ތަޤްވާވެރިންނަކީ މާލީ ކަންކަމުގަ ކަންބޮޑުވެ ނުތަނަވަސްކަން ލިބިގެން ދެކޮޅަށް ދުވަންޖެހޭނެ ބައެއް ނޫނެވެ. ތަޤްވާވެރިންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ދެންނެވުމެވެ. އެމިހާއަކީ ތަޤްވާވެރިއެއް ނަމަ އެކަމުގެ ޙައްލު ﷲ ތަޢާލާ އެމީހަކަށް ކޮންމެވެސް މަގަގެއް މެދުވެރި ކުރައްވަވައިގެން ދައްކަވާނެތެވެ. މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
މިކަން މިމަގުން އޮތީ ހަމައެކަނި ފައިސާގެ މައްސަލަތަކުގައެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މިކަން އޮތީ ހަމަ މިމަގުންނެވެ. އެއީ ބަލިމަޑުކަމެއް ނަމަވެސް ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ކަމަށްވީނަމަވެސްމެއެވެ.
ޚިޔާލަށް ގެންނާށެވެ. އަހަރެމެން އެއްވެ މިތިބަ ހޯލުގެ ހުރިހާ ދޮރުތަކެއް ވަނީ ތަޅުލެވިފައެވެ. ނުކުމެވޭނެ އެއްވެސް މަގެއް ނެތެވެ. އެތެރޭގައި އަލިފާން ރޯވީއެވެ. އެފަދަ ހާލަތުގައިވެސް މިތަނުން އަހަރެމެންނަށް ނުކުމެވޭނެ ކޮންމެވެސް މަގެއް ﷲ ތަޢާލާ ދައްކަވާނެއެވެ.
މިއީ އަހަރެން ތިއަބައިމީހުންނަށް ދޭ ޔަޤީންކަމެއް ނޫނެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމެކެވެ. ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އޮތް ކަމެކެވެ.
މިފަދައިން ދޮރުތައް ﷲ ތާޢާލާ ހުޅުއްވަވައިދެއްވަވައި ސަލާމަތްކަން ދެއްވަވާނީ އަހަރެމެންނަކީ ތަޤްވާވެރިންކަމުގައިވާނަމައެވެ. އަހަރެމްނެގެ އަޤީދާ އަކީ އެވަރަށް ވަރުގަދަ އަޤީދާއަކަށްވާނަމައެވެ. ﷲ އަންގަވާފައިވާ ފަދައިން ހުރިހާ ކަމެއްގައިވެސް އަމަލުކުރަމުންދާ ބައެއް ކަމުގައިވާނަމައެވެ.
- ޝައިޚް ވައްހާޖް ޠަރިން ގެ ދަރުސަކުން -