އޭނާއަކީ ކިޔަވައި މަސައްކަތް ދަސްކޮށްގެންހުރި ނަމަވެސް ވަޒީފާއެއް ނުލިބި ހުރި މީހެކެވެ. ނިދިން ހޭލެވުނު އިރު ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ޖީބުތައް ބަލައިލިއިރު ބާކީ އަތުގައި އޮތީ އެންމެ 10 ވަރަކަށް ޑޮލަރެވެ.
އެ ފައިސާކޮޅު ހިފައިގެން ގޮސް ކާނެ އެއްޗެއް ގަނެގެން އިށީނދެލަން ބަލައިލިތަނާ ފެނުނީ ވަރަށް ހާލުގައި ހުރި މީހެކެވެ. އޭނާގެ ދަރިންކޮޅުވެސް ގޮވައިގެންހުރި މީހެކެވެ. އެމީހާ އެދުނީ ކާއެތިކޮޅު އެމީހާއަށް ދިނުމަށެވެ.
އެމީހުން ތިބި ގޮތަށް ބަލައި ރަނގަޅަށް ވިސްނައިލުމުން ޤަބޫލު ކުރެވުނީ އެމީހުންނަކީ ކާނެ އެއްޗެއް ނުލިބި ހަފްތާއެއްހައި ދުވަސްވެފައިވާ ބައެއް ކަމެވެ. އެހެންވެ ﷲ އަށް ވަކީލުކޮށް އަތުގައިހުރި ކާއެތިކޮޅު އެމީހުންނަށް ހަދިޔާކުރިއެވެ. އެމީހުންގެ ހައިހޫނުކަން މާބޮޑު ކަމަށް ޤަބޫލުކުރެވުމުންނެވެ.
ކާއެތިކޮޅު ދިނުމުން މުސްކުޅި މީހާ ޖީބުން ވަރަށް ކުރީ ޒަމާނުގެ ފައިސާ ފޮތްޗެއް ނަގައި އެމީހާއަށް ދިނެވެ. އަދި އެއިން އެމިހާއަށް ހެޔޮ ރަޙްމަތެއް މިންވަރުފުޅު ކުރައްވަވާތޯ ދުޢާކުރިއެވެ.
"ތިބާގެ ހެޔޮ ދުޢާއިން ފުދޭ" ކަމަށް ބުނުމަށްފަހު އެއީ މާމުހިންމު އެއްޗެއްކަމަށް ނުބަލައި ޖީބަށް ފައިސާ ފޮތިލައިގެން ކައިރީގައި ކޯރެއްގެ އައްސޭރިއަށް ގޮސް އެހެން ބަނޑުހައިކަންމަތީގައި އޮވެ މަރުވެދާނެކަމުގައި ޤަބޫލުކޮށް އޮށޯންނަން އުޅެނިކޮށް ފެނުނީ އެއްލާލާފައި އޮތް ނޫސް ގަނޑެކެވެ. ނަގާފައި ބަލައިލުމުން ފެނުނީ މުސްކުޅި ފައިސާފޮތި ރަނގަޅު އަގުގައި ގަންނަ ކަމަށް ބުނެ ކޮށްފައިވާ އިޝްތިހާރެކެވެ.
އެ މުސްކުޅިޔާ ދިން ދުވަސްވީ ފައިސާފޮތި މަތިން ހަނދާންވެ އެތަނަށް ގޮސް ކޮންމެވެސް އަގެއް ލިބޭނެ ކަމުގެ އުންމިދުގައި ދިއްކޮށްލިއެވެ. ކެޓަލޮގުން ބެލުމަށްފަހު އެމީހުންނަށް ލިބުނީ ހައިރާންކަމެކެވެ. އެ ފައިސާ ފޮތީގެ މިހާރުގެ އަގަކީ 3 މިލިއަން ޑޮލަރު ކަމަށްވުމުންނެވެ.
3 މިލިއަން ޑޮލަރުގެ އަގުހުރި ކޭޝްކާޑު ދިނުމުން އަވަސްވެގަތީ އެ ދިން މީހާ ފެނޭތޯއެވެ. އެމީހާ އާއި އަވަހަށް ކޭޝްކާޑް ޙަވާލުކުރުމަށެވެ. ކާތަކެތި ގަތްތަނަށް ގޮސް ސުވާލުކުރުމުން ބުނީ އެމީހާ ހޯދަން އަންނަ މީހަކަށް ދޭނެ ނޯޓެއް ބާއްވާފައި އެމީހުން ހިނގައްޖެ ކަމަށެވެ.
ނޯޓު ނަގައިގެން ބެލި އިރު އޭގައި އޮތީ މިފަދައިންނެވެ.
"ތިބާއަށް ނުހަނު ބޭނުންވެގެން ހުރެމެ ތިބާއަތުގައި ހުރި ހުރިހާ ކާތަކެތި އަހަރެމެންނަށް ދިނީމުއެވެ. ވީމާ އެ ފައިސާ ފޮތްޗަކީ ަހަރެމެން ތިބާއަށް ދިން ހަދިޔާއެކެވެ- ﷲ ގެ މަލާއިކަތުން."
ނޯޓު ކިޔައި ނިމިގެން ދެވަނަ ފަހަރު ކިޔަން ބަލައިލިއިރު ކަރުދާސްކޮޅު ގެއްލިއްޖެއެވެ. ދިއަ ތަނެއްވެސް ނުއެނގުނެވެ.
މާތް ﷲ އަށް ވަކީލުކޮށް ހެޔޮ ނިޔަތުގައި ކަންކަން ކުރާ މީހުންނަށް މާތް ﷲ ރަޙްމަތް ލައްވަވަނީ މިފަދައިންނެވެ. ﷲ ތަޢާލާ އަންގަވާފަދައިން އަމަލުތައް ކުރަމުން "ޔާ ރަޙްމާން" ކިޔައި ގިނަގިނައިން ދުޢާކުރާށެވެ. "ޔާ ރައްޒާޤް" ވެސް ކިޔާށެވެ! ގިނަގިނައިން ދުޢާކުރުންމަތީގައި ދެމިހުންނާށެވެ. އެންމެހައި މީސްތަކުންނަށް ރިޒްޤް ދެއްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަން ފުރިހަމަވެގެން އަންނަ ގޮތް ނުވެސް އެނގޭނެއެވެ.
(މިއީ ރަޙްމަތްތެރިއަކު ފޮނުވާފައިވާ ވީޑިއޯ މެސެޖެއް އަސާސެއް ކަމަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.)