ޚިޔާލު ތަފާތުވުންތައް ނައްތާލުމުގެ ނަމުގަ ފިތުނައަށް ފުރުޞަތު ދިނުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ޚިޔާލު ތަފާތުވުންތައް ނައްތާލުމުގެ ނަމުގަ ފިތުނައަށް ފުރުޞަތު ދިނުމެއް ނެތް!
ދެމީހެއްގެ މެދުގައި އުފެދޭ ޚިޔާލުތަފާތުންވުންތައް އެހެން މީހުންނާ ހިއްސާކުރުން ފަދަ ކަންކަން ކުރަންވާނީ ދެމީހުންގެ މެދުގައި މަޝްވަރާކޮށް އެކަމަށް ގޮތެއް ނުފެނުނު ނަމައެވެ. އެބަހީ އެކަމަކަށް ދެމީހުން ދެމީހުންނަށް އެއްބަސްވެވޭ ހައްލެއް ނުފެނިއްޖެނަމައެވެ.

މިފަދަ މަޝްވަރާތައް ކުރަންޖެހޭނީ ރުޅިވެރިކަމެއް ނެތިއެވެ. ދެމީހުންކުރެ އެކަކުވެސް ރުޅި އިސްކޮށްފިނަމަ ކަންކަން ދާނީ ގޯހުން ގޯހަށެވެ. ފުރުޞަތުބަލައި ދެމީހުންގެ މެދަށް ޝައިޠާނާ ވަދެގަންނާނެތީއެވެ.

ދީނުގެ ކަންކަމުގައިވެސް އަމަލުކުރަންވާނީ ހަމަ މިގޮތަށެވެ. މީހެއްގެ ކިބައިން އެއްވެސް މައްސަލައެއް ފެނިއްޖެނަމަ ނުވަތަ ކަމެއް ފާހަގަކުރެވިއްޖެނަމަ ފުރަތަމަ ދެމީހުންގެ މެދުގައި މަޝްވަރާކުރާށެވެ. އެއަށްފަހު ރުޅިވެރިކަމެއް ނެތި ގޮސް ދީނީ ޢީލްމުވެރިއަކާއި ބައްދަލުކޮށް ލަފާހޯދާށެވެ.

ދީނީ ކަމެއްގައި ނަމަވެސް ޒުވާބެއް ކުރާނަމަ މީހުން އެއްވާނެއެވެ. އެކަކު އެއްގޮތަށް އަނެކަކު އަނެއް ގޮތަށް ވާހަކަދައްކާނެއެވެ. އެކަކު އެއް އިލްމުވެރިއެއްގެ ބަސްފުޅު ބަޔާންކުރާއިރަށް އަނެކަކު އަނެއް އިލްމުވެރިއެއްގެ ބަސްފުޅު ހާމަކުރާނެއެވެ.

ބައެއް ކަންކަމުގައި ޢިލްމުވެރިންގެ ފަތުވާ ތަފާތުވާނެއެވެ. އެއީ ޢިލްމުވެރިން ފަތުވާ ދެއްވަވަނީ ޙާލަތާއި ގުޅިގެން ކަމަށްވާތީއެވެ. ކުރެވޭ ސުވާލުކާއި ގުޅިގެން ކަމަށްވާތީއެވެ. އަދި ކުރާމީހާއަށް ބައްލަވައިގެންވެސް ޖަވާބު ދެއްވާތީއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވެސް މިފަދައިން ވަނީ އަމަލުފުޅު ކުރައްވަވައިފައެވެ. ބައެއް ކަންކަމުގައި މުސްކުޅިންނަށް ދެއްވެވި ޖަވާބާއި ޒުވާނުންނަށް ދެއްވެވި ޖަވާބު ތަފާތުވެފައިވަނީ އެހެންވެގެންނެވެ.

އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ފިތުނަވެރިކަން ނައްތައިލުމެވެ. ފިތުނަވެރިކަން ނުބޭއްވުމެވެ. އެހެންކަމަށްވާއިރު ދީނުގެ ކަމަކާއި ގުޅިގެން ފިތުނަވެރިކަން އުފެއްދުމަށްވުރެ ބޮޑު ނުބައެއް އޮންނާނެހެއްޔެވެ؟

ޤަބޫލުކުރަންޖެހޭނެ ހަޤީޤަތަކީ ޒުވާބެއް އުފެދޭ ހިސާބުން ކޮންމެވެސް ވަރެއްގެ ފިތުނައެއް އުފެދޭނެކަމެވެ. ވީމާ ކޮންމެ ކަމެއްވެސް ހައްލުކުރަން މަސައްކަތްކުރަންޖެހޭނީ ފިތުނަވެރިކަމެއް ނެތިއެވެ. ފިތުނަވެރިކަމަށް ހަމަ އެއްވެސް މިންވަރެއްގެ ފުރުޞަތެއް ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. އެހެނީ ފިތުނަވެރިކަމަކީ ﷲ ތާޢާލާ އެންމެ ރުހިވޮޑިގެން ނުވާ އެއްސިފައެވެ!

ކަންމިހެން އޮތް ނަމަވެސް ކިރިޔާ ކަމެއްވާއިރަށް އަޑުގަދަކޮށް މީހުން އެއްކުރަން ބޭނުންވާ ބައަކު އުޅެއެވެ. އެކުރެވެނީ ވަރަށް ދެރަކަމެކެވެ. އެކަމުގެ ސަބަބުން އުފެދޭނީ އިތުރު މައްސަލަތަކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން