މީހަކަށް ބަލިމަޑުކަމެއް ކުރިމަތިވެދާނެއެވެ. މާލީ ދަތިކަމެއްވެސް ކުރިމަތިވެދާނެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އެހެން މީހުންގެ އެހީތެރިކަމަށް އެދި އަތް ދިއްކުރެއެވެ. ނަމަވެސް އެފަދައިން އަތް ދިއްކުރުމުގެ ކުރިން ހަނދާންކޮށްލަންޖެހޭ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅެއް އެބައޮތެވެ.
އެއީ ޙާލުގައި ޖެހިގެން ތިބާ ކަންބޮޑުވާއިރު، އެހެން މީހުންގެ ކިބައިން އެހީތެރިކަމަށް އެދޭއިރު ތިބާ އެހެން މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކުރަމުތޯ ކުރައްވަވާފައިވާ ސުވާލެވެ.
މީސްތަކުންނޭވެ. އެހީތެރިކަމެވެ ބުނެވާ ކޮންމެ ފަހަރަކު އެއީ ފައިސާގެ އެހީތެރިކަން ހަނދާނަށް ނުގެންނާށެވެ. ތިބާއަކީ އެހެން މީހަކަށް މާލީ ގޮތުން އެހީތެރިވުމުގެ ޤާބިލުކަން ނެތް މީހަކަށްވެދާނެއެވެ. އެހެންކަމަށްވާނަމަ ކޮންމެހެން ޖީބަށް އަތްބާނައި ފައިސާ ފޮތްޗެއް އޮތްތޯ ހޭވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މީހަކަށް އަމަލުން އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. އެންމެ ކުޑަމިނުން މީސްތަކުންނަށް ހިނިތުންވުމެއް ހަދިޔާކުރާ މީހަކަށްވާށެވެ. ހަމަކަށަވަރުން ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ.
"އެމީހާ އެހެން މީހުންނަށް އެހީތެރިވުމުގައި ދެމިހުންނަހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިހުންނަވައެވެ." މިއީ އެންމެން ވިސްނައި ފިކުރުކުރަންވީ ޙަދީޘްފުޅެކެވެ. މިހަދީޘްފުޅު ވަރަށް ރަނގަޅަށް އެނގެން އެބަޖެހެއެވެ. އެއްވެސް ޙާލެއްގައި މިއީ ހަމަ އެކަނި މާލީ އެހީތެރިކަމެއް ނޫނެވެ.
އެހެން މީހުންނަށް އެހީތެރިވުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. އެހެންކަމަށްވާއިރު ތިބާއަކީ އެހެން މީހުންނަށް އެހީތެރިނުވާ މީހެއްކަމުގައިވާނަމަ ﷲ ތަޢާލާގެ އަރިއަހުން އެހީތެރިކަމަށް އެދެވޭނީ ކިހިނަކުންހެއްޔެވެ؟
މީސްތަކުންނޭވެ! ނުކުޅެދޭ މީހެއްގެ ގޮނޑި ކޮއްޕައިލަދިނުމަކީވެސް އެހީތެރިވުމެވެ. ކުޑަކުއްޖެއްގެ ބޮލޮގައި ފިރުމާލަ ދިނުމަކީވެސް އަޅުކަމެކެވެ. އިށީނދެ އިން މީހަކު ތެދުވަން އެހީތެރިވެދިނުމަކީވެސް އަޅުކަމެކެވެ. ހުވަފަތް ނިކަމެތި އަންހެނަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީވެސް އަޅުކަމެކެވެ. މިފަދަ ކޮންމެ ކަމަކީ ޞަދަޤާތެވެ. މިފަދަ ޞަދަޤާތްތައް ކުރުމަށް އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ.
އަހަރެން މިއަދުގެ ޚުޠުބާގައި ގޮވާލަން ބޭނުންވަނީ ތިބާއަށް ބާރެއް ލިބިފައިވާނަމަ އެހެން މީހަކަށް އަނިޔާވެރިވުމަށް އެބާރުގެ ބޭނުން ނުކުރުމަށެވެ. ތަނަވަސްކަމެއް ލިބިފައިވާނަމަ މަގުމައްޗަށް ނުކުމެ އެހީތެރިކަމަށް ބޭނުންވެގެން ތިބި މީހުން ހޯދައި ޞަދަޤާތްކުރުމަށެވެ.
ފަޤީރުންގެ ތެރޭގައި ދެބައެއް ވެއެވެ. އެއްބައަކީ މަގުމައްޗަށް ނުކުމެ ސަލާންޖަހާ މީހުންނެވެ. އަނެއް ބައަކީ ކިތަންމެ ދަތިވި ނަމަވެސް ސަލާން ނުޖަހައި ޙާޖަތްތައް ފުއްދަވައި ދެއްވަވާތޯ ﷲ ތަޢާލާއަށް ދުޢާކުރުމަށް ސާބިތުވެ ތިބޭމީހުންނެވެ.
ވީމާ ތިބާ ދުޢާކުރަންވީ އެފަދަ ޙާލުގައިވާ މީހުން އަންގަވައި ދެއްވެވުމަށެވެ. އެފަދަ ހާލުގައިވާ މީހެއްގެ ބޭނުން ފުއްދައި ދެވިއްޖެނަމަ ނުވަތަ ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެހީތެރިވެވިއްޖެނަމަ އެކަން ވާނީ ހާދަ މަތިވެރި ޞަދަޤާތަކަށެވެ.
މީސްތަކުން ތިބާއަށް ކުރާ ދުޢާގެ ސަބަބުން ތިބާގެ މުޅި ހަޔާތް ވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ތިބާ އެހީތެރިވާ ކޮންމެ މީހަކީ ތިބާއަށްޓަކައި ހެޔޮ ދުޢާކުރާ މީހަކަށް ނުވެދާނެއެވެ. ނަމަވެސް ކޮންމެވެސް މީހަކު ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނެއެވެ. އެފަދަ މީހުންގެ ދުޢާ މާތް ﷲ އިޖާބަ ކުރެއްވެވުން ވަރަށް ގާތެވެ.
މީސްތަކުންނޭވެ! ތިބާއަކީ މީސްތަކުންނަށް ބައިވަރު ގެތައް އަޅައިދެވޭނެ ފެންވަރުގެ މީހަކަށް ނުވެދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތަނަވަސްކަން ހުރިނަމަ ފަޤީރަކަށް އެންމެ ކޮޓަރިއެއް ނަމަވެސް އަޅައިދޭށެވެ. މީސްތަކުންނަށްޓަކައި އެންމެ ފެންވަޅެއް ނަމަވެސް ބަހައްޓައިދޭށެވެ. ނިޢުމަތްތައް ދާނީ އޮހެމުންނެވެ. މަރުވުމަށްފަހުގައިވެސް އެކަމުގެ ފައިދާ ދާނީ ލިބެމުންނެވެ.
ފަޤީރު ކުއްޖަކު ކިޔެވުމަށް އެންމެ މަހެއްގެ ފީ ދައްކައި ދެވުނު ނަމަވެސް އެއީ ހާދަ ބޮޑު ކަމެކެވެ. ނަމަވެސް ހިތާމައަކީ މިލިއަނުން ފައިސާ އަތަށް އެރީމާ މިފަދަ އެއްވެސް ކަމެއް ހަނދާން ނުހުންނަކެމެވެ. މިހާރު ދިރިއުޅޭ ފެންވަރު މަތިކުރަން ބޭނުންވާ ކަމެވެ. ދުނިޔޭގެ އެންމެ އަގުބޮޑުކާރާއި ގެދޮރު ބޭނުންވާ ކަމެވެ.
މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު އެއްވެސް ފައިދާއެއް ކުރާނީ ތިމާ ކުރި ހެޔޮ އަމަލަކުންނެވެ. ދުއްވި ކާރުގެ އަގާއި ދިރިއުޅުނު ގޭގެ ފެންވަރުން ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. ވީމާ މިފަދަ ހުރިހާ ކަމަކަށް މިއަދު ރަނގަޅަށް ވިސްނައިގެން ﷲ ތަޢާލާގެ ރުއްސެވުން އެދިގެން ޢާޚިރަތަށްޓަކައި ހެޔޮ އަމަލުތައް ކުރުން ވީހައި ގިނަ ކުރާށެވެ!
- މުފްތީ މެންކުގެ ޚުޠުބާއަކުން