލިވާން އެބަޖެހެއެވެ. ރޭގަނޑުން ބައެއްގައި ނިދުމަށްފަހު ހޭލައި ރޭއަޅުކަން ކުރަންޖެހޭނެއެވެ. ފަރުޟު ނަމާދުތަކާއި ސުންނަތް ފުރިހަމައަށް ކުރަންޖެހޭނެއެވެ. އެނޫން އަޅުކަންތައް ވެސް ކުރަން ޖެހޭނެއެވެ.
ހަމަ އެއާއިއެކު އަމިއްލަ ޢާއިލާ އާއިމެދު ގިނަ ބައަކު ދަނީ ފަރުވާ ކުޑަކުރަމުންނެވެ. އެހީތެރިކަން ކުޑަކުރަމުންނެވެ. ޤިޔާމަތް ދުވަހު ތިބާގެ އަމަލުތަކުން މީޒާނުގައި ފުރަތަމަ ކިރޭނެ ތަކެތީގެ ތެރޭގައި ޞަދަޤާތް ހިމެނެއެވެ. ޞަދަޤާތުގެ ތެރެއިން އެންމެ މާތް ޞަދަޤާތަކީ ޢާއިލާއަށް، އަނބިދަރިންނަށް ކުރާ ޞަދަޤާތެވެ. އެހެންކަމުން ﷲ ތަޢާލާއާއި ގުޅުން ބަދަހިކޮށް ރަޙްމަތްތެރިވުމަށް އެދޭ މީހާ މިކަމަށްވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ﷲ ތަޢާލާ ލޯބިފުޅު ކުރައްވަވަނީ ގަދައަޅައި މަސައްކަތްކޮށްގެން ﷲ ތަޢާލާގެ ރަޙްމަތްތެރިންގެ މަޤާމަށް މީސްތަކުން ދިއުމަށެވެ. އެކަން ލިބެން އޮތީ އެމީޙަކު އެކަމަށް އެދުނު ވަރަކުންނެވެ.