ދިވެހި ކޮންމެ ރައްޔިތަކީވެސް ޤައުމުގެ މުއްސަނދިކަމާއި ތަަނަވަސްކަން ރައްކައުތެރިކުރާ މީހަކަށް ވުމަށް އިމާމް ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ ޤައުމު ބިނާ ކުރެވޭނީ ޤައުމުގެ ކޮންމެ ފަރުދަކުވެސް ޤައުމުގެ މުއްސަނދިކަމާއި ތަނަވަސްކަން ރައްކައުތެރިކުރިވަރަކުން ކަމަށެވެ. އަދި ޤައުމު ބިނާ ކުރުމަށްޓަކައި ހުރިހާ ރައްޔިތުން ގުޅި އެއްބައަކަށްވެ އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
އިމާމް ވިދާޅުވީ ޤައުމު ބިނާކުރެވޭނީ ޤައުމު ބިނާކުރަން އެންމެން އެއް ރޫހެއްގައި މަސައްކަތްކޮށްގެން ކަމަށެވެ. ހަމައެއާއިއެކު އެކުވެރިކަމާއި އެއްބާރުލުން އިތުރުކޮށްގެން ކަމަށެވެ.
ޤައުމުގެ މާލިއްޔަތަށް ތެދުވެރިވެ އިޚްލާޞްތެރިވުމުގެ މުހިންމުކަން މިމޭރުމުން ބަޔާންކުރެއްވުމުގެ އިތުރުން މީހުން ހިފައި ހައްޔަރުކޮށް ބޮޑެތި ޙުކުމްތައް އިއްވައި ޖަލަށްލަމުން ގެންދާ މައްސަލައަށްވެސް އިމާމް ވަނީ ބައްލަވާ ލައްވައިފައެވެ.
އިމާމް ވިދާޅުވީ ޤައުމު ބިނާކުރެވޭނީ ތިމާގެ މިނިވަންކަމުގެ ބޭނުންކުރާއިރު އަނެކުންގެ މިނިވަންކަން މަތިން ހަނދާންބަހައްޓައިގެން ކަމަށެވެ. މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެންވެސް އަތުކުރި އޮޅާލައިގެން ކަމަށެވެ.
އިމާމްގެ މި ބަސްފުޅުތަކުގެ މާނައަކީ އެންމެން ވެސް ހިތްވަރާއިއެކު މިނިވަންކަން ހިމާޔަތްކޮށް ދަމަހައްޓަން މަސައްކަތްކުރަންޖެހޭނެ ކަމެވެ. ނުހައްޤުން ހަމަ އެކެއްގެ މިނިވަންކަމަށްވެސް އަރައިގަނެގެން ނުވާނެ ކަމެވެ. ސިއްރު ހެއްކާއި އިންޓެލިޖެންސް ރިޕޯޓްތައް ހުރި ކަމަށްބުނެ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް އަނިޔާކޮށްގެން ނުވާނެ ކަމެވެ.