އިސްލާމް ދީނުގެ އަދުއްވުން އިސްލާމް ދީނާއި ދެކޮޅަށް ގަދައަޅައި މަސައްކަތްކުރާއިރުވެސް މަތިވެރިވަމުން ދަނީ އިސްލާމް ދީނެވެ. އެކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ.
އިންޑޮނޭސިއާގެ އަވަށެއް އެކުގައި ހެން ވަނީ "ކްރިސްޓިއަން" ކޮށްފައެވެ. އެކަމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކުރި އެއް ކަމަކީ އަވަށުގައި ތިބި ޤާބިލު ޒުވާނުންނާއި ހަރުމީހުން އަދި މުސްކުޅިން ހިމަނައިގެން މީސްތަކުންނަށް ކްރިސްޓިއަން ދީން ދަސްކޮށްދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމެވެ.
ޕްރޮގްރާމުގެ ބައިވެރިންގެ ތެރެއިން އެއްވަނަ ހޯދި މީހާއަށް އިނާމާ ސެޓުފިކެޓާއި ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު އެފައިސާއިން ކުރާނީ ކީއްތޯ ސުވާލުކުރުުމުން ބުނީ ފައިސާއިން ހައްޖުވާނީ ކަމަށެވެ. މިކަމުންވެސް އެނގިގެންދަނީ އިސްލާމް ދީނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތައް އެމަސައްކަތްތައް ކުރާ މިންވަރަށް ކާމިޔާބުވަމުން ނުދާ ކަމަށެވެ.
އިސްލާމް ދީނާއި ދެކޮޅަށް ގިނަ ބައަކު ދަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. އެއްގޮތަކުން ފެއިލްވެއްޖެނަމަ ކެތްތެރިކަމާއިއެކު މަސައްކަތްކޮށް ދެވަނަ ގޮތެއް ރާވައެވެ. އެގޮތުން ފެއިލްވެއްޖެނަމަ ހަމަ ކެތްތެރިކަމާއިއެކު މަސައްކަތްކޮށް އިތުރު ގޮތްތައް ރާވައެވެ.
މުސްލިމުންނަށްވެސް މިފަދަ ކެތްތެރިކަން ލިބެން އެބަޖެހެއެވެ. ކެތްތެރިކަމާއިއެކު މަސައްކަތްކޮށް އިސްލާމް ދީން މަތިވެރިކުރުވޭނެ ގޮތްތައް ހޯދައި އެކަންކަން ތަންފީޒުކުރަން މަސައްކަތްކުރަން އެބަޖެހެއެވެ. ކެތްތެރިކަމާއިއެކު މަސައްކަތްކުރާނަމަ އިސްލާމް ދީން މިހާރަށްވުރެ މާ ބާރަށް ކުރިއަރައިގެންދާނެ އެވެ.
އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ. އެހެން މީހުން އަމަލުކުރާ ގޮތް ބަލައި އެމީހާ އުޅޭ ގޮތަށް އުޅެން މަސައްކަތްކުރާކަށް ނުޖެހެއެވެ. އެހެން މީހަކު ބަހެއް ބުނެފާނެތީ ލަދުގަނެ ފަސް ޖެހޭކަށް ނުޖެހެއެވެ.
ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެމީހުންނަކީ ޤަވާއިދުން ނަމާދުކުރާ ބައެއްކަމަށް ބުނުމުން އެކަމަށް ލަދުން ނަމާދުކުރަން އެބަ ފަސްޖެހެއެވެ. ޖަމާއަތަށް ނަމާދަށް ދާން އެބަ ފަސްޖެހެއެވެ. މިއީ އެއްވެސް ޙާލެއްގައި އެކަންކޮށްގެންވާނެ ގޮތެއް ނޫނެވެ. މުސްލިމުންގެ ގޮތަކީ މީހަކު ބުނެފާނެ ބަހަކަށް ނުބަލައި ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން އަމަލުތައް ކުރުމެވެ.
ޤިޔާމަތް ދުވަހު ކޮންމެ މީހަކާއި ވެސް ސުވާލުކުރެވޭނީ އެމީހަކު އަމަލުކުރި ގޮތަކާއިމެދުގައެވެ. އެމީހަކު ކުރި ކަންކަމާއިބެހޭގޮތުންނެވެ. އެއްވެސް އިތުރު މީހަކު ކުރި ކަމަކާއިބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރައްވަވާނެއެވެ.
އެހެކަމަށްވާއިރު އެހެން މީޙަކު އުޅޭ ގޮތް ބެލުމާއި އެހެން މީހަކު ބުނެފާނެ ބަހަކަށްބަލައިގެން ކަންކަން ކުރުމެއް ނެތެވެ. އޮތީ އެމީހަކު ހެޔޮ އަމަލުކުރުމާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް ނިމާލް މުޙައްމަދު ދެއްވި ދަރުސުން