ރަސޫލާ (ﷺ) ދަސްފުޅުކޮށް ދެއްވެވި ގޮތް ނޫން ގޮތަކަށް އަޅުކަންކުރުމަކީ ރަސޫލާ (ﷺ) އާ ޗެލެންޖުކުރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ރަސޫލާ (ﷺ) ދަސްފުޅުކޮށް ދެއްވެވި ގޮތް ނޫން ގޮތަކަށް އަޅުކަންކުރުމަކީ ރަސޫލާ (ﷺ) އާ ޗެލެންޖުކުރުން!: މުފްތީ މެންކް
އަޅުކަންކުރަންވީ ގޮތް އެންމެ މޮޅަށް އެނގިވަޑައިގަންނަވާނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށެވެ. އެހެނީ ﷲ ތަޢާލާގެ ހަޟްރަތުން ސީދާ ބަސްވަހީ ކުރެއްވެވުނީ އިތުރު މާތް ނަބިއްޔާ (ﷺ) އަށެވެ. ވަޙީ ބާއްވަވައިލެއްވެވުނީ އިތުރު މާތް ނަބިއްޔާ (ﷺ) އަށެވެ. އަޅުކަން ކުރާނެ ގޮތް ޖިބްރީލްގެފާނު ދަސްފުޅުކޮށްދެއްވެވީ އިތުރު މާތް ނަބިއްޔާ (ﷺ) އަށެވެ.

އެހެންކަމަށްވާއިރު އަޅުކަން ކުރަން އިތުރު މާތް ނަބިއްޔާ (ﷺ) ދަސްފުޅު ކޮށް ދެއްވަވާފައިވާ ގޮތް ނޫން ގޮތްގޮތަށް އަޅުކަން ކުރަން ބުނާނަމަ އެމީހަކު އެކުރަނީ ކީއްހެއްޔެވެ؟ އިތުރު މާތް ނަބިއްޔާ (ﷺ) ދަސްފުޅުކޮށްދެއްވެވި ގޮތް ނޫން ގޮތަކަށް ކަންކަން ކުރާނަމަ އެކުރަނީ ކީއްހެއްޔެވެ؟

މިކަމުގައި އަހަރެންގެ ޖަވާބު ވަރަށް ސާފެވެ. އެމީހާ އެބުނަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށްވުރެ ބޮޑަށް އެމީހަކަށް ކަންކަން އެނގޭ ކަމަށެވެ. އިތުރު މާތް ނަބިއްޔާ (ﷺ) އަށްވުރެ އެމީހަކު މާމޮޅު ކަމަށެވެ. އެމިހާއަކީ ކަނޑައެޅިގެން އިތުރު މާތް ނަބިއްޔާ (ﷺ) އަށް ކަނޑައެޅިގެން ފުރައްސާރަ ކުރާ މީހެކެވެ.

މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ނުރައްކައުތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމެކެވެ. މިކުރެވެނީ ކީއްކަމާއިމެދު އެއްވެސް ވަރަކަށް ވިސްނައިނުލާ ބަސްބުނެ ކަންކަންކުރާ މީހުން އިތުރުވަމުންދާތީއެވެ.

ރަނގަޅަށް ވިސްނާށެވެ. ﷲ ތައާލާ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވެވީ ދީނުގެ ކަންކަމާއި ﷲ ތައާލާއަށް އަޅުކަން ކުރަންވީ ގޮތް ދަސްފުޅު ކޮށްދެއްވެވުމަށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވެސް ފޮނުއްވުނީ ހަމަ އެ މަތިވެރި މަޤްޞަދުގައެވެ. މާތް ރަސޫލާ (ﷺ) ދަސްފުޅުކޮށް ދެއްވެވީ މީސްތަކުން ﷲ ތަޢަލާއަށް އަޅުކަންކުރަން ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ގޮތެވެ. ވީއިރު އެގޮތަށްވުރެ މޮޅު ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟ އެނގޭ ކަމަށް ބުނާނަމަ އެމީހާ އެކުރަނީ ސީދާ ޗެލެންޖެވެ. އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މީސްތަކުންނޭވެ! އަހަރެމެން އެއްވެސް މީހަކީ އަޅުކަން އުފެއްދޭނެ މީހެއް ނޫނެވެ. އަޅުކަމުގެ ނަމުގައި އުފައްދާ ކޮންމެ ކަމެއްވާނީ ބިދުޢައަކަށެވެ. ބިދުޢަ ގެންދާނީ މީސްތަކުން ނަރަކައަށެވެ. ސުވަރުގެއަކަށް ނޫނެވެ.

އެއްވެސް މީހަކީ އަޅުކަމުގެ ގޮތުގައި ކަންކަން ކޮށްގެން ނަރަކައަށް ދިއުމަށް އެދޭނެ މީހަކަށް ނުވާނެއެވެ. ވީމާ އަޅުކަން ކުރުމުގައި މިކަންކަމަށް ސަމާލުކަން ދިނުމަށް ގަދައަޅައި ވަޞިއްޔަތް ކުރަމެވެ. ކީރިތި ޤްރްއާނާއި ސުންނަތުން ސާބިތު ނުވާ ކަންކަމަކީ އަޅުކަމަށް ނުހަދާށެވެ! ޞަޙީޙް ޙަދީޘްފުޅުތަކަށް ނޫނީ އަމަލު ނުކުރާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން