ދުނިޔޭގައި އިންސާނުން އުޅެން ފެށި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ބެލި ނަމަވެސް ފާފަތައް މިހައި ގިނައިން ކުރާ ޒަމާނެއް އަދި ފާފަކުރަން މިހާރަށްވުރެ ފަސޭހަ ޒަމާނެއް ދުނިޔެ ދެކެފައެއް ވުވެއެވެ! ނިކަން ބުނެބަލާށެވެ! ތިބާ ކޮންމެ ތަނެއްގައި ފާފަކުރެވޭނެ ވަސީލަތްތައް ނެތް ހެއްޔެވެ؟ ނިދަންނަ އޮންނަ ބާލީސްމަތީގައި އެފަދަ ވަސީލަތްތައް ނެތީހެއްޔެވެ؟
ތަންތަނަށް ގޮސްއުޅޭއިރު މީހުން، އެމީހުން ފޯނު ގެންގުޅޭތަން ބަލަމެވެ. ފެންނަ ފެނުމުގައި 80 އިންސައްތަ މީހުން ފޯނުން ބަލަން ތިބެނީ އިސްލާމް ދީން ހުއްދަ ނުކުރާ މަންޒަރުތަކެވެ. ވީޑިއޯތަކެވެ. ފޮޓޯތަކެވެ. މި ބުނެލީ މިހާރު އެންމެ ޢާންމު އެއްކަންތަކެވެ.
ސައިންސާއި ޓެކްނޮލޮޖީ ކުރިއަރައިފިއެވެ. މީސްތަކުން އެއިގެ ބޭނުން ހިފާމިންވަރު އިތުރުވެއްޖެއެވެ. ބައެއް މީހުން އެއިގެ ބޭނުން ހިފަމުން ބުނަނީ ސިކުނޑިއަށް ހަމަޖެހުން ގެންނަން ކުރާ ކަމެއް ކަމަށެވެ. އުފާ ހޯދަން ކުރާ ކަމެއް ކަމަށެވެ.
ސުވާލަކީ އެބުނާ އެއްވެސް ކަމެއް އެއިން ޙާޞިލުވޭ ހެއްޔެވެ؟ ކޮންމެ އަހަރަކު އެތައް މިލިއަން މީހުން މަރުވެއެވެ. މީހަކު ކުރިކަމަކާއި ނުލައެވެ. މީހަކު ބަޑިޖަހައިގެނެއް ނޫނެވެ. ނުވަތަ މީހަކު އެމީހުން މަރައިގެނެއްވެސް ނޫނެވެ. މިބުނަނީ އަމިއްލައަށް މަރުވާ މީހުންގެ އަދަދު ކޮންމެ އަހަރަކު އެތައް މިލިއަނަށް އަރާ ވާހަކައެވެ. އަހަރުން އަހަރަށް އަމިއްލައަށް މަރުވާމީހުންގެ އަދަދު އިތުރުވަމުން އަންނަ ވާހަކައެވެ.
އަހަރެމެންގެ ވަށައިގެން ފުނިޖެހިފައި މިވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. ވަސީލަތްތަކެވެ. ތިއަ ބުނާ ހިތްހަމަ ޖެހުމާއި އުފާ އެއިން ލިބޭނަމަ އަހަރުން އަމިއްލައަށް މަރުވާމީހުންގެ އަދަދު އަހަރުން އަހަރަށް މިހައި ބޮޑުތަން އިތުރުވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލައަށް މަރުވުމަކީ މާބޮޑު ހިތްހަމަޖެހުން ލިބޭ ކަމަކީ ހެއްޔެވެ؟
އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ. އަހަރެމެންގެ މެދުގައި ޢާންމުވަމުން މިދަނީ ހިތާމަ އާއި ހިތްދަތިކަމެވެ. ކައިވެނީގެ ފުރަތަމަ 15 އަހަރަށް ބަލައިފިނަމަ 44 އިންސައްތަ މީހުން ވަރިވެއެވެ. ކީއްވެގެން ހެއްޔެވެ؟ ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ބޮޑުކަމުން ހެއްޔެވެ؟
ހަމަ ހުރިހާ މައްސަލައެއްގެ އަސްލަކީވެސް ﷲ ތަޢާލާ އަނގަވާފައިވާ ގޮތާއި ދުރަށް ދެވޭކަމެވެ. ޓެކްނޮލޮޖީގެ ބޭނުންވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހިފާނަމަ ލިބޭނީ ފައިދާއެވެ. ގެއްލުން ލިބެނި ﷲ ތަޢާލާ އަންގަވާފައިވާ އިންތައް ދޫކޮށް އެއިންތަކުން ބޭރަށް ދެވޭތީއެވެ.
ފޯނަށް އެކަނި ބަލާށެވެ! ފޯނު އެއިގެ ބޭނުން ހެޔޮ ގޮތުގައި ހިފާނަމަ އެއީ ކިހައި މުހިންމު އެއްޗެއް ހެއްޔެވެ؟ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެމީހަކު ބޭނުން ކޮންމެ މަސައްކަތެއް ކުރެވޭ ވަސީލަތެކެވެ. ދުނިޔޭގެ ދެކޮޅުގައި ތިބެން ޖެހުނު ނަމަވެސް ޢާއިލާގެ ޙާލު ވަގުތުން ބަލައި އެކުގައި ދިރިއުޅުމަށް ބޭނުން ކުރެވެން އޮތް ވަސީލަތެކެވެ. ނަމަވެސް ގޯހުން ގޯހަށް ކަންކަން ގޮސް ފޯނުގެ ސަބަބުން ފާފަވެރިވެ ނަރަކައަށް ދާންޖެހޭ ހިސާބަށް ކަންކަން މިދަނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އިންތަކުން ބޭރުވެވޭތީއެވެ. ނުކުރަން އަންގަވާފައިވާ ގޮތުގައި ފޯނުގެ ބޭނުން ހިފާތީއެވެ!
ރަނގަޅު ގޮތުގައި ބޭނުންކުރުމުން އެހައިމެ ފައިދާ ކުރާ ފޯނު މިއަދު މިވަނީ ނަރަކައަށް މިހާ ދަމާ ދަގަތްފާނަކަށް ވެފައެވެ! އެއިގައި ތަތްވެގެންގޮސް ނަރަކައަށް ވެއްޓޭއިރުވެސް އެނގޭ ކަމަކަށް ނުވެއެވެ! ޢާއިލާ ރޫޅި މަގުމަތިވާއިރުވެސް އެނގޭ ކަމަކަށް ނުވެއެވެ! ވީއިރު އިލްމީ ގޮތުން ހޯދެމުން މިދާ ކުރިއެރުމުން އިންސާނިއްޔަތަށް ކުރާ ފައިދާއަކީ ކޮބައިހެއްޔެވެ؟ އަމިއްލަ ނަފްސް ނަރަކައިން ސަލާމަތްކުރަން ނުއެނގޭނަމަ ކިޔެވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ބިރުވެތިވާށެވެ! ބުއްދީގެ ބޭނުންހިފާށެވެ! ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.
- ލަވް އިސްލާމްގެ ދަރުސަކުން