މަޤާމް މަތިވީމާ އަޅުވެތިވާންވީ މަޤާމް ދިން މީހާއަކަށް ނޫން - ﷲ އެންގެވިމަގުގަ ސާބިތުކަން އިތުރުކުރަންވީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަޤާމް މަތިވީމާ އަޅުވެތިވާންވީ މަޤާމް ދިން މީހާއަކަށް ނޫން - ﷲ އެންގެވިމަގުގަ ސާބިތުކަން އިތުރުކުރަންވީ!
ކޮންމެ މީހަކީވެސް އެންމެ އަރާމުގައި ދުނިޔޭގައި އުޅެން ބޭނުންވާމީހެކެވެ. އެންމެ މޮޅަށް ކިޔަވަންވެސް ބޭނުންވާނެއެވެ. އެންމެ ބޮޑު މުސާރަ ލިބޭ ވަޒީފާ ވެސް ބޭނުންވާނެއެވެ. ދިރިއުޅެން ބޭނުންވާނީީވެސް އެންމެ ފުރިހަމަ ގެއެއްގައެވެ. ކައިވެނިކުރަން ބޭނުންވާނީވެސް އެންމެ ރީތި އަންހެނަކާއިއެވެ.

މިފަދަ ހުރިހާ އެދުންތައް އެންމެންނަށް ފުރިހަމައެއް ނުވެއެވެ. ނުވެސްވާނެއެވެ. ނަމަވެސް ފުރިހަމަވާ ބައަކުވެސް އުޅޭނެއެވެ. އެންމެ ބޮޑު މައްސަލައަކީ އެމީހާ ބޭނުންވާ ނިއުމަތްތައް ފުރިހަމަވުން ގިނަވީވަރަކަށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން މަދުވާ ކަމެވެ. ކޮންމެ ވަގުތަކުވެސް މަރުދާނެ ކަމާއި ﷲ ތަޢާލާ އަށް ޖަވާބުދާރީވާންޖެހޭނެކަން ހަނދާން ނުހުންނަކަމެވެ.

ތިމާކުރި މަސައްކަތަކާއި ނުލައި ޢާއިލީ ގޮތުން ތަނަވަސްކަމާއި ނިއުމަތްތައް ލިބޭ ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެ ނިއުމަތްތައް ލިބެނީ މައިންބަފައިންގެ ސަބަބުން ކަމަށެވެ. ﷲ ތަޢާލާ ދެއްވެވި ނިޢުމަތްތަކެއްކަން ޤަބޫލެއްވެސް ނުކުރެވެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ނިއުމަތަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެވެ. ޝުކުރުވެރިވާ މީހަކަށްވާށެވެ! ލިބޭ ކޮންމެ ނިއުމަތަކާއިއެކު ޝުކުރުވެރިވުން އިތުރުކުރާށެވެ! އޮފީހުގައި އަދާކުރާ މަޤާމު މަތިވާ ވަރަކަށް އަޅުވެތިވާންވީ ވެރިމީހާއަކަށް ނޫނެވެ. ވެރިމީހާ ބުނުމުން ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރަންވީއެއް ނޫނެވެ! ޝުކުރުވެރިވާންވީ ﷲ ތަޢާލާއަށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުކަން އިތުރުކުރަންވީއެވެ! އެހެނީ މަޤާމު ލިބެނީވެސް އަދި މަޤާމު މަތިވަނީވެސް ހަމަ ﷲ ތަޢާލާ އެކަމަށް މިންވަރުފުޅު ކުރެއްވެވުމުންނެވެ. ވީމާ ލިބޭ ކޮންމެ ނިޢްމަތަކާއި ގުޅިގެންވެސް ޙަމްދުކުރަންވީ ﷲ ތަޢާލާއަށެވެ. ޝުކުރުވެރިވާންވީ ވެސް ﷲ ތަޢާލާ އަށެވެ. ޝުކުރުވެރިވާ މީހަކަށް ﷲ ތާޢާލާ ގެންދަވާނީ ނިޢްމަތްތައް އިތުރު ކުރައްވަވަމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން