ދިވެހިންނަށް ހަޤީޤީ މިނިވަންކަން ލިބުނީ 900 އަހަރުކުރިން އިސްލާމް ދީން ގެނެސް "ބުދުތައް ތަޅާ ސުންނާފަތިކުރުމުން"- ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދިވެހިންނަށް ހަޤީޤީ މިނިވަންކަން ލިބުނީ 900 އަހަރުކުރިން އިސްލާމް ދީން ގެނެސް "ބުދުތައް ތަޅާ ސުންނާފަތިކުރުމުން"- ޚުޠުބާ
"އަޅުގަނޑުމެން މިއަދު ވޭތިކުރަމުން މިދަނީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނަށް މިނިވަންކަން ލިބުމުގެ އުފާވެރި ދުވަސްތަކެވެ. އަޅުގަނޑުމެންނަށް ހަޤީޤީ މިނިވަންކަން ލިބުނީ މީގެ 900 ވަރަކަށް އަހަރުކުރިން މާތް ﷲ އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ މަތިވެރި ނިޢުމަތްތައް ދެއްވެވުމުންނެވެ. މި ލޮބުވެތި ވަޠަން މިނިވަންކަން މަތީގައި ދެމިއޮތީ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތްތަކުގެ ސަބަބުންނެވެ.

މިފަސްގަނޑު އިސްތިއުމާރުކުރަން އުޅުނު އެންމެހައި ބާރުތައް ހަލާކުވެގެންދިއައީ މިދީނަށްޓަކައި ޖިހާދުކުރެއްވި ޤައުމީ އަބްޠާލުންގެ ސަބަބުންނެވެ. ހަޤީޤީ މިނިވަންކަމަކީ އިސްލާމް ދީން އަޅުގަނޑުމެންނަށް ގެނެސްދިން ތައުޙީދުގެ މިނިވަންކަމެވެ."

މިއީ މިއަދުގެ ޚުޠުބާ ފަށައިގަތް އިބާރާތްތަކެވެ. މިބަސްފުޅުތަކަށް ބަލާއިރު ވެސް އެނގިގެންދަނީ ދިވެހިންނަށް މިނިވަންކަން ލިބުނީ މީގެ 900 ވަރަކަށް އަހަރުކުރިން އިސްލާމް ދީން ރާއްޖެ ގެނެސް އެއިރު ރާއްޖޭގައި އޮތް ބުދު ދީން ނައްތައިލުމުން ކަމެވެ. ބުދު ކޮއިލުތަކާއި ބުދުތައް ތަޅާ ސުންނާފަތިކޮށް ﷲ ގެ މަތިވެރި ކަލިމަ "ﷲ އަކްބަރު" މަތިވެރިކުރުމުން ކަމެވެ. ބުދު ކޮއިލުތައް ތަޅައި ސުންނާފަތި ކުރުމަށްފަހު މިސްކިތްތައް އެޅުމުން ކަމެވެ.

މީގެ ކުރީގެ އުންމަތްތައް ފަސާދަވެ ބުދުދީން ފެތުރިގެން ދިއައީ އެއްފަހަރާ ބުދުކޮއިލުތަކެއް ހެދުމަކުންނޫނެވެ. ފުރަތަމަ ބަހައްޓަނީ ދާދި މަދު އަދަދެއްގެ ބުދެވެ. ބައެއް ޤައުމުތަކުގައި ބެހެއްޓީ ބުދުގެ ނުވަތަ މީހުންގެ ކުރެހުންތަކެވެ. އެ ކުޑަ އަމަލު ބޮޑުވެ ބިޔަވަމުން ގޮސް މީސްތަކުންނަށް ދީން އޮޅި ބުދުތަކަށް އަޅުކަން ކުރެވެން ފެށެނީއެވެ. ﷲ ތަޢާލާގެ މަތިވެރިކަން ހިތުން ފިލައި ދަނީއެވެ.

މިއީ ތާރީޚުން ފެންނަން ހުރި ކަންކަމެވެ. މިއަދު ރާއްޖޭގައި ވެސް މިވަނީ ބޮޑެތި ބުދުތައް ބަހައްޓަން ފަށައިފައެވެ. ބުދު ކޮއިލުތައް ހަދަން ފަށާފައެވެ. މިކަމުގެ ނަތީޖާ ފެނިގެންދާނީ އަހަރުތަކެއް ފަހުންނެވެ. ފުރަތަމަ މިކަން މިކުރީ ރިޒޯޓެއްގައެވެ. ދެން ފެންނާނީ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ރަށްރަށުގައި މިފަދަ ތަންތަން ހަދާތަނެވެ. ހޮޅުއަށިތަކުގެ ބަދަލުގައި ބުދުކޮއިލުތައް ހެދިގެންދާތަނެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! އިސްލާމް ދީން މަތިވެރިކުރުމުގެ ވާހަކައާއި ދީނީ ވަހުދަތު ހިމާޔަތްކުރުމުގެ ވާހަކަތައް ދައްކަމުން އަމަލުން މިދެއްކެނީ ހާދަހައިވާ ނުބައިކަން ބޮޑުވެގެންވާ މުންކަރާތްތައް ޢާންމުކުރާ ތަނެވެ!
މިއަދު އޮންލައިން